ސޫރަތުލް ޢަލަގި (1)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު

މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި އެކުލެވިގެންވަނީ 19 އާޔަތެވެ.

(اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾  )

އިޝްތިހާރު Below Header ad

މިސޫރަތުގެ ފުރަތަމަ ފަސް އާޔަތަކީ ކީރިތި ގުރްއާނުގައި އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކެވެ. މިއާޔަތްތައް ބާވާލެއްވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިރާ ފަރުބަދައިގައި ހުންނަވަނިކޮށެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ގުރްއާނުގެ އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކަކީ ސޫރަތުލް މުއްދައްޘިރުގެ (يَا أَيُّهَا الْمُدَّثِّرُ‌  )އެވެ.

އެހެން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ގުރްއާނުގެ އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކަކީ ސޫރަތުލް ފާތިޙާ އެވެ.

އެހެން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ގުރްއާނުގެ އެންމެ ފުރަތަމަ ބާވާލެއްވުނީސޫރަތުލް އަންޢާމްގެ 151 ވަނަ އާޔަތެވެ.(قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ ﴿١٥١﴾) މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.”

ނަމަވެސް ރާޖިޙް ގޮތަކީ އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކީ ޢަލަގު ސޫރަތުގެ ފުރަތަމަ ފަސް އާޔަތް ކަމެވެ.

މައްކާގެ އަހްލުވެރިން ބުދަށް އަޅުކަންކުރާތީވެ އެކަމާ ހިތްޕުޅަށް ނުތަނަވަސްކަންލިބިވަޑައިގެން މީސްތަކުންނާއި ދުރުހެލިތަނެއްގައި ހުންނެވުމުގެ ބޭނުމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- “ހިރާ” އޭ ކިޔުނު ފަރުބަދަ އެއްގެ ހޮހޮޅަ އަކަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ބޭނުންވާނެ ކާބޯތަކެތިވެސް އެތަނަށް ގެންދަވައެވެ.

އަދި އެތަނުގައި ދުވަސްތަކެއްވަންދެން ހުންނަވައެވެ. މިކައުނު ހެއްދެވީ ކޮންފަރާތަކުންތޯ ވިސްނާ ފިކުރު ކުރެއްވުމުގައެވެ. މިގޮތަށް ދުވަސްތައް ވޭތުވަމުން ދަނިކޮށް ރަމަޟާން މަހެއްގެ ދުވަހެއްގައި އުޑާއި ބިން ހެއްދެވީ ކޮންފަރާތަކުންތޯ ފިކުރުކުރައްވަން ހުންނަވަނިކޮށް ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް ފައިބައިވަޑައިގަތެވެ.

އަދި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. “ކިޔަވާށެވެ”. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބު ދެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކިޔަވާ ބޭކަލެއް ނޫނެވެ”، ޖިބްރީލް ޢަލައިހިއްސަލާމް ތިންފަހަރަށް ތަކްރާރުކޮށް ކިޔެވުމަށް އަމުރުކުރެއްވިއެވެ. ކޮންމެ ފަހަރަކުވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބުގައި ވިދާޅުވަނީ “ތިމަންކަލޭގެފާނަކީ ކިޔަވާވިދާޅުވާ ބެކަލަކީމެއް ނޫނެވެ” މިފަދައިންނެވެ.

އެންމެ ފަހުންފަހަރު ޖިބްރީލް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. “ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާޙުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ، އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑުލޭކޮޅަކުންނެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހަކީ އެންމެ ދީލަތިވަންތަ އިލާހެވެ. އެކަލާނގެއީ ގަލަމްގެ ޛަރީޢާ އިން އުނގަންނައިދެއްވި އިލާހެވެ”.

މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކެވެ. އެކަލޭގެފާނު އެއާޔަތްތައް ހިތުން ދަސްކުރެއްވިއެވެ.

އެކަލޭގެފާނު ބިރުފުޅުގަނެފައިވާ ޙާލު ތުރުތުރުއަޅަމުން އަނބިކަބަލުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ރަޖާއަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ. ރަޖާ އަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ”. އެކަލޭގެފާނުގެ ހިތްޕުޅުން ބިރުވެތިކަން ފިލައިގޮސް ހަމަޖެހިލެއްވީމާ ކަންތައްވީ ގޮތް އަނބިކަބަލުން ޚަދީޖާ- ރަޟިޔަﷲ ޢަންހާ އަށް ކިޔައިދެއްވިއެވެ. އެކަމަނާ އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އަދި ވިދާޅުވިއެވެ. އޭ ބޮޑުބޭބެގެ ދަރިޔާއެވެ. އުފާ ކުރައްވާށެވެ. ކަލޭގެފާނަކީ މިއުއްމަތުގެ ނަބިއްޔާކަމުގައި ވުމަށް ތިމަންކަމަނާ އުއްމީދު ކުރައްވަމެވެ”.

އަދިވެސް ވިދާޅުވިއެވެ. (فَوَاللَّهِ لَا يُخْزِيكَ اللَّهُ أَبَدًا ، فَوَاللَّهِ إِنَّكَ لَتَصِلُ الرَّحِمَ ، وَتَصْدُقُ الْحَدِيثَ ، وَتَحْمِلُ الْكَلَّ ، وَتَكْسِبُ الْمَعْدُومَ ، وَتَقْرِي الضَّيْفَ ، وَتُعِينُ عَلَى نَوَائِبِ الْحَقِّ) މާނައަކީ: “މާތް ﷲ ގަންދީ ބުނަމެވެ. މާތް ﷲ ކަލޭގެފާނު ގެއްލެނިވި ނުކުރައްވާނެއެވެ. ހަމަކަށަވަރުން ކަލޭގެފާނު ރަޙިމްގެ ގުޅުން ދަމަހައްޓަވައެވެ. އަދި ވާހަކަ ދައްކަވާއިރު ތެދުފުޅު ހައްދަވައެވެ. އަދި ކަލޭގެފާނުގެ އަރިހަށް މީހަކު ކަމަކާއިގެން އަތުވެއްޖެނަމަ އެމީހަކަށް އެކަމެއް ކޮށްދެއްވައެވެ. އަދި ކަލޭގެފާނުގެ ފަރާތުން މެނުވީ އެމީހުންނަށް ނުލިބޭނެ ފަދަ ތަކެތި ފަސޭހަކަމާއި އެކު އެމީހުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވައި ރިވެތި ގޮތުގައި މީސްތަކުންނާއި މުޢާމަލާތް ކުރައްވައެވެ. އަދި ކަލޭގެފާނު މެހްމާނުންނަށް ހެޔޮކޮށް ހިއްތަވައެވެ. އަދި މުޞީބާތެއް ޖެހިފައިވާ މީހާ އަށް ކަލޭގެފާނު އެހީތެރިކަން ދެއްވައެވެ.”
ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ގުރްއާން ބާވާލެއްވުނު އިރު ޢުމުރުފުޅަކީ 40 އަހަރެވެ.

(خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ ( މާނައަކީ: “ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.”

“އަލަގް” އަކީ “ޢަލަގާ” ގެ ޖަމްޢު އެވެ. މިތަނުގައި ޖަމްޢުގެ ޞީޣާ ގެންނަވާފައިވުމުގެ ޙިކްމަތަކީ: ހުރިހާ އިންސާނުން ޝާމިލު ކުރެއްވުމެވެ. ހުރިހާ އިންސާނުންވެސް ހެއްދެވީ ގަނޑުލޭކޮޅަކުން ކަމެވެ.

މިއާޔަތުގައި ހަމައެކަނި އިންސާނުންގެ ވާހަކަ ޛިކްރު ކުރައްވާފައިވުމުގެ ޙިކްމަތަކީ: އިންސާނުންގެ މާތް ކަން ބަޔާން ކުރެއްވުމެވެ. އަދި އިންސާނާ އަށް ދެއްވާފައިވާ މަތިވެރި ނިޢްމަތްތަކުގެ މަތިން ހަނދުމަ ކޮށް ދިނުމެވެ. ކުޑަކުޑަ ގަނޑު ލޭކޮޅަކުން އުފެއްދެވުމަށްފަހު ބުއްދި ހުރި އިންސާނަކަށް ބަދަލު ކުރެއްވިއެވެ.

(اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ ) މާނައަކީ: “ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.”

(الْأَكْرَ‌مُ) އެކަލާންގެ އަޅުތަކުންގެ ޖާހިލު ކަމާއި އެކުގައިވެސް ﷲ ތަޢާލާ އެބައިމީހުންނާއި މެދު ކޯފާ އިސްނުކުރައްވައެވެ. އަދި އެބައިމީހުންނަށް ޢުގޫބާތް ދެއްވުމުގައި އަވަސްވެވޮޑިގެން ނުވެއެވެ.

ބައެއް ޢިލްމުވެރިން އާޔަތުގެ މާނަ އެއް ކަމުގައި ވިދާޅުވެއެވެ. “އޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ކަލޭގެފާނަށް އެހީތެރިވެ ވޮޑިގަންނަވާނެއެވެ. ކަލޭގެފާނަށް ކިޔަވާ ވިދާޅުވާން ނޭނގުނުނަމަވެސް ﷲ ތަޢާލާ އެކަމާ ކަލޭގެފާނުދެކެ ކޯފާވެވޮޑިގެން ނުވެއެވެ.”

(الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾  ) މާނައަކީ: ” އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ.”

އިންސާނާ އަށް ގަލަމްގެ ޛަރީޢާ އިން ލިޔަން ދަސްކޮށްދެއްވިއެވެ.

ގަތާދާ- ރަޙިމަހުﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. “ގަލަމަކީ ﷲ ދެއްވި މަތިވެރިވެގެންވާ ނިޢްމަތެކެވެ. އެޔާއި ނުލާ ދީން ގާއިމް ނުވާނެއެވެ. އަދި ދިރިއުޅުން ހަމައެއްވެސް ނުޖެހޭނެއެވެ. މިއިން ދަލާލަތު ކޮށްދެނީ ﷲ ގެ ދީލަތިވަންތަ ކަމެވެ. ގަލަމްގެ ޛަރީޢާ އިން އިންސާނާ އަށް ނޭނގޭ ކިތަންމެ ކަމެއް ދަސްކޮށްދެއްވިއެވެ. އަދި ޖަހާލަތުގެ އަނދިރިކަމުން ޢިލްމުގެ ނޫރުގެ ތެރެއަށް ނެރުއްވިއެވެ.

وَعَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ : يَا رَسُولَ اللَّهِ ، أَأَكْتُبُ مَا أَسْمَعُ مِنْكَ مِنَ الْحَدِيثِ ؟ قَالَ : ” نَعَمْ فَاكْتُبْ ، فَإِنَّ اللَّهَ عَلَّمَ بِالْقَلَمِ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުގެ ކިބައިން އަޑުއިވޭ ޙަދީޘްތައް ލިޔަން ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. “އާއެކެވެ. ލިޔާށެވެ. ހަމަކަށަވަރުން ﷲ އުނގަންނަވައިދެއްވީ ގަލަމްގެ ޛަރީޢާ އިންނެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.