ކުރު ވާހަކަ “ޔަލީނާ” (7)

“ބައްޕާ، އަހަރުމެންނަކަށް ނުދެވޭނެތަ އެކޮޅަކަށް. ބޭނުމެއްނޫން އެމީހުނަނާއެކު ޔުޝްއަންނާކަށް”

ދޮގެއްނޫނެވެ. އަހަރެން ގެ ސިނކުޑިއެހިސާބަކަށް ވިންނުމެއް ނުދިޔައެވެ. އައިސްފައި ހުރި ރުޅިން އަހަންނަށް ބެލުނީ އެންމެ ފުރަތަމަ ވެސް އެކަން ކަމާބެހޭ ފަރާތަށް ރިޕޯޓްކުރުމަށެވެ. އަވަސް އަވަހަށް ކާރަކަށް ގުޅައިގެން އަހަރުމެން އެއަރޕޯޓަށް ދިޔައީމެެވެ.

އިޝްތިހާރު Below Header ad

އަހަރުމެން ދެބަފައިންގެ އައިޑީކާޑާ ދަތުރަށް ބޭނުންވާނެ ވަރަށް ފައިސާނޫން އެހެންއެއްޗެއް ނުގެންދަމެވެ. ނަސީބުކަންދިމާކުރިގޮތުން އެންމެ އަވަހަށް ފުރަން އޮތް ފުލައިޓުން އަހަރުމެނަށް ޖާގަ ލިބި ފަތިސްވަނިކޮށް ހިތަދޫއަށް ދެވިއްޖެއެވެ.

ފްލައިޓުން ފައިބާފައި ފޯން އޮންކޮށްލީ  ޔަސީރާއާއި ޔާނިޔާ ގާތު ވެގެން އުޅޭގޮތް ކިޔަދޭން ކަމަށެވެ. އެކުދިންނަށް ގޮވާލަންވެސް އަހަރުމެން ހަދާނަކާށް ނައެވެ. އެހެންނަމަވެސް ފޯން އޮންކޮށްލުމާއެކު ރިންގުވާންފެށިއެވެ. ގުޅަނީ ޝައުކަތު ކަމަށް ޔަލީނާގާތު ބުނެލާފައި އަވަހަށް ޖަވާބުދިނީމެވެ.

“އައްސަލާމް އަލައިކުން. ޝައުކަތު”

“ވައަލައިކުމް ސަލާމް. އަޅުގަނޑު ހާދަވަރަކަށް ގުޅައިފީމޭ! ފޯނަކަށް ނުގުޅޭ! މިހާބޮޑު ކަންތައް ގަނޑެއްވެގެން އުޅޭ އިރު ހިޔެއްނުކުރަން ފޯން އޮފްކޮށްލާނެ ކަމަކަށް”  ހިތްހަމަ ނުޖެހިފައި ޝައުކަތު ބުނެލިއެވެ.

” އަޅުގަނޑު ފްލައިޓަށް އަރާފަ ފޯން އޮފްކޮށްލީ..”

“މިކޮޅަށް ދުރުވީތޯ..” ކުޑަހައިރާން ކަމެއް ޝައުކަތު އަޑުގައި ހުއްޓެވެ.

” ލައްބަ! އަޅުގަނޑުމެން އަދި ހަމަ އެއަރ ޕޯޓްގަ”

” ޔުޝްފާ ގެންގޮސްފިން ހޮސްޕިޓަލަށް، ސިދްޤީ އެކޮޅަށްދުރުވޭ!”  ޝައުކަތު ފޯންބޭއްވުމުން އަހަރުމެން ޓެކްސީއެއްގައި ހޮސްޕޓަލަށް ދިޔުމަށް އަނެއްކާވެސް ދަތުރު ފެށީމެވެ. ޔަލީނާގެ ހަމަ ހިމޭންކަން އަހަންނަށް ފާހަގަވީދެނެވެ. މާލޭން ފުރީއްސުރެ ޔަލީނާ ބަހެއްނުބުނެއެވެ.

“ދަރިފުޅާ!” މަޑުމަޑުން ޔަލީނާގެ ކޮނޑުގައި އަތްބާއްވާލަމުން އަހަރެން ގޮވާލީމެވެ. ބިއްލޫރި ގަނޑުން ބޭރަށް ބަލަހައްޓައިގެން އިނދެ ހޫނ އަޅުވާލިއެވެ. ޔުޝްފާގެ ކަންތަކުގައި ޔަލީނާ ހާދަފިކުރު ބޮޑުވެއްޖެޔޭ އަހަރެން ހިތަށް އެރި އެވެ. އެކުދިން އެއްކުއްޖެއް އަނެއްކުއްޖެކެވާ ލޯބި އަހަންނަށް އިހުސާސްވެގެން ދިޔައެވެ. ކުއްލިއަކަށް ޔަސީރާ އާއި ޔާނިޔާ މަތިން ހަދާންވެގެން އަހަރެން އަވަހަށް ފޯނުނަގާ ޔަސީރާއަށް ގުޅާލީމެވެ.

” ބައްޕާ” އަހަންނަށް ހަލޯ އޭ ނުބުނެވިގެން އުޅެނިކޮށް ޔާނިޔާގެ އަޑު އިވުނެވެ. “ކޮންތާކު ތިހިރީ. ބައްޕަ މިސްކިތަށް ނިކުތްގޮތަށް ނާދެޔޯ ދައްތަބުނީ. ތިއްތަވެސް އަދި ނުހޭލާ. ޔާނީއާ ދައްތައާ ދެމީހުން މިއުޅެނީ”

ޔާނިޔާ އެއްނޭވާއަށް ހުރިހާ އެއްޗެއް އަމުނާލިއެވެ. ” ދައްތަކޮބާ!” އަހަރެންގެ އަޑުން ވީހާވެސް ހަމަޖެހޭ ގޮތްދައްކަމުންއެހީމެވެ. ” ދައްތަ ފާހާނައިގަ. ބައްޕައަށް ގުޅަންވެގެން އުޅެފަ އެބައަންނަމޭ ކިޔާފަ އެދިޔައީ. ބައްޕަ ކާކާއެކީ ތިއުޅެނީ”

” ދަރިފުޅާ! ބައްޕަ މިހިރީ އައްޑޫގަ އިނގޭ! ”

” އޭނނ ، ކިހިނެތް އައްޑޫއަށްދިޔައީ. ރޭގަވެސް މިގޭގައެއްނުން ހުރީ” ޔާނިޔާއަކީ ފަނަރަ އަހަރު ގެ ކުއްޖެއްނަމަވެސް ބައެއްފަހަރު ނިކަން ވިސްނާނުލާ މޮޅެތި ސުވާލުކޮށްލާނެއެވެ.

” ދަރިފުޅާ! އިހަށް ރީއްޗައް އަޑުއަހާބަލަ. ތިއްތަ ގޮވައިގެން ބައްޕަ މިއައީ މިކޮޅަށް. ކުޑާ ބަލިވެގެން ކުޑާ ބަލާ މިއައީ” ޔަސީރާ އައުމުން ޔަސީރާއަށް ކުޑަކޮށް ވެގެން އުޅޭގޮތް ކިޔާދީފައި އަހަރެން ފޯންބޭއްވީމެވެ.

***

ތަހުޤީގަށް ބޭނުންވަނެ މައުޟޫމާތު ނެގުމަށް ފަހު އަހަރުމެން މާލެއައީމެވެ. ޖުމައިލް ހައްޔަރު ކުރިވާހަކަ ޚަބަރުތަކުގެ ސުރުޙީއަށް އެރިއެވެ. އެކި ނޫހުގައި އެކިގޮތަށް ވާހަކަ ތައްދައްކަމުން ދިޔައެވެ. ޔުޝްފާގެ ވާހަކަ ވެސް އެބަޔަކު ބޭނުންވާގޮތަކަށް ޚަބަރުތަކުގައި ލިޔަމުން ދިޔައީއެވެ. އަހަރުމެންގެ ޢާއިލާއަށް ލިބުނު ހުތުރުނަމާދޭތެރޭގައި އެއްޗެއްބުނާނެ މީހަކު ނެތެވެ. ޔުޝްފާއަށް ލިބުނު ނަފްސާނީ ގެއްލުމުން އަރައިގަންނަން ވަރަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ބުނުއްވިއެވެ.

ވިސްނާ ވިސްނާ އަހަރެން ބޯގޮވާވަރު ވެއްޖެއެވެ. ގާތްތިމާގެ މީހުންނާ ރައްޓެހިންގެ ސުވާލުތަކާ ހެދި ފޯނާދުރުގަ އުޅެން ޖެހިފައިވާ ދުވަސްކޮޅެކެވެ. ހަމަ އެގޮތަށް ޔުޝްފާވެސް އަބަދުހެން އުޅެނީ ކޮޓަރީގައެވެ. މީހުންނާ ވާހަކަ ދައްކާ ހަދާކަށް އޭނާ ބޭނުމެއްނޫނެެވެ. އޭނާގެ ފުރަތަމަ ތަޖްރިބާ އެވީ ވަރަށް ހިތްދަތި ތަޖްރިބާއަކަށެވެ. މިހާވަރުން އަހަރެން ކުދިން ދޫކޮށްގެން ގެންގުޅޭނީ ކިހިނެތްބާއެވެ. ޖީޒާމިއަދު ހުރިނަމަ އެލޮލުން ކަރުނަ ހުސްވާނެ ވަގުތެއް ނާންނާނެއެވެ. ޖީޒާ މިކަމާމެދު ވިސްނާނީ ކިހިނެތްބާއެވެ. އޭނާ ހަމަ ގައިމުވެސް ޔުޝްފާއަށް އަބަދު ނަސޭހަތްދީ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރާނެވެ. އެކަން އަހަރުމެން އެންމެން އެބަ ކުރަމެވެ. ދެން ކުރާނީ ވަކި ކޮންކަމެއްބާއެވެ. އަހަރެން އަވަސް އަވަހަށް ސިޔާދުގެ ނަމްބަރަށް ޑައިލްކޮށްލީމެވެ.

“ސިޔާދޫ” އެކޮޅުން ފޯނުން ހަލޯއޭ ރަގަޅަށް ނުބުނެވިގެން އުޅެނިކޮށް އަހަންނަށް ގޮވާލެވުނެވެ.

“އޭ ހާދަ ހާސްވެފަ ކިހިނެވީ ”

ސިޔާދަށް އަހަރެންގެ އަޑުން ކަމެއްގޯސްވެއްޖެ ކަން ފާހަގަކުރެވިގެން ވަގުތުން ކަންބޮޑުވިއެވެ.

” ނިކަން މިގޭދޮށަށް ޖައްސާލަދީބަލަ. ބޮޑުކަމަކާ މަޝްވަރާ ކުރަން ޖެހޭއެބަ”

ބޭނުންވީ ވީ އެންމެ އަވަހަކަށް ސިޔާދުގެ ލަފައެއް އަހާށެވެ. އެހެން ނަމަވެސް ކަންކަންކުރަން ވަގުތު ނަގާނެތާއެވެ. ސިޔާދު ހުރީ ހުޅުމާލޭގައި މަސައްކަތެއްކުރާށެވެ .

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.