ހިދާނާ ކުރިއަށް ގެންދެވި ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ކޯހުގެ ނިމުން އަލްފާޟިލާ ޔުމްނާ މައުމޫން ޝަރަފުވެރި ކޮށްދެއްވައިފި

އަލްފާޟިލާ ހިދާނާ ލަޠީފް ކުރިއަށް ގެންދެވި ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އަލްފާޟިލާ ޔުމްނާ މައުމޫން ޝަރަފުވެރި ކޮށްދެއްވައިފި އެވެ.

‘ކަސަބު ބައި ހިދާ’ ބްރޭންޑްގެ ދަށުން އަލްފާޟިލާ ހިދާނާ ލަޠީފް ކުރިއަށް ގެންދެވި ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އަލްފާޟިލާ ޔުމްނާ މައުމޫން ޝަރަފުވެރި ކޮށްދެއްވައިފި އެވެ.

އިޝްތިހާރު Below Header ad

ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ ވަނީ، ހިރި، ބަގިޔާ އަދި ރޮދިގަނޑުގެ ތަފާތު ފަރުމާތަކުން ޖަރީކުރި ލިބާހުގެ ކަސަބު ބޯވަޅު ވިޔުމަކީ ދިވެހި އަންހެނުން ޒަމާނުއްސުރެ ކުރަމުން އަންނަ ސާދާ ރީތި މަސައްކަތްތަކުގެ މިސާލެއް ކަން ފާހަގަކުރައްވާފަ އެވެ.

އީޖާދީ ވިސްނުން ބޭނުންކޮށްގެން މިއަދު ކަސަބުގެ މަސައްކަތް އުވި ދިޔަނުދީ ކުރިއަށްގެންދަވާ އެއް ބޭފުޅަކީ ހިދާނާ ލަތީފު (ހިދާ) ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދިވެހި ޒުވާނުންގެ މެދުގައި މިއަދު ކަސަބަކީ ސްޓައިލް ޓްރެންޑްއަކަށް ވެފައިވާ ކަމަށެވެ. ‘ކަސަބު ބައި ހިދާ’ ގެ ނަމުގައި ބްރޭންޑެއް އުފައްދަވައި ކަސަބު ވިޔުމުގެ ފަންނު، ހަމައެކަނި ލިބާހުގެ އިތުރުން ކުޝަން ކަވަރާއި އަތުގައި އަޅާ އެއްޗެހި ފަދަ ތަކެއްޗާއި ހަމައަށް ހިދާނާ ފުޅާކުރައްވާ މާކެޓް ކުރެއްވުމަކީ އެ ފަންނަށް ދިރުން ލިބިގެން ދިޔަ ކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވި އެވެ.

ސަގާފީ މިފަދަ ފަންނުތައް ދިރުވުމަކީ ސަރުކާރަކަށް އެކަނި ކުރަން ދަތިކަމެއް ކަމާއި، މިކަން އެންމެ އެކަށޭނަ ގޮތެއްގައި ކުރެވޭނީ ސަރުކާރާއި، ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދުން ގުޅިގެންކަން ފާހަގަކުރައްވާ، މިނިސްޓަރ ޔުމްނާ ވަނީ މި މަސައްކަތުގައި އިސްނެންގެވިކަމަށްޓަކާ ހިދާނާއަށް ޝުކުރު ދަންނަވާ ހިތްވަރު ދެއްވާފަ އެވެ.

މި ރަސްމިއްޔާތު ބޭއްވިގެން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިފަދަ ކަންކަން ޒުވާނުންނަށް ދަސްކޮށްދިނުން ނުހަނު މުހިއްމު ކަމަށާއި، އައު ގޮތްތައް ބޭނުންކޮށްގެން ސަގާފަތް ކުރިއަރުވައި، ފަތުރުވެރިކަމާ ގުޅުވައިގެން މިފަދަ މަސައްކަތްތައް އާލާކުރުންވެގެންދާނީ ކިތަންމެ ރަށަކަށް އޭގެއިން ފައިދާ ކުރާނެ ކަމަކަށް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، އީޖާދި ވިސްނުންތަކުގެ ތެރެއިން ތަރައްޤީ ކުރާ މިފަދަ ސަގާފީ މަސައްކަތްތަކަކީ ސަގާފީ ފަތުރުވެރިކަން މެދުވެރިކޮށް ދުނިޔޭގެ ތަރުހީބު ހޯދައި، ވަކިވަކި ފަންނުވެރިންނާއި ރަށްރަށަށް އިޤްތިޞާދީ މަންފާ ލިބޭނެ މަސައްކަތްތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ހިދާނާ ލަޠީފް ވިދާޅުވީ، ކަސަބު ވިޔުމުގެ މަސައްކަތް މިއަދު އަޅުގަނޑުމެންނާއި ހަމައަށް ވާޞިލްވެފައި މި އޮތީ ވަރަށް ހިތްވަރުގަދަ، ދިވެހި ވަންތަކަމަށް ލޯބިކުރާ ބައެއްގެ މިންނެތް މަސައްކަތުން ކަމަށާއި، މި މަސައްކަތް ކުރިއެރުވުމަށް މަސައްކަތްކުރާ، މަސައްކަތުގެ ތަޖުރިބާކާރުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިބި ކަމަށެވެ. އެ ފަރާތްތަކުގެ އަގު ފަރުދީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މުހިއްމުކަން ހިދާނާ ފާހަގަކުރެއްވި އެވެ.

ހިދާނާ އިތުރަށް ވިދާޅުވީ، މި ކޯސްތަކުން ކަސަބު ވިޔުމުގެ މަސައްކަތް ދަސްކުރާ ފަރާތްތައް އެ މަސައްކަތުގައި ދެމި ތިބުމާއި، އެ ފަރާތްތަކުން އެހެން މީހުންނަށް މި މަސައްކަތް ދަސްކޮށްދެއްވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.

ކޯހުގެ ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި މަރިޔަމް އިޝާ އަޒީޒް ވިދާޅުވީ، މި ކޯހުގައި ދަސްވެގެން މި ދިޔައީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ސަގާފީ މިފަދަ މަސައްކަތްތައް ކުރިއެރުވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އިޝާ ވަނީ މި މަސައްކަތުގައި އިސްނެންގެވިކަމަށްޓަކައި ހިދާނާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހަމަ މިއާއި އެކު ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އުފެދުނުފަހުން މިފަދަ ކަންކަމަށް ދޭ އަހަންމިއްޔަތުކަން އިތުރުވެގެން ގޮސްފައިވާކަން އިޝާ ފާހަގަކުރެއްވި އެވެ. މި ކޯހުގައި އިޝާ އާއި އެކު ކިޔެވި ދަރިވަރުންނަށް އިޝާ ވަނީ މި މަސައްކަތުގައި ދެމިތިބިމަށް ގޮވާލާފަ އެވެ.

ސަގާފީ އުކުޅުތަކާއި އާލާތްތައް ބޭނުންކޮށްގެން ކަސަބު ވިޔަން ދަސްކޮށްދިން މި ކޯސް ފުރިހަމަކޮށް، 18 ބައިވެރިއަކު ހޯމަ ދުވަހުގެރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ޙާސިލްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 17 އަންހެން ބައިވެރިންނާއި ފިރިހެން 1 ބައިވެރިއެކެވެ. ހޯމަ ދުވަހުގެރޭ ސެޓްފިކެޓް ޙާސިލްކުރި ބައިވެރިންނަކީ ހިދާނާ ހިންގަވާ ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ 7 ވަނަ ބުރުގެ ބައިވެރިންނެވެ. މީގެ ކުރިން ކުރިއަށްގެންދިޔަ މި ކޯހުގެ އެކި ބުރުތަކުގައި ބައިވެރިވެ ޖުމްލަ 19 މީހަކު ވަނީ މި މަސައްކަތް ދަސްކޮށްފަ އެވެ.

މި ކޯހުގެ ތެރެއިން ކޮންމެ އަހަރަކުވެސް ޚާއްސަ އެހީއަށް ބޭނުންވާ 3 ދަރިވަރަކަށް މުޅިން ހިލޭ މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެފަދަ އެއް ބައިވެރިއަކު މިހާރުވެސް ދަނީ މި މަސައްކަތް ދަސްކުރަމުންނެވެ.

ހިދާނާ ވިދާޅުވީ، ކުރިއަށް އޮތް ތާންގައި ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ އިތުރު ބުރުތަކާއި، ކަސަބު ވިޔުމުގެ އެޑްވާންސް ކޯސްތަކާއި، ކިނާރި ވިޔުމުގެ ކޯސްތައްވެސް ހިންގުމަސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކަސަބު ވިޔުމުގެ ބޭސިކް ކޯހުގެ އިތުރު ބުރެއް އަންނަ އޮކްޓޯބަރ މަހު ފެށުމަށް ތައްޔާރުވަމުންދާކަން ހިދާނާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ އާއި ހިދާނާ އަދި ކޯހުގެ ބައިވެރިންގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އަދި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.