މަޖިލިސް ހިންގަންވީ ގޮތެއް ސުޕްރީމް ކޯޓަށް ނޭނގޭނެ- އަސްލަމް

ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތެއް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ނޭނގޭނެ ކަމަށާއި އެ ބާރު އެކޯޓަށް ލިބިގެންނުވާ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން، ކޯޓުން ނިންމާފައިވާ ނިންމުމާއި ބެހޭ ގޮތުން މެމްބަރުންނަށް ބަހުސް ކުރައްވަން ހުޅުވާލަމުގެ ކުރިންނެވެ.

އިޝްތިހާރު Below Header ad

މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި، އެވަގުތު މަޖިލީހުގައި ދެމިތިބި ޖުމްލަ މެމްްބަރުންގެ އަދަދަށް ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ. އަދި މި އިސްލާހު ގެނައި ގޮތަށް މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ.

އެކަމަކު އެ އިސްލާހުގައި މަޖިލީހުގެ ޖުމްލަ މެންބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށާއި އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހުގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ ގަވާއިދު ނަންބަރު 49 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުން ފަސްކުރުމަށް ސުޕްރީމްކޯޓުން މި މަހުގެ އަށް ވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

މިކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރެއް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު، މިއީ މައްސަލަ ބެއްލެވުމެއް ނެތި އަދި އެއީ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ނެރެފައިވާ ކޯޓު އަމުރެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އެހެންކަމުން މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދެއްވުމަށް އަޅުގަނޑު އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ހުޅުވާލަން.” އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ކޯޓުގެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންދެން، މަތީ ކޯޓުގެ އަމުރަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ކޯޓު އަމުރާ އެއްގޮތަށް ޖުމުލަ އަދަދު ކަނޑައެޅުމަށް ނިންމި ނަމަވެސް ކުރިއަށްދާނީ މަޖިލީހުން ނިންމާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ގާނޫނުއަސާސީގައި އޮތީ ޖުމްލަ މެމްބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެމްބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުއިއްޒު ސަރުކާރަށް ވަޑައިގަތުމަށް ހަތް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްފައިވެއެވެ. މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެއީ 80 މެމްބަރުންގެ ގޮތުގައި ވަނީ ގަވައިދުގައި ކަނޑައަޅައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ސްޕރީމް ކޯޓުގެ ނިންމުމަކީ ޝަރުޢީ މަރުޙަލާގެ ފަހުގެ ނިންމުން އަދި ޙުކުމެއް ނުކުރޭ ވަކިގޮތެއް ނިންމަންދެން އެމްޑީޕީ ގެނައި އިސްލާހަށް ޢަމަލު ކުރުން ހުއްޓުވީ މާނައަކީ އެބާުރު ސްޕރީމް ކޯޓަށް ލިބިގެން ވެޔޭ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.