ކުރީ ސަރުކާރުން އުސޫލާ ހިލާފުވުމުން ކުވައިތު ފަންޑު އަނބުރާ ގެންގޮސްފި: މިނިސްޓަރު

ކުރީ ސަރުކާރުން އުސޫލާ ހިލާފުވުމުގެ ސަބަބުން ކުވައިތު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މިއަދު މިނިސްޓަރު ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އިޝްތިހާރު Below Header ad

ވެލިދޫގައި މިދިޔަ ސަރުކާރުން އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލާ ގުޅޭ ގޮތުން އެ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ އެ މަޝްރޫއު ކުވައިތު ފަންޑުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފަންޑު ހުއްޓިފައިވާ ކަމަށެވެ. އަދި، ކުރީ ސަރުކާރުގެ ފަހުކޮޅުގައި އެ މަޝްރޫޢު ދައުލަތުގެ ބަޖެޓުގެ ތެރެއިން ގެންދަން ނިންމިއިރު، އެކަށީގެންވާ ވަރަށް އެ މަޝްރޫއަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެ ފަންޑު [ކުވެއިތު ފަންޑު] އަނބުރާ ގެންދިއުމުގެ ސަބަބުން، ނޫނީ ހުއްޓައިލުމުގެ ސަބަބުން ހަމަ ކުރިއަށް ނުގެންދެވި އޮތް ވާހަކަ ދަންނަވަން،” މިނިސްޓަރު ވިދާޅުވިއެވެ.

ކުވައިތު ފަންޑުގެ އެހީގައި ހަތް ހޮސްޕިޓަލް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރީ 15 މެއި 2023ގައެވެ. އެއީ، 540 ދުވަހުގެ ތެރޭގައި މި ހުރިހާ ހޮސްޕިޓަލެއް ނިންމަންޖެހޭ ގޮތަށެވެ.

މި ހަތް ހޮސްޕިޓަލްގެ ތެރެއިން ހދ. ހަނިމާދޫ، އދ. މާމިގިލީ، ވ. ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަވާލުކުރީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި، ށ. މިލަންދޫ، ނ. ވެލިދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ހަތް ހޮސްޕިޓަލް ޢިމާރާތްކުރަން ކުވައިތު ފަންޑުން 686 މިލިއަން ރުފިޔާ ޚަރަދުކުރުމަށް އޮތީ ހަމަޖެހިފައެވެ.

ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގަން އުޅުނު މަޝްރޫއުތައް ނުހިންގި ހުއްޓާލުމާ އެކު، އެ ފަންޑު އަނބުރާ ގެންދިޔައީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ. އަދި، “މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ، ކަމަށް އެކަށީގެންވާ ގާބިލް މީހުން އައްޔަން ކުރަން” ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އޭނާ ރައީސަށް ފާޑު ވެސް ވިދާޅުވިއެވެ.

ކުވައިތު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ސަރުކާރުން ބުނާއިރު، އެ ފަންޑުގެ ދަށުން ބައެއް މަޝްރޫއުތައް ވަނީ ފަށައިވެސްފައެވެ. އެހެން ނަމަވެސް އެ ފައިސާއަށްވީ ގޮތް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.