ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ފުލުހުންގެ އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުދުއްފުށި ކައުންސިލްގެ ރައީސްއާއި، ކައުންސިލް މެމްބަރުންނާއި، ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވި އެވެ.

އިޝްތިހާރު Below Header ad

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވި އެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި ފާހަގަކުރެއްވި އެވެ.

އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ  ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ދުނިޔަވީ ފަލްސަފާތަކަށް ވިސްނާލާއިރު އިލްމުވެރިން މާނަ ކުރައްވަނީ އެންމެ ހެޔޮ މުޖުތަމައަކީ އެ މުޖުތަމައުގެ އަހުލުވެރިންނަކީ ﷲ ތަޢާލާގެ ދީނަށް ހުރުމަތްތެރި ކޮށްހިތައި ސުލްހަވެރިކަމާއި ސަލާމަތާއި އެކުވެރިކަމާއި ބަދަހިކަމާކު މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމާ ގަދަރުކޮށް އަޅާލުމާއި އޯގާވެރިކަން އިސްކޮށް ބޮޑެތި އަދި ކުދި ކުށްތަކުން ސަލާމަތްވެފައިވާ މުޖުތަމައުކަމުގަ އެވެ. އެފަދަ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމާއި މަސްއޫލިއްޔަތެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ގާނޫނީ ޒިންމާ ފުލުހުންގެ ބޮލުގައި އެޅިފައި އޮތްނަމަވެސް އެކަން ފުރިހަމަވެގެންދަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެން ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.

މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ދުނިޔެ ދުއް ކޯވިޑް 19 އިގެ  ބަލިމަޑުކަމާއެކު ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށް ތަޖުރިބާ ކޮށްފައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ރައްޔިތުންވެސް ވަނީ ދިވެހިންގެ ހުރި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ލާމަސީލު މިސާލު ދައްކުވައިދީފައި ކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ދިވެހި ރާއްޖެއަށް، ހާއްސަކޮށް ކުޅުއްފުށި ސިޓީއާއި އެ ސަރަހައްދުގެ އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ކުށުގެ ނުރައްކާތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އެންމެންގެ މަސައްކަތުން ކޯވިޑް 19 އިގެ ބަލިމަޑު ކަމުގެ މައްޗަށް ކާމިޔާބު ހޯދުނު ފަދައިން ކުށްކުރުން މަދުކުރުމާއި ކުށުގެ ރޭޓު ދަށްކުރުމަށްވެސް ކާމިޔާބު ހޯދޭނެ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ކޯވިޑް 19 އިގެ ބަލިމަޑުކަމުގައި ދިވެހި ރައްޔިތުން ފުލުހުންނާ ގުޅިގެން ކުރި މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ އިންސާނީ ހައްގުގެ އެންމެ މަތީ މިންގަނޑުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމާއި ކުށްކުރުން މަދު މުޖުތަމައަކަށް ހެދުމަށް ފުލުހުން މަސައްކަތްކޮށްދިނުން ފާހަގަކުރެއްވި އެވެ.

އަވައްޓެރި ފުލުހުންގެ މަސައްކަތަކީ ދެންނެވުނުފަދަ ޑިމޮކްރެޓިކް ހިއުމަން ރައިޓްސް ބޭސްޑް އަދި ކުށާއި ކުށުގެ ބިރުވެރިކަން ދަށްކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރުމަށް ގާއިމުކުރެވޭ ހިދުމަތެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މިނިޒާމަށް ފުލުހުންގެ މަސައްކަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި މިކަން ހާސިކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.

އަދި މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރެވިގެންކަމުގައި ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތް ކުރެވިގެންދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމްތައް ރާވާނެކަމުގައި ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރުހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށްފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަމުގައި ފާހަގަކުރެއްވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.