ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން ގައި ބުނެފައިވަނީ ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރަކާ ގުޅިގެން ކަމަށެވެ.
އެެހެންނަމަވެސް އެކަމުގެ އިތުރުތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު އެއްޗެހި ގޮވަމުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ޖާބިރު މިއަދު ވަނީ އިހުތިޖާޖު ކޮށްފަ އެވެ.
މި އިހުތިޖާޖުގައި ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރުމަށްވެސް ޖާބިރު ގޮވި އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބޭރު ކުރުމަށްވެސް ގޮވައި ހަޅޭއްލެވި އެވެ.
ޖާބިރު އިހުތިޖާޖު ކުރަމުންދަނިކޮށް އޭނާގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދު އެތަނަށް ވަޑައިގެން ވާހަކަ ދައްކައިގެން ޖާބިރު އެތަނުން ގެންދަން މަސައްކަތް ކުރިނަމަވެސް ޖާބިރު އެތަނުން ދިއުމަށް ދެކޮޅު ހައްދަވައި ދިޔާނާވެސް އެތަނުން ދިއުމަށް އެންގި އެވެ.
އިރުކޮޅަކު އިހުތިޖާޖު ކުރުމަށްފަހު ޖާބިރުވެސް ވަނީ އެ ސަރަހައްދުން ވަޑައިގެންފަ އެވެ.