ހެއިޓީގެ ރައީސް އަވަހާރަކޮށްލި މައްސަލައިގަ އެ ގައުމުގެ ފުލުހުން ހަތަރު މީހަކު މަރާލައިފި
އިއްޔެ ގޭގައި ހުންނަވަނިކޮށް ބަޑި ޖަހައި ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި މައްސަލައިގަ ހިމެނޭ ހަތަރު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
ރައިސް އަވަހާރަ ކޮށްލަން ބަޑިން ހަމަލާދިން މައްސަލައިގަ ފުލުހުންނަށް ޝައްކު ކުރެވޭ ހަ މީހަކު ފާހަގަ ކުރެވުނެވެ. އޭގެ ތެރެއިން މަރުވެފައިވާ ހަތަރު މީހުންނަކީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ފިލަން އުޅުނު މީހުންނެވެ.
ފުލުހުން ބުނީ ތަހުގީގުގެ ތެރެއިން މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި އެމީހުން ރައީސް ޖޮވެނެލްގެ ގެކޮޅަށް ވަދެފައިވަނީ ސެކިއުރިޓީގައި ތިބި ތިން ފުލުހަކު ރަހީނުކުރުމަށް ފަހު އެވެ. ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި އެ ތިން ފުލުހުންވެސް ވަނީ ސަލާމަތް ކޮށްފައި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ކޮން ގައުމެއްގެ ބަޔަކު ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އިއްޔެ އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ ބަޑި ޖެހި މީހުން ސްޕެނިޝް ބަހުން ވާހަކަ ދެއްކި ކަމަށެވެ.
ހެއިޓީގެ ރައީސްގެ މަރާ ގުޅިގެން ގައުމުގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެފައިވަނީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް އެވެ.
ރައީސް ޖޮވެނެލްގެ ގަޔަށް ބަޑިޖަހައި އަވަހަރަ ކޮށްލާފައި މިވަނީ އޭނާގެ ވެރިކަމާއި ދެކޮޅަށް މިއަހަރުގެ ކުރީ ކޮޅުން ފެށިގެން މުޒާހަރާ ކުރަން ފަާށާފައި ވަނިކޮށެވެ. މިދިޔަ ފެބްރުއަރީ މަހު ފަސް އަހަރުގެ ދައުރު ފުރިހަމަ ކޮށްފައިވާ ޖޮވެނެލް ވަނީ އިތުރު އެއް އަހަރު ފަހުން ނޫނީ ވެރިކަމުން ނުފައިބާނެ ކަމަށް ވިދާޅުވެފައި އެވެ.