އިފްކުގެ ޙާދިޘާ (4)

އައްޝައިޚް ޒަމްޒަމް ފާރިސް، 02 ޖުލައި 2017 އާގުޅޭ

ޢާއިޝާ رضي الله عنها އަށް ކުރިމަތިވެފައިވާ މިބޮޑުވެގެންވާ އިމްތިޙާނުން ސަލާމަތްވުމަށް އެހީއެއްވެދެވޭނެ އެއްވެސް މަޚްލޫޤެއް މިއުޑު ދަށުގައި ނެތްކަން ހިތްޕުޅަށް އަރައިވަޑައިގެން އަދި އެކަމަނާގެ ޚާލިޤުވަންތަ މަތިވެރިވަންތަ އިލާހަށް ފުރިހަމައަށް ވަކީލުކުރާ ޙާލު ހިތްވެރާއެކު ނަބިއްޔާ صلى الله عليه  وسلم ގެ ސުވާލުފުޅަށް އެހިނދުން ޖަވާބުދާރީވެވަޑައިގެން އެކަމަނާ ދެންނެވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިޔަބޭކަލުންގެ ހިތްތަކުގައި މިވާހަކަ ރަނގަޅަށް ހަރުލައިފުމަށް ދާންދެން މިވާހަގައިގެ އަޑު ތިޔަބޭކަލުންނަށް އިވިފައިވާކަން ތިކަންކަމަނާއަށް ޔަގީންކަމާއެކު އެނގިއްޖެއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ ތިޔަކަމުން ބަރީއަތްވެގެން ވާކަމުގައި ބުނިކަމުގައިވީނަމަވެސް – އަދި ތިމަންކަމަނާ އެކަމުން ބަރީއަތްވެގެންވާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ – ތިޔަބޭކަލުން ތިކަންކަމަނާގެ ބަސް ގަބޫލެއް ނުކުރާނެތެވެ.

އިޝްތިހާރު Below Header ad

އަދި ތިމަންކަމަނާ އެކަން ކުރިކަމުގައި ބުނެފިނަމަ – އަދި ތިމަންކަމަނާ އެކަން ނުކުރާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެން ވެއެވެ – ތިޔަބޭކަލުން ތިމަންކަމަނާގެ ބަސް ގަބޫލުކުރާނެތެވެ. ﷲ ގަންދީ ބުނަމެވެ. ޔޫސުފްގެފާނުގެ ބައްޕާފުޅު ވިދާޅުވި ބަސްފުޅަށް ވުރެ ހެޔޮ ބަހެއް ތިމަންކަމަނާއަކަށް ނެތެވެ.

(فصبر جميل والله المستعان على ما تصفون) (މާނައީ: ފަހެ، – ތިމަންކަލޭގެފާނަށް އޮތީ – ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން ، ތިޔަ ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް އެހީދެއްވާ ފަރާތަކީ اللَّه އެވެ). މިހެން ވިދާޅުވުމަށް ފަހު ކީރިތިކުރައްވާ ޙާލު ހަށިކޮޅުގައި ރަޖާގަނޑު އަޅުއްވައި އަނެއް ފަރާތަށް އެބުރިވަޑައިގެން އޮށޯވެވަޑައިގެންނެވިއެވެ.

އެކަމަނާ ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިކަންކަމަނާ އެކަމުން ބަރީއަވެގެންވާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވާކަން ތިމަންކަމަނާއަށް އެނގިވަޑައިގެންނަވައެވެ. އަދި ތިމަންކަމަނާ އެކަމުން ބަރީއަކޮށްދެއްވާނެކަންވެސް މެއެވެ. ނަމަވެސް ތިމަންކަމަނާގެ ޙައްޤުގައި ކިޔެވޭ ޥަޙީއެއްގެ ގޮތުގައި ﷲ އެކަން ލައްވާނެކަމުގައި އެއްގޮތަކަށްވެސް ހިޔެއް ނުކުރައްވަމެވެ.

އެހެނީ ތިމަންކަމަނާގެ ޙައްޤުގައި ﷲ ޥަޙީބަސްފުޅު ޥަޙީކުރައްވާ ވަރަށްވުރެ ނިކަމެތިވެގެންވާކަމުގައި ތިމަންކަމަނާގެ އަމިއްލަ ނަފްސާމެދު ދުށީމެވެ. އެއާ ޚިލާފަށް ، އެކަލޭގެފާނު އަވަހާރަފުޅުލައްޕަވައި އޮންނަވަނިކޮށް ހުވަފެނެއް ދައްކަވައި ތިމަންކަމަނާ ބަރީއަކުރައްވާނެކަމުގައި ތިމަންކަމަނާ ހީކުރެއްވީމެވެ”.

ފަހެ ޢާއިޝާ رضي الله عنها އެކަލޭގެފާނަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފަހު އޮށޯންނެވިތަނާހެން ، އަދި މާތް ނަބިއްޔާ صلى الله عليه  وسلم އިށީންދެވަޑައިގެން އިންނެވި ތަނުން ތެދުވެވަޑައިވެސްނުގަންނަވަނީސް އެކަލޭގެފާނަށް ﷲ ތަޢާލާގެ ޙަޟްރަތުން ޥަޙީ ބާއްވައިލެއްވޭ ހިނދު ވާކަންތައްތައް ކުރިމަތިވާން ފެއްޓިއެވެ.

އެކަލޭގެފާނަށް ބާއްވައިލެއްވުނު ޥަޙީބަސްފުޅުގެ ބުރަކަމުން ފިނި މޫސުމުގެ އެފިނީގައި އެކަލޭގެފާނުގެ ހަށިކޮޅުން ދާފޮދުގެ ތިކިތިކިވެސް ފައިބަން ފެއްޓިއެވެ. އަދި ޥަޙީބަސްފުޅު ބާއްވައިލެއްވި ނިމުމާއެކު އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު މުޅިން އަލިވެއުޖާލާވެގެން ދިޔައެވެ. އަދި އުފާފުޅުވެ ހިނިތުންވެވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ: “އޭ ޢާއިޝާއެވެ! އުފާފުޅުކުރައްވާށެވެ. ފަހެ ﷲ ތިޔަކަމަނާ ބަރީއަކުރައްވައިފިއެވެ”.

އެއާއެކު އެތަނުގައި ތިއްބެވި ހުރިހާ ބޭކަލުންގެ މޫނުފުޅުތަކަށް ވެރިވެފައިވި ހިތްދަތިކަން މުޅިން ފިލައި އުފާވެރިކަމާއި އުޖާލާކަމުން އަލިވެގެން ދިޔައެވެ. އަދި އެނދުމަތިން ތެދުވެވަޑައިގެން އެކަލޭގެފާނަށް ޝުކުރު އަދާކުރުމައްޓަކައި ނަބިއްޔާ صلى الله عليه  وسلم ގެ އަރިހަށް ވަޑައިގެންނެވުމަށް ޢާއިޝާ رضي الله عنها އަށް އެކަމަނާގެ މަންމާފުޅު އެހިނދު ދެންނެވިއެވެ.

ނަމަވެސް ޢާއިޝާ رضي الله عنها އެކަމަށް އިންކާރުކުރައްވައި ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ އެކަލޭގެފާނުގެ އަރިހަކަށް ތެދުވަޑައެއްނުގަންނަވާނަމެވެ. ތިމަންކަމަނާ ﷲ އަށް މެނުވީ ޙަމްދެއް ނުކުރާނަމެވެ. ތިމަންކަމަނާ ބަރީއަކޮށްދެއްވީ އެކަލާނގެއެވެ”.

ހިގައިދިޔަ ބޮޑުވެގެންވާ މި ޙާދިޘާއިން ލޮބުވެތި މާތް ޠާހިރު ކަމަނާ ޢާއިޝާ رضي الله عنها ގެ ކުށެއް ނެތްކަން ގަދަކީރިވަންތަ ﷲ ތަޢާލާ ހަތް އުޑުމަތިން ބަޔާންކުރައްވައި ބާވައިލެއްވި އާޔަތްތަކާ މެދު ހިތުގެ އެންމެ އަޑިން އުފާކުރައްވާ ޙާލު އެކަމަނާ ވިދާޅުވެއެވެ: “އަދި (إن الذين جاءوا بالإفك عصبة منكم…) ގެ ދިހަ އާޔަތް ބާއްވައިލައްވައި ﷲ ތަޢާލާ ތިމަންކަމަނާ ބަރީއަކުރެއްވިއެވެ”. “މާނައީ: މަކަށަވަރުން ، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ…”.

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “ރަސޫލާ صلى الله عليه  وسلم އެކަލޭގެފާނުގެ އަނބިކަނބަލުން ޒައިނަބް ބިންތު ޖަޙްޝް رضي الله عنها ގެ އަރިހުގައި ތިމަންކަމަނާގެ މިކަންތަކާ މެދުގައި ސުވާލުކުރައްވާ ކަމުގައިވިއެވެ. އަދި ޖަވާބުގައި ޒައިނަބު ވިދާޅުވާކަމުގައި ވިއެވެ: ‘އޭ ﷲ ގެ ރަސޫލާ صلى الله عليه  وسلم އެވެ. ތިމަންކަމަނާގެ އިވުމާއި ފެނުން (ތިޔަ ކަމުން) ރައްކާތެރި ކުރަމެވެ. ﷲ ގަންދީ ބުނަމެވެ. (ޢާއިޝާގެ ފަރާތްޕުޅުން) ހެޔޮކަމެއް މެނުވީ ތިމަންކަމަނާއަށް އެނގިގެން ނުވެއެވެ”.

އަދި މިސްޠަޙް رضي الله عنه އާއި މެދު އަބޫ ބަކުރު رضي الله عنه ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. ޢާއިޝާއާ މެދުގައި އޭނާ ދެއްކި ވާހަކައިގެން ސަބަބުން އޭނާގެ މައްޗަށް ދެން ދުވަހަކުވެސް ތިކަންކަލޭގެފާނު ހޭދައެއް ނުކުރާނަމެވެ”. އެހިނދު ﷲ ތަޢާލާ (ولا يأتل أولو الفضل منكم والسعة… ) މިއާޔަތް ބާއްވައިލެއްވިއެވެ.

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، اللَّه ގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ”. އޭއާއެކު އަބޫ ބަކުރު رضي الله عنه : (والله إني لأحب أن يغفر الله لي ، لا أنزعها منه أبدا) “މާނައީ: ﷲ ގަންދީ ބުނަމެވެ. ﷲ މިއަޅާގެ ފާފަ ފުއްސަވައި ދެއްވުމައް މިއަޅާ ލޯބިކުރަމެވެ. އޭނާއަށް ހޭދަކުރުން ދުވަހަކުވެސް ތިމަންކަލޭގެފާނު ހުއްޓައެއް ނުލާނަމެވެ”، މިފަދައިން ވިދާޅުވެ މިސްޠަޙް رضي الله عنه އަށް އަލުން ހޭދަކުރެއްމުގައި ދެމިހުންނެވިއެވެ.

އޭގެ އިތުރުން ޢާއިޝާ رضي الله عنها އާއި މެދު ބޮޑުވެގެންވާ މިވާހަކަ ދައްކައި ރަށުތެރޭގައި ފެތުރި މީހުންގެ ގައިގައި އައްޑިހަ އެތިފަހަރުން ހައްދުޖެހުނެވެ. އެބޭކަލުންގެ ތެރޭގައި ޙައްސާން ބުނު ޘާބިތި އާއި މިސްޠަޙް އާއި ޙަމްނާ ބިންތު ޖަޙްޝި رضي الله عنهم ވިއެވެ.

މަތީގައި މިބަޔާންވެ ދިޔައީ ﷲ ތަޢާލާގެ ޙިކުމަތްވަންތަކަމާއި ޢިލްމުފުޅުގެ ފުރިހަމަކަމުގެ ތެރެއިން މިއުއްމަތުގެ މީސްތަކުންނަށް މުހިއްމު އެތަކެއް ޢިބުރަތްތަކެއްވާ ބޮޑުވެގެންވާ އިމްތިޙާނެއްގެ ޙާދިޘާއެވެ. އޭގެ ސަބަބުން އެތައް ޙަޤީޤަތްތަކެއް ހާމަވަގެން ދިޔަ އަގުބޮޑު ފިލާވަޅުތަކެކެވެ.

އަޅުގަނޑުމެންގެ އިޖުތިމާޢި ދިރިއުޅުމުގައި ދޭދޭ މީހުންގެ ދެމެދުގައާއި ވަކިވަކި ފަރުދުންގެ މެދުގައި ހުންނަންޖެހޭ ހަމަތަކާއި މުޢާމަލާތް ކުރަންޖެހޭ އުޞޫލުތާ އަދި މައްސަލަތައް ދިމާވުމުން އެކަންކަން ޙައްލުކުރުމައްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި މީނޫންވެސް ގުނާ އަދަދަ ނުކުރެވޭހާ ގިނަ ފައިދާތައް ލިބިގެންދިޔަ މަތިވެރި ޢިބުރަތްތެރި ޤިއްޞަ އެކެވެ.

ދުޢާއަކީ ހެޔޮބަސް އަހައި ހެޔޮބަހަށް ޢަމަލުކުރާ ބަޔަކު ކަމުގައިވުމުގެ ތައުފީޤު ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވައި އެކަލާނގެ ރުއްސެވުމާއި ފުއްސެވުން އެދި މިދުނިޔޭގެ ދުވަސްތައް ހޭދަކުރާ ބަޔަކަށް ވުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވުމެވެ.

وآخر دعوانا أن الحمد لله رب العالمين. وصل اللهم وسلم على نبينا محمد وآله وأصحابه ومن تبعهم بإحسان إلى يوم الدين.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.