ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހައުސިންގ މިނިސްޓަރ އަސްލަމްގެ އުއްމީދީ ވާހަކަތަކެއް!
ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ލޯއިންކަމް ފަރާތްތަކަށް ދައުލަތުން ސަބްސިޓީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.
އެ ޔޫނިއަން އިން މިހެން ބުނީ ހައުސިންގ މިނިސްޓަރ އަސްލަމް، އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަދި ރަޢީސް އޮފީހުން ހުޝާމް އާއި އެ 3 ވުޒަރާގެ ކަމާއިގުޅޭ ޓެކްނިކަލް މުވައްޒަފުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމަށް ފަހު، މީޑިއާއަށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފްލެޓްތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި ލޯއިންކަމް ބޭފުޅުންނަށް ދައުލަތުން ސަބްސިޓީ ހަމަޖައްސައި، ކުލި ކުޑަކޮށްދޭނޭ ކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރ ދެއްވި ކަމަށެވެ. އަދި ފްލެޓްތަކުން ކުނި އުކޭނެ ނިޒާމަކަށް ޔޫނިއަންއިން އެދިފައިވާ ގޮތަށް ގާބޭޗް ޝޫޓް ގާއިމް ކުރުމަށް އެކަން ކުރެވެން އޮތް ގޮތެއް ހޯދައި، ގާބޭޗް ޝޫޓް ޤާއިމް ކުރުމަށް މިނިސްޓަރ އެޗް.ޑީ.ސީ އަށް އަންގަވާ، އެ މަސައްކަތް އަވަސްކުރެއްވުމަަށް ދެންނެވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއަރ ފިނިޝިންގ ނުނިންމޭ ފަރާތްތަކަށް ގްރޭސް ޕީރިއެޑް އިތުރުކޮށް ދޭނެ ކަމަށާއި އެ ޔޫނިއަން އިން ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭ ޖަވާބުނުދެވި ވަނީ ދައުލަތަށް އުފުލަންޖެހޭ ބުރަ ބޮޑުވުމުގެ ސަަބުން އަގު ކުޑަކުރަން ދަތިވާތީ ކަމަށް މިނިސްޓަރ ދެންނެވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
“ނަމަވެސް ލޯއިންކަމް ބޭފުޅުންނަށް ދައުލަތުން ސަބްސިޓީ ދީގެން އަގުކުޑަކުރުމަށް ވިސްނާކަމަށް މިނިސްޓަރ ދެންނެވި. އަދި ބޭންކް އޮފް މޯލްޑިވްސް އަދި އެޗް.ޑީ.އެފް.ސީ މެދުވެރިކޮށް ޕެންޝަން ފަންޑް ކޮލަޓްރައިޒްކޮށް 15 އަހަރަށް ބަހާލެވޭގޮތަށް އިންޓީރިއަރ ފިނިޝިންގ އަށް ބޭނުންވާ ލޯން ހަމަޖެހޭނެކަމަށް ވެސް މިނިސްޓަރ ދެންނެވި.” ހިޔާ ފްލެޓް ޔޫނިއަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސޯޝަލް ހައުސިންގ ބެނެފެޝަރީސްގައި އެންސްޕާ ގައި ރަޖިސްޓްރީވެ، ހައުސިންގ ބެނެފިޓްސް އަށް އެދުމަށް ދެންނެވި ކަމަށާއި އެގޮތުން ބެނެފިޝަރީސްގެ ދަށުން ސަބްސިޓީ ލިބޭނޭ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެގްރީމެންޓްތަކުގައި ސޮއި ކުރާނީ ކޮންޓްރެކްޓަރ މަސައްކަތް ނިންމާ އެޗް.ޑީ.ސީ އާއި ޓަވަރުތައް ހަވާލުކުރާ ތަރުތީބުން ކަމުގައި ދެންނެވި ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން ސޮއި ކުރާނީ ފަހަރަކު ޓަވަރެއް ނިންމާ މަގުންކަމަށާއި އެގްރީމެންޓް ތަކުގައި 14 ޖުލައި 2021 ގައި ސޮއިކުރަން ފައްޓާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ހައްޖު ދުވަހާއި، ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު ސޮއި ކުރުން ކުރިއަށް ނުދިޔަނަމަވެސް ޔޫނިއަންގެ އެދުމާއި އެއްގޮތަށް ބާކީ ބަންދު ދުވަސްތަކުގައި ވެސް ކޮންމެވެސް މިންވަރަކަށް ސޮއި ކުރުން ކުރިއަށް ދާނޭ ކަމަށް ވިދާޅުވި ކަމަށް އެ ބަޔާނުގައި ވެއެވެ.
ހައުސިންސިންގ މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެގްރީމެންޓްތަކުގައި ސޮއިކުރަން 14 ޖުލައި 2021 ގައި ފަށާއިރު އީދު ބަންދު ނޫން ދުވަސްތަކުގައި ކޮންމެ ދުވަހަކު 300 އެގްރީމެންޓުގައި މަދުވެގެން ސޮއި ކުރާނޭ ކަމުގެ ޔަޤީންކަން އެޗް.ޑީ.އިން ދެއްވާފައިވާ ކަމަށް ވެސް އެ ޔޫނިއަން އިން ބުނެފައި ވެއެވެ. އަދި 30 ދުވަހުން އެގްރީމެންޓްގެ މަސައްކަތް ނިންމާނޭ ކަމުގެ ޔަޤީންކަން އަރުވާފައިވާ ކަމަށް ވެސް އެ ޔޫނިއަން އިން ބުންޏެވެ.
މީގެއިތުރުން ރަޢީސް އޮފީސް، ހައުސިންގ މިނިސްޓްރީ، އަދި އެޗް.ޑީ.ސީ އިން ކޮންމެ މުވައްސަސާއަކުން ފޯކަލް ޕޮއިންޓުން ކަނޑައަޅުއްވައި ބައްދަލުވުމުގައި ޙައްލުނުލިބި ހުރިކަންތައްތަކާއި އިތުރަށް ހުރި ކަންކަމުގައި މުވައްސަސާތަކާއި ޔޫނިއަން ގުޅިގެން މަސައްކަތް ކުރުމަށް ފަަސޭހަ އިންތިޒާމްތަކެއް ޤާއިމްކޮށް، ހައްލުތަކެއް ހޯއްދަވާދެއްވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ހިޔާ ފްލެޓް ޔޫނިއަން އިން ބުނެ އެވެ.
މި ބައްދަލުވުން އިންތިޒާމް ކުރެވުނީ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރ ފަލާޙްގެ އެހީތެރިކަމާއެކުގައި ކަމަށް ވާތީ އެކަމަށްޓަކާ މެމްބަރު ފަލާޙްއަށް ޔޫނިއަންގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފަ އެވެ.
ހިޔާ ފްލެޓް ޔޫނިއަން އަކީ ހިޔާ ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތައް ކަމާއިބެހޭ މުވައްސަސާތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޔޫނިއަން އެކެވެ. އެ ޔޫނިއަން އިމް މިހައިތަނަށް ވަނީ ހިޔާ ފްލެޓުގެ އަގު ކުޑަކޮށް ދިނުމަށާއި އެ ފްލެޓުތައް ލިބުނު ގިނަ ބައެއްގެ އުދާސްތައް ކަމާއިގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދީފަ އެވެ.
Hiyaa flat ah kurimathi li meehun ge therein liyun libifaivaa meehunnah mi sarukaarun flat dheythw?
Ebunaa low income meehunakee vazeefayah nugos Male’ ga thibi kuliverin
Dhen bunaanee fanner meehunakah nethey Kuli kudakureveykah. Ge kuyyadheegen laari hoadhaa Male’ meehunashey kulives kudavaanee. Male’ eehun mussandhikuran foarieh huri sarukaareh mee.
Ummeedhee vaahakathah dhahkaafa hehdhumakee komme sarukaarehge eh siyaasathu. Rahyithunnakee hama ekani vote hoadhan v ma fenna baeh.
ލޯއިންކަމް ކެޓަގަރައިސް ކުރާނީ ކިހިނެއްބާ؟