ކުރު ވާހަކަ “ޔަލީނާ” (10)

ޔުޝްކޮއްކޮއަށް ބަޔަކު އޮޅުވާލައިގެން ދިން އަނިޔާއެއީ ޔުޝް ވަރަށް ދެރަވި ލަދުގަތް ކަމެކެވެ. ޔުޝްކޮއްކޮ އެދެނީ މިފޮތުގައި އެވާހަކަ ބައްޕަ ގާތުގައި ބުނުމަށެވެ. މީހުންގެ ތެރޭގައި އެވީ ބަދުނާމަށްވުރެ ބޮޑަށް ޔުޝްކޮއްކޮ ދެރަވަނީ ބައްޕަ ގެ ނަމަށް ހުތުރު ވާފަދަ ކަމެއް ޔުޝްގެ ފަރާތުން ކުރެވުނީމައެވެ. އެހާވަރަށް ބައްޕަ ނަސޭހަތް ދިނީމައިވެސް އެއަޑު ނޭހުނީތީ ޔުޝް މަޢާފަށް އެދޭވާހަކަ ބުނެލަމެވެ. ބައްޕާއެވެ. އެކަން އެނިމުނީއެވެ. ދެން އަދި އެއްވާހަކަ ބުނަން ހެއްޔެވެ. މާބޮޑަށް ކަންބޮޑު ނުވެ ބައްޕަ ހަމަޖެހިލައިގެން ޔަލީ ކިޔާދޭ ވާހަކަ އަޑު އަހައްޗެވެ. މިކިޔާދެނީ ނިމިފައި އޮތް ކަމެއްގެ ވާހަކަ އެވެ. މިހާރު ދެން މިކަމާ ވިސްނުމުގެ ބޭނުމެއް ވެސް ނޯންނާނެއެވެ.

މާކުރީގެ ވާހަކަ އެކެވެ. އަޅުގަނޑުމެން ބެންގކޮކަށް ދިޔައީމެއްނުން ހެއްޔެވެ. ދަތުރުގެ ފުރަތަމަ ދުވަހު އަޅުގަނޑާ ޔުޝްކޮއްކޮއަށް ކުރިން ނޭނގި އޮތް ކަމެއް އެނގުނެވެ. ދައްތަ އުޅެނީ ޑޭވިޑްއާއި ރައްޓެހިވެގެން ނެވެ. ޑޭވިޑްގެ އުޅުން އަޅުގަނޑަށް ކަމުނުދާތީ އެވާހަކަ ބުނަން އެތައް ފަހަރަކު މަސައްކަތްކުރީމެވެ. އެކަމަކު ބައްޕަގެ އެހާ ގާތް ރައްޓެއްސެއްވީމަ އަޅުގަނޑަށްވެސް ޔުޝްކޮއްކޮ އަށްވެސް އެވާހަކަ ބުނަން ނުކެރުނީއެވެ. އަނެއްކޮޅުން އެކަން ހުއްޓާލާތޯ ދައްތައަށް ވަރަށް ނަސޭހަތް ދިނީމެވެ. ބޭރުޤައުމަކުން ވިޔަސް ގުޅެންވާނީ މުސްލިމަކާ ކަމަށް ބުނީމެވެ. ދައްތަހުރީ އެވާހަކަތައް  އަޑުއަހާގޮތަކަށް ނޫނެވެ. އަޅުގަނޑު ޔުޝްގާތު ބުނީމެވެ. ބައްޕައަށް އެނގިދާނެތީ ދައްތަ ކަންބޮޑުވާކަން ޔަޤީނެވެ. އެހެންވީރު ގިނަ ދުވަހެއްނުކޮށް ދައްތަ އެކަން ހުއްޓާ ލާނެއެވެ.

އިޝްތިހާރު Below Header ad

ބެންކޮކަށް ދިޔަދުވަހުގެ އަނެއްދުވަހު ދައްތައާއި ޑޭވިޑް އެކުގައި ކޮންމެވެސް ތާކަށް ދާން ރާވާފައި އޮތްކަން އެނގުމުން އަޅުގަނޑާ ޔުޝްކޮއްކޮ ނިންމީ ދެމީހުން އެމް.ބީ.ކޭ އަށް ގޮސް ޝޮޕިންކޮށްލުމަށެވެ.  އަޅުނޑުމެން ހެނދުނު ހޮޓެލުން ނިކުތް އިރުވެސް ދައްތަ ބަލާ ޑޭވިޑް އެއްނާދެއެވެ. ޔުޝް އާއި ދެމީހުން ބޭރުގައި އުޅެފައި އާދެވުނީ ގާތް ގަނޑަކަށް ދެގަޑި އިރު ފަހުންނެވެ. ބޭރުން ގެނައި ކޮތަޅުތައް  ހިފައިގެން އަޅުގަނޑުމެން އުޅޭ ފްލޯއަށް އެރި އިރުވެސް އެއްވެސް އެއްޗެއް ހިތުގައި ނެތެއެވެ. ދައްތަ ކޮބާތޯބަލާލާކަށްވެސް ހިތަކަށް ނާރައެވެ. އެކަމަކު ރޫމްއަށް އަރާ ހަމަވި ވަގުތު ކުއްލިއަކަށް  ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ފުރަތަމަ އަޅުނޑުމެން ދެމީހުން ހީކުރީ ރޫމް ސާފުކުރާމީހާއައިސްގެން އުޅޭކަމަށެވެ. އެކަމަކު ބޭރުގައި އެމީހުންގެ ޓްރޮލީއެއްވެސް ފެންނާން ނެތުމުން ކުއްލިއަކަށް ފާޑެއްގެ ބިރެއް ހިތަށް ވަނެވެ. ގެނައި އެއްޗެހި އެއްއަތަކަށް އަމުނާލާފައި ދަބަހުން ޑޯކާޑް ނަގާފައި ދޮރުހުޅުވާލީމެވެ. ކޮޓަރިއަށް ވަންނަ އިރު ފުރަތަމަ ޖެހެނީ ފާހާނާކަމުން އަޅުގަނޑުމެން އެނދު ފެންނަ ހިސާބަށް އެތެރެއަށް ވަނީމެވެ. ބައްޕާއެވެ! އެވަގުތު ސިހިގެން ދިޔައީ އަޅުގަނޑުމެން އެކަންޏެއްނޫނެވެ. އެތެރޭގައި ތިބިމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ފެނުނު މަންޒަރުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ޔަޝްކޮއްކޮ ވަގުތުން ހުރިތަނަށް ތިރިވީކަމެއް ފައިން ވާގިނެތިގެން ވެއްޓުނީ ކަމެއް އެވަގުތަކު އަޅުގަނޑަކަށް ނޭގުނެވެ. އަޅުގަނޑަށް އެތެރެއަށް ލެވުނު ނޭވާއެތެރޭގައި ހިފަހައްޓާލާލައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. ކުރިމަތިން ފެނިގެން ދިޔައީ ފިލްމީމަންޒަރެއްނޫނެވެ. ކޮޓަރިތެރޭގައި ހުރި ގޮޑިއެއްގައި  ވާގަޑަކުން އައްސާފައި އިނީ އަޅުގަނޑުމެންގެ ދައްތައެވެ. ޓީޝާރޓެއްކަހަލަ އެއްޗަކުން ދައްތަ ބޮލާއެކު އަނގަމަތި ހުރީ އައްސާފައެވެ. ނިތްކުރިމަތި ފަޅައިގެން ގޮސް ލޭތައް ލޮލާދިމާލަށް ފައިބަނީއެވެ. ދައްތަ ކުރިމަތީގައި ހުރީ ބޮޑުބިޔަ ފިރިހެނެކެވެ. ބޮލުގެ އިސްތަށިގަނޑާ ހަމުގެ ކުލައަށް ބަލާފައި އެއީ އެފްރިކާ ހިސާބުގެ ދަރިފަސްކޮޅަކުން އައިސްފައި ހުރި މީހަކާ ވައްތަރެވެ. ލައިގެން ހުރި ފަޓްލޫނު ނޫން އެހެން އެއްޗެއް އޭނާގެ ގަޔަކު ނެތެވެ.  އަޅުގަނޑުމެން ފެނުމުން އޭނާ ފުރަތަމަ ހުއްޓުން އެރިއެވެ. އެހެނަމަވެސް އޭނާގެ ހަރަކާތް އަވަސްވެފައި ހުޝިޔާރެވެ. އަޅުގަނޑަށް ފެނުނު މަންޒަރު ސިކުނޑިއަށް ނަގައިގަނެ އޭގެމައްޗަށް ހަރަކާތެއް ގެންނަން ސިކުންތުކޮޅެއްނެގިއެވެ. ދައްތަގެ ގާތަށް ދުއްވައިގަންނަން ފިޔަވަޅުނެގީމެވެ. އޭގެ ކުރިން އެމީހާ ގެނައި ކުއްލި ހަރަކާތަކާއެކު ހިފީ ސީދާ ދައްތަގެ ކަރުގައެވެ. އަޅުގަނޑަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ. ދައްތަވެސް ގޮޑިއާއެކު ސަލާމަތްވުމަށްޓަކައި ތެޅިފޮޅުނީއެވެ.

“ޔޫ ސްޓޭ. ޑޯންޓް ކަމް ހިޔަރ” އެމީހާ ބުންޏެވެ. ހަމަ ވަގުތުން އަޅުގަނޑު ފަހަތައް ފިޔަވަޅެއް އެޅީމެވެ. ދެއަތް އުފުލާލީ އަމާންކަން ދައްކާށެވެ. އެމީހާ ފާޑަކަށް މޫނުމަތިން ނުބައި ސިފައެއް ދައްކާލާފައި ދައްތަ ފަހަތައްވާހެން ކޮށްޕާލިއެވެ. އެހެން ނަމަވެސް ވެއްޓެން ދިޔަގޮނޑި އަރި އަޅާލިވަގުތު އެމީހާއައިސް ގޮޑިއަށް ފައި އެއްލިއެވެ.  ދައްތަ ނުވެއްޓި ހިފެހެއްޓުނީ އެމީހާގެ އެހަރަކާތުންނެވެ. ދެންހަދަންވީ ގޮތަކާމެދު ވިސްނާލެވުނެވެ. ރުއިން ހުއްޓާލާ ހަމަ ބުއްދިން ވިސްނަންވެއްޖެ ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. މަދު ސިކުންތު ކޮޅެއް ލިބިފައިވާއިރު އަވަހަށް ސަލާމަތްވާނެ މަގެއްހޯދޭތޯ ސިކުނޑީގެ މަސައްކަތް އަވަސްކޮށްލީމެވެ. އެމީހާ ހުރީ ދައްތަ އިންގޮނޑިއަށް އެއްފައި އަރުވައިގެން އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ނެވެ. އެހެންވެ އަޅުގަނޑުހުރީ އެހެންދިމާލަކަށް ނަޒަރުވަކިކޮށްލަންވެސް ޖެހިލުންވެފައެވެ. ކުއްލިއަކަށް އަތުގައި އޮތް ކޮތަޅުތަކުގައި ހުރި އެއްޗެއްސާމެދު ވިސްނާލީމެވެ. އޭގައި ގިނައިން ހުރީ ރީތިވާން ބޭނުން ކުރާ އެއްޗެއްސެވެ. ހަމަ ޔަޤީނުންވެސް އެކިވައްތަރުގެ ސްޕްރޭފުޅި ހުންނާނެއެވެ. މުޅި ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ މަރުފަދަ ހަމަ ހިމޭން ކަމެކެވެ. ސިކުންތަކަށް ފަހު ސިކުންތެއް ފާއިތުވަމުން ދަނީއެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއްގެ އަޑު ކަންފަތާހަމައަށް ފޯރާހެން ހީވިއެވެ. ދައްތަވެސް ތެޅިތެޅި ވާޅުވެގެން ކަމެއް ނޭގެއެވެ. ދައްތަގެ ހަޅޭކުގެ އަޑު ވެސް ކެނޑިފައި އޮތް ވަގުތެކެެވެ. ވިސްނާލާފައި އޭނާގެ ސަމާލުކަން އަނބުރާލުމަށް ޓަކައި އަޅުގަނޑު މަޑުމަޑުން ދެކަކޫ މައްޗައް ތިރިވެ ދެއަތް ޖޯޑުކޮށްލާ އާދޭހާއެކު އޭނާ ގާތު ދައްތަ ދޫކޮށްލުމަށް ބުނީމެވެ.

“ޕްލީޒް.. ލެޓް ހަރ ގޯ”

އެއްފަހަރަކު ދެފަހަރަކު ނޫން ހާސްފަހަރު އަޅުގަނޑަށް އާދޭސްކުރަން ފެށުނެވެ. ހިތުގައި އެޅި ވޭނަކުން ގިސްލާފައި އަޅުގަނޑަށް ރޮވުނެވެ. އިސްއޮބާލައިގެން އިން އިރު އޭނާގެ ފައިގެ ހަރަކާތް އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑާ ގާތަށް އަންނަ ކަން އެނގުމުން ކުއްލިއަކަށް ތެދުވީމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.