ހިންމަފުށި ސްކޫލްގެ 1440 ވަނަ އަހަރުގެ މަދަޙަ މުބާރާތް ބާއްވައިފި
ކޮންމެ އަހަރަކުވެސް ހިންމަފުށި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހުޅުވައިލައިގެން ބާއްވާ މަދަޙަ މުބާރާތް މި އަހަރުވެސް އެ ސްކޫލުން ބާއްވައިފިއެވެ.
މިއަދު ހެނދުނު 7:30 އިން ފެށިގެން ދެ ދަންފަޅީއަކަށް ބަހައިލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި އެ ސްކޫލްގެ ފައުޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އާއި ދެމެދު ހުރިހާ ގްރޭޑަކުން 80 ދަރިވަރުން ބައިވެރިވިއެވެ.
މީގެ އިތުރުން ބެލެނިވެރިންނާއި ސްކޫލުގެ މުދައްރިސުންވެސް މަދަޙާ ހުށަހެޅުން ވެގެން ދިޔައީ ވަރަށް ތަރުހީބު ބޮޑުވެގެން ދިޔަ ކަމަކަށެވެ.
މި މުބާރާތް ފެށުމުގެ ގޮތުން އިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް އަލް ފާޞިލް ޢަބްދުﷲ ޒުބައިރު ދަރިވަރުންނާ މުޚާޠަބު ކުރައްވާ ވިދާޅުވީ މި ކަހަލަ މުބާރާތްތަކުގެ މައިގަނޑު މަޤްޞަދަކީ އެކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް އިތުރަށް ލޯބި ޖެއްސުމާއި ދަރިވަރުންގެ މިފަދަ ހުނަރު އިތުރަށް ތަރައްޤީކުރުންކަމުގައެވެ.
މި މުބާރާތުގެ އިސް ފަނޑިޔާރެއްގެ ގޮތުން ފަނޑީޔާރުކަން ކޮށްދެއްވީ މި ރޮގުން ރާއްޖޭގައި ފުންނާބު އުސް ފަންނާނެއްކަމަށްވާ އިބްރާހީމް ރަމީޒެވެ.
” މި މުބާރާތް ކުރިޔަށް ގެންދިއުމުގައި ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ، އަދި ހީވާގި މުދައްރިސުން މިކަމުގައި ބެހެއްޓެވި ޝައުޤުވެރިކަމާއި ކުރެއްވި މަސައްކަތް އެއީ މި މުބާރާތް މިހާ ކާމިޔާބު ވުމުގެ އެއް ސަބަބު” -ޕްރިންސިޕަލް ޒުބައިރު-
އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް އަލް ފާޞިލް ޢަބްދުﷲ ޒުބައިރު އިތުރަށް ވިދާޅުވީ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އެކަމަށް ޚާއްޞަ ކުރެވޭ ރަސްމިއްޔާތެއްގައެވެ.
މިމުބާރާތް ނިންމާލުމުގެގޮތުން އިސް ފަނޑިޔާރު އިބްރާހީމް ރަމީޒް މުބާރާތިގައި ބައިވެރިވި ބައެއް ކުޑަކުދިން އެކު މަދަޙައެއް ވަނީ ހުށަހަޅާފައެވެ.