ޒެމްބިއާގަ ޕްރެސެންޓަރު ހަބަރު ކިޔަމުން، މުސާރަ ނުދޭ ވާހަކަ ބުނުމުން، ޗެނަލުން ބުނީ އޭނާ ހުރީ މަސްތުވެގެން ކަމަށް
ޒެމްބިއާގެ ޓިވީ ޗެނަލެއް ކަމަށްވާ ކޭބީއެން ޓިވީގެ ނޫސްވެރިއަކު ވަގުތުން ހަބަރުގަޑި ދައްކަމުން ދަނިކޮށް މުސާރަ ނުދޭ ވާހަކަ ބުނެފި އެވެ.
ކަލިމިނާ ކަބިންދާ ކިޔާ ނޫސްވެރިޔާ ހަބަރުގެ ސުރުހީތައް ކިޔުމަށް ފަހު ހަބަރުތަކުގެ ތަފްސީލަށް ދާވާހަކަ ބުނުމަށް ފަހު ފަށަނީ މުސާރަ ނުލިބޭ ވާހަކަ އެވެ.
އޭނާ ބުނީ އެއީ އިންސާނުން ކަމަށާއި އެމީހުންނަށް ހައްގުވާ މުސާރަ ލިބެންޖެހޭ ކަމަށެވެ. އެކަމަކު ކޭބީއެން ޓިވީން އެމީހުންނަށް މުސާރަ ނުދޭ ކަމަށް އޭނާ ބުންޏެވެ.
ކަލިމިނާ ބުނީ މުސާރަ ނުލިބެނީ އޭނާއަށް އެކަނި ނޫން ކަމަށާއި އެކުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށްވެސް މުސާރަ ނުލިބިގެން އުނދަގޫވެގެން އުޅޭ ކަމަށެވެ. އޭނާ ވާހަކަ ދައްކަނިކޮށް ހަބަރު ވަނީ މެދުކަނޑާލާފައި އެވެ.
އެ ވީޑިއޯ އާންމު ކުރުމަށް ފަހު ފޭސްބުކްގައި ކަލިމިނާ ބުނެފައިވަނީ އޭނާ ބޭނުންވި ކަންތައް ކުރެވިފައިވާ ކަމަށެވެ. އަދި ގިނަ މުވައްޒަފުން ތިބީ އެގޮތަށް ފާޅުގައި މުސާރަ ނުދޭ ވާހަކަ ހާމަ ކުރަން ނުކެރި ބިރުން ކަމަށެވެ.
މި މައްސަލައިގަ ކޭބީއެން ޓީވީން ބުނީ އެއީ އެތަނުގައި މަސައްކަތް ކުރާ ޕާޓް ޓައިމް މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ހަބަރު ކިޔަން އެރޭ އަރާ އިނީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެކަމަކު މުސާރަ ނުދޭކަމަށް ބުނެ ދެއްކި ވާހަކައަށް ޓީވީ ޗެނަލުން ޖަވާބު ދީފައެއް ނުވެ އެވެ.
އޭގެ ރައްދުގައި ކަލިމިނާ ވަނީ މުސާރަ ނުދޭ މުވައްޒަފުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައި އެވެ.