ތިބާ މިސްކިތަށް ތިޔަ އަރަނީ ނަމާދުކުރަންކަން ހަނދާންކުރައްވާ!..

އަޅުގަނޑުގެ ނަޒަރު މިފަހަރު ގޮސް މިހުއްޓުނީ މާލޭގެ މިސްކިތަކަށް ނަމާދަށް އަރަން އުޅުމުގެ ތެރޭގައި ދިމާވި ކަމަކާއެވެ. ކޮންމެހެން އަޅުގަނޑު މިއުޅެނީ ދީނީ ވާހަކަތަކެއް ދައްކާކަށް ނޫނެވެ. އެފަދަ ޙާދިޘާއެއް ދިމާވުމުން ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ބަންޑުންކޮށްނުލާ ނުހުރެވުނީއެވެ.

ހާސަރުދިގުނުކޮށް ކަންތައްވީގޮތައިގެން ކުރިއަށްދަމާ ހެއްޔެވެ!.. ކޮންމެއަކަސް އެދުވަހެއްގެ ޢަޞުރުނަމާދު ވަގުތުގެ ބަންގީގެ އަޑު ފަޒާގައި ގުގުމާލުމުން އެންމެ ކައިރީގައި ހުރި މިސްކިތަށް ނަމާދަށް އެރުމަށް ވުޟޫކުރަން ފަށައިފީމެވެ.

އިޝްތިހާރު Below Header ad

އެ ވަގުތު އެތަނުގައި ހުރި މީހަކު ޖީބުން ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅާލިއެވެ. ދެއްކި ވާހަކައިން އެއީ އޭނާގެ ދަރިފުޅުކަން ފާހަގަވިއެވެ. އަޅުގަނޑުގެ ބޭނުމަކީ ކޮންމެހެން އޭނާ ދައްކާ ވާހަކަތައް އަޑުއެހުމެއް ނޫނެވެ. ނަމަވެސް އޭނާގެ ވާހަކަ ދެއްކުމުގެ ބަސްމަގާއި ޢަމަލުތައް ހުރިގޮތުން އަޅުގަނޑުގެ ނަޒަރު އެދިމާލަށް ގޮސް ހުއްޓުނީއެވެ.

އޭނާގެ ވާހަތައް ހުރިގޮތުން ޢާއިލީ ކޮންމެވެސް ހަމަނުޖެހުމަކާއި ކުރިމަތިވެފައިވާ މީހެއްކަން ފާހަގަ ކުރެވުނީ ބޭނުންކުރި ބޭއަދަބީ ބަހުރުވައިންނާއި މުޚާތަބުކުރަމުން ދިޔަގޮތުންނެވެ. އޭނާގެ އެ ޢަމަލުން އެވަގުތު މިސްކިތުގެ ތެރޭގައާއި ހަރިންމަ ތެރޭގައި ތިބި އެންމެނަށްވެސް ނުތަނަވަސްކަން މެދުވެރިވިކަމެއް އޭނާއަށް އެއްވެސް ވަރަކަށް އިޙްޞާސް ނުކުރެވޭކަން ޔަޤީނެވެ. އަދި އޭނާއަށް އެހުރެވުނީ މިސްކިތެއްގެ ތެރޭގައިކަންވެސް ނުވަތަ ނަމާދުގެ މަތިވެރި އަޅުކަން އަދާކުރަން އުޅޭކަންވެސް ހަނދާން ނެތްކަންވެސް ޔަޤީނެވެ.

ނަމާދަކީ ވަރަށް ޚުޝުއްވަތްތެރިކަމާއެކު އަދާކުރަންޖެހޭ އަޅުކަމަކަށްވާ އިރު، މި ޢަމަލުގެ ސަބަބުން އޭނާއަށް ޙުޝުއްވަތްތެރިކަމާއެކު އެ ނަމާދު ކުރެވޭނެ ކަމާމެދު ހަމަގައިމުވެސް އަޅުގަނޑަށް މިވަނީ ޝައްކުއުފެދިފައެވެ. އެއީ އޭނާގެ ފޯނުކޯލް ނިންމާލުމަށްފަހު، ވަގުތުން މިސްކިތަށް އަރާ ނަމާދު ކުރަން ފެށުމުންނެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ހަމަޔަޤީނުންވެސް އޭނާގެ ސިކުނޑިން އެވާހަކަތައް ނުވަތަ އެޙާދިޘާ ފިލައިގެން ނުދާނެތީއެވެ.

ކުރިންވެސް ބުނިހެން އަޅުގަނޑުގެ ބޭނުމަކީ މިފަދަކަންކަން ދީނީގޮތުން އޮންނަގޮތުގެ ވާހަކަ ދެއްކުމެއް ނޫނެވެ. މިފަދަ ޢަމަލުތައް މިހާރަކަށް އައިސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިފަދަކަންކަން ޢާންމުންގެ ސަމާލުކަމަށް ގެނެސް، އެފަދަކަންކަމުން މުޖުތަމަޢު ހޭލުންތެރި ކުރުވުމަކީ އަޅުގަނޑުމެން ނޫސް، މަޖައްލާ ނުވަތަ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ޒިންމާއެއް ކަމުގައިދެކިގެން މިކަން ފާހަގަ ކޮށްލީއެވެ.

މިސްކިތަކީ ކިހާ ހުރުމަތްވެގެންވާތަނެއްކަމާއި މިސްކިތުގެ ތެރޭގައި ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަމަކީ ކޮބައިކަން އެންމެނަށްވެސް އިނގޭނެއެވެ. ޚާއްޞަކޮށް ބަވަނަވެފައިވާ މި ޒަމާނުގައި އަތުގައި އޮންނަ މޮބައިލް ފޯނުގެ ޒަރިޢާއިން މިއީ ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަންކަންވެސްމެއެވެ.

އަދި ކޮންމެ މިސްކިތެއްގައިވެސް މޮބައިލް ބޭނުން ނުކުރުމަށް ނުވަތަ މޮބައިލް ފޯނުގެ ރިންގު އޮފް ކުރުމަށް ނަޞޭޙަތްތެރިވެ، ލިޔުން ހަރުކޮށްފައިވާ އިރުވެސް އަޅުގަނޑުމެންގެ ބައެއް ދިވެހިންގެ މިފަދަ ޢަމަލުތައް ގިނަވަމުން ދިއުމަކީ ހިތާމައިގެ ކޮޅެއްވެސް އޮތްކަމެއް ނޫން އެހެންނޫންތޯއެވެ.

މިފަދަ ކަންކަން ފެންނަނީ ހަމައެކަނި ދިވެހިންގެ ކިބައިން ނޫންކަމާއި މި މުޖުތަމަޢުގައި އުޅޭ ގިނަ ބިދޭސީންގެ ކިބައިންވެސް މިފަދަ ޢަމަލުތައް ފެންނަމުން ދިއުމަކީވެސް ވިސްނާލަންޖެހޭވަރުގެ ކަމެކެވެ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް، މާދަމާގެ މުސްތަޤުބަލަށް ރިވެތި އާދަތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އެކަން އެންމެ ފުރިހަމަގޮތުގައި ކޮށްދެވޭނީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިންކަމީ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

eid-miskiy-2

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.