އިންޓަރކަނެކްޝަންގެ މަސައްކަތެއް މާދަމާ ކުރަނީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ!
އިންޓަރކަނެކްޝަންގެ މަސައްކަތެއް މާދަމާ ކުރަން ނިންމާފައިވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއީ އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މިގަޑިތައް ބަޔާން ކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭނެ ކަމަށެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯޯ އިން ބުނެ އެވެ.
އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 09/07/2021 ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ 1/2
— STELCO (@STELCOMALDIVES) July 8, 2021
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް ޕްރޮޖެކްޓްގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު 6 ޓްރާންސްފޯމަރު ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރ، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިޢުލާން ކުރައްވާފަ އެވެ.
މިއީ މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އަހަރަކު ގާތްގަނޑަކަށް 7 އިންސައްތަ ކަރަންޓުގެ ޑިމާންޑް އިތުރު ވުމުގެ ސަބަބުން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ގެނައުމަށް ހިންގާ މަޝްރޫއެކެވެ.