ދުވަސްކޮޅެއް ފަހުން ޕްރިންސް ޖޯޖްއަށް އޭނާގެ މައިންބަފައިންނާއިއެކު ދަތުރުކުރުން މަނާ ވާނެ. ކީއްވެކަން އިނގޭތަ!

އިނގިރޭސީވިލާތުގައި އެތައް ސަތޭކަ އަހަރުތަކެއް ވަންދެން ވެރިކަން ކުރަމުންއަންނަ ޝާހީ އާއިލާއަކީ ނޫސްތަކުގެ ސުރުހީތަކަށް އައު ބަޔަކަށް ނުވާނެއެވެ. އާއިލާ މެމްބަރުން ލާ ހެދުންތަކާއި ދާ ތަންތަން، އަދި އަޅާ ކޮންމެ ފިޔަވަޅަކީވެސް ގިނަ ބަޔަކު ގާތުން ބަލަމުންދާ ކަންތައްތަކެކެވެ.

ޝާހީ އާއިލާގެ މެމްބަރުން ވަކީ ޤަވާއިދުތަކަކަށް ތަބާވެ، ދިރިއުޅުމުގެ ވައްޓަފާޅި ވަކި ގޮތަކަށް ބައްޓަންކޮށްފައި ހުންނަން ޖެހޭކަން އެއީ ގިނަ ބަޔަކު ދަންނަ ކަމެކެވެ. އެމީހުންގެ މުޅި އުމުރު ހޭދަ ކޮށްލަން ޖެހެނީ ގަނޑުވަރުތެރޭގެ ޤަވާއިދުތަކާއި އެއްގޮތަށެވެ. އެގޮތުން މިބަލާލަނީ، ދަތުރުކުރުމުގައި ގަނޑުވަރުތެރޭގައި ގެންގުޅޭ ވަރަށް މުޙިއްމު ޤަވާއިދަކަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑްގެ ސަބަބުން ކުރިމަތިވި ފުރަބަންދާއި ހޯމްސްކޫލިންގ، އަދި މަސައްކަތާއި އެހެނިހެން ކަންތަކުގެ ސަބަބުން ހާސްކަމުން ފުރިގެންވާ އަހަރަކަށް ފަހު، މެދުޓާމްގެ ބަންދުގައި ހިތް ހަމަޖައްސާލައި ޗުއްޓީ ހޭދަކޮށްލުމަށް ޕްރިންސް ޖޯޖްއާއި ޕްރިންސަސް ޝާލޮޓް އަދި ކުޑަކުޑަ ޕްރިންސް ލުއިސް ގޮވައިގެން ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓް ވަނީ ފުރާފައެވެ.

ޕްރިންސް ވިލިއަމްގެ މިއާއިލާ ޗުއްޓީ ހޭދަކޮށްލުމަށް މިވަގުތު އެކުއެކީގައި ދަތުރު ކުރެވުނު ނަމަވެސް، ދުވަސްކޮޅެއް ފަހުން (ޕްރިންސް ޖޯޖްއަށް 12 އަހަރު ވުމުން) މިއާއިލާ އެއްކޮށް ދަތުރު ކުރުމުގެ ހުއްދަ ނުލިބޭނެއެވެ. މިއީ ޕްރިންސް ޖޯޖަށް މަންމައާއި ބައްޕައާއެކު ކުރެވޭ އެންމެ ފަހު ދަތުރެވެ. ސަބަބަކީ ކޮބައިތޯއެވެ!

ސަބަބަކީ، ޒަމާނުއްސުރެ އިނގިރޭސި ޝާހީ އާއިލާއިން ތަބާވަމުން އަންނަ ޤަވާއިދެކެވެ.

އެޤަވާއިދުގައިވާ ގޮތުގެމަތިން، ޕްރިންސް ޖޯޖްއަށް 12 އަހަރު ވުމުން އޭނާ ހިމެނޭނީ ޝާހީ އާއިލާގެ އިސް މެމްބަރުން (ވެރިކަމަށް އިސްކުރެވޭނެ މެމްބަރުން) ގެތެރެއިންނެވެ. އަދި ޝާހީ އާއިލާގެ އިސް މެމްބަރުންނަށް އެކުއެކީގައި އެއްފްލައިޓެއްގައި ދަތުރު ކުރުމަކީ މަނާކަމެކެވެ. އެގޮތަށް ދަތުރު ކުރާނަމަ، ރާނީ އެލިޒަބަތުގެ އަރިހުން ޚާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.

royal family

ދެން އުފެދޭ ސުވާލަކީ، އެއްއާއިލާއަކަށް އެކުއެކީގައި ދަތުރު ކުރުން މަނާކޮށް، މިފަދަ ޤަވާއިދެއް ހަދާފައި މިވަނީ ކޮން ބޭނުމަކަށްތޯއެވެ!

ބޭނުމަކީ އިނގިރޭސިވިލާތުގެ ރަސްކަން ސަލާމަތްކޮށް ރައްކާތެރި ކުރުމެވެ. އަދި އިނގިރޭސިވިލާތުގެ ޝާހީ ޚާންދާނުގެ ސަލާމަތާއި ރައްކާތެރިކަމެވެ. ޚާއްސަކޮށް ތަޚުތައް އިސްވާ ފަރާތްތަކުގެ ސަލާމަތެވެ.

ޕްރިންސް ޗާލްސްއަށް ފަހު ދެން ތަޚުތައް އިސްވާނީ ޕްރިންސް ވިލިއަމްއެވެ. އަދި އެއަށް ފަހު ޕްރިންސް ޖޯޖެވެ. އެހެންކަމުން ޕްރިންސް ވިލިއަމްއާއި ޖޯޖް އެކުއެކީގައި ކުރާ ދަތުރެއްގައި ހިތާމަވެރި ހާދިސާއެއް ކުރިމަތިވެ، އެދެބަފައިން އެއްކޮށް އަވަހާރަވެއްޖެ ނަމަ، ރަސްކަމުގެ ތަޚުތަށް އަންނަންތިބި ފަރާތްތައް ހުސްވީއެވެ. ޕްރިންސް ވިލިއަމްއަކީ މިވަގުތު އިނގިރޭސި ތަޚުތައް އިސްވުމަށް ދެވަނައަށް ހުރި ފަރާތެވެ. އަދި ދަރިކަލުން ޖޯޖް ހުންނެވީ ތިންވަނައިގައެވެ. މިދެބޭފުޅުން ނެތް ހާލަތެއްގައި ދެން ތަޚުތައް އިސްކުރަން ޖެހޭނީ ޕްރިންސް ޖޯޖްގެ ކޮއްކޮ ޕްރިންސެސް ޝާލޮޓްއެވެ. އެހެންކަމުން ރަސްކަމަށް އިސްވާ ފަރާތްތައް ހިމާޔަތް ކުރުމަށް އަދި ރަސްކަން ހިމާޔަތް ކުރުމަށް ޕްރިންސް ޖޯޖްއަށް 12 އަހަރު ފުރުމަށްފަހު ބައްޕައާއި އެކު އެއް ފްލައިޓެއްގައި އެއްވެސް ތަނަކަށް ދަތުރުކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

މިޤަވާޢިދުގެ ސަބަބުން ޝާހީ އާއިލާގެ އެހެން ބޭފުޅުންނަށް ވެސް އެކުގައި ދަތުރު ކުރުމުގެ ހުއްދައެވެ ނޯވެއެވެ. އެގޮތުން ޕްރިންސް ޗާލްސްއަށް މަންމާފުޅު ރާނީ އެލިޒަބެތާއެކު ދަތުރެއް ނުކުރެވޭނެއެވެ. އަދި ޕްރިންސް ވިލިއަމްއަށް ބައްޕަ ޕްރިންސް ޗާލްސްއާއި އެކު ވެސް ދަތުރެއް ނުކުރެވެއެވެ. ދަތުރު ކުރާ ނަމަ ރާނީގެ އަރިހުން ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. ގިނަ ފަހަރު އެހުއްދަ އަކީ ލިބުމަށްވުރެ ނުލިބުން ގާތް އެއްޗެކެވެ.

prince georgy

މިޤަވާދަކީ ޝާހީ އާއިލާއިން ދަތުރުކުރުމުގައި ތަބާވާންޖެހޭ ހަމައެކަނި ޤަވާއިދެއް ނޫނެވެ. ޝާހީ އާއިލާގެ މެމްބަރުން، ޚާއްސަކޮށް އިސް މެމްބަރުން، ދަތުރުކުރާއިރު ތަބާވާންޖެހޭ ވަރަށް މުހިއްމު ޤަވާއިދެއް ވެއެވެ. އެޤަވާއިދަކީ، ކޮންމެ މެމްބަރެއް ވެސް ދަތުރުގައި ވަޑައިންނަވާއިރު ހިތާމަވެރި ހަފްލާއަކަށް ލުމަށް އެކަށޭނެފަދަ ކަޅު ކުލައިގެ ހެދުމެއް ކޮންމެހެންވެސް ގެންދަން ޖެހޭނެއެވެ.

ކީއްވެތޯއެވެ!

ސަބަބަކީ، ޝާހީ އާއިލާއަކީ އަބަދުވެސް ރައްޔިތުންނާއި މީޑީއާގެ ސަމާލުކަން ހުއްޓިފައިވާ ބަޔަކަށް ވުމުން، ކޮންމެ ހާލަތަކަށް ވެސް އަބަދުވެސް ހާލަތަކާއި ގުޅޭނެފަދައިން، ހާލަތާއި އެކަށީގެންވާ ހެދުމެއްގައި ރައްޔިތުންނާއި މީޑީއާގެ ކުރިމައްޗަށް އައުމެވެ.

ޗުއްޓީގައި ވަނިކޮށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެ، ވަގުތުން އަންނަންޖެހުމުން، އުފާވެރިކަން ދައްކުވައިދޭ ކުލަގަދަ ހެދުމެއްގައި ފްލައިޓުން ފައިބައިގެން އަންނަތަން މީޑީއާއަށާއި ރައްޔިތުންނަށް ފެނުން، އެއީ އެއްގޮތަކަށް ވެސް ޝާހީ ޚާންދާނުން އެދޭ ގޮތެއް ނޫނެވެ.

މިޤަވާއިދު ހަދާފައިވަނީ، ރާނީ އެލިޒަބެތު ކެންޔާގައި ވަނިކޮށް ބައްޕާފުޅު އަވަހާރަވުމުގެ ޚަބަރާއެކު ކުއްލިއަކަށް އަނބުރާ އިނގިރޭސިވިލާތަށް އަންނަން ޖެހުމުން ހާލަތާއި ގުޅޭ ހެދުމެއް ހޯދުމަށް ކުރިމަތިވި ދަތިކަމުގެ ސަބަބުންނެވެ. ބުނެވޭގޮތުގައި އެފަހަރު ރާނީގެ ފްލައިޓު އެއާޕޯޓަށް ޖެއްސުމުންވެސް، ހިތާމަވެރިކަން ދައްކުވައިދޭފަދަ ހެދުމެއް ރާނީއާއި ހަމައަށް ގެންނަންދެން އެތައް ގަޑިއިރެއް ވަންދެން ފްލައިޓުން ނުފައިބައި ރާނީއަށް އިންނަވަން ޖެހުނެވެ. ފްލައިޓުން ފޭބީ ކަޅު ހެދުން ގެނައުމުން އެހެދުން ތުރުކުރައްވައިގެނެވެ. އެދުވަހަށް ފަހު ޝާހީ އާއިލާގެ ކޮންމެ މެމްބަރަކުވެސް ދަތުރު ކުރައްވާއިރު ލަގެޖުގައި ކަޅުކުލައިގެ ހެދުމެއް އޮތުމަކީ ލާޒިމުކަމެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.