އިބިލީހާއި ގަސް

((މި ވާހަކައަކީ އިބްރާހިމް ރަޝީދު މޫސާ ލިޔުއްވާފައިވާ “ޝައިތާނާގެ މަކަރުވެރި ރޭވުން” މިފޮތުން ނަގާފައިވާ ވާހަކައެކެވެ.))

 

އިޝްތިހާރު Below Header ad

އަލްޙަސަންގެ އަރިހުން އަލްމުބާރަކް އަބޫ ފަޟާލަތު ރިވާ ކުރެއްވި ގޮތުގައި: މާތް ﷲ ފިޔަވައި މީސްތަކުން އަޅުކަން ކޮށްއުޅުނު ގަހެއް ވިއެވެ. މި ގަސްދޮށަށް މީހަކު ގޮސް މާތް ﷲ ގަންދީ ހުވާ ކޮށްފައި ބުންޏެވެ. “މިގަސް ކަނޑާލާހުށީމެވެ”

މާތް ﷲ އަށްޓަކައި އެ ގަސް ކަނޑާލުމަށް ނިޔަތް ގަނެ އެގަސްދޮށަށް މިމީހާ ދިޔަވަގުތު އިންސާނެއްގެ ސިފައިގައި އިބްލީސް އޭނާއާއި ބައްދަލު ކުރިއެވެ. އިބްލީސް ބުންޏެވެ. “ކަލޭ ތިޔަ އުޅެނީ ކީއްކުރަން ހެއްޔެވެ.” އޭނާ ބުންޏެވެ. “އަހަރެން މިއުޅެނީ މިގަސް ކަނޑާލާށެވެ. މާތް ﷲ ފިޔަވައި މީސްތަކުން މިގަހަށް އަޅުކަން ކުރާތީއެވެ.”

އިބިލީސް ބުންޏެވެ. “ކަލޭ ތިގަހަށް އަޅުކަން ނުކުރާނަމަ އެހެން މީހުން ކުރާ ކަމަކުން ކަލެއަށް ލިބެނީ ކޮން ގެއްލުމެއް ހެއްޔެވެ؟”

އޭނާ ބުންޏެވެ. ނޫނެކެވެ. އަހަރެން މިގަސް ނުކަނޑާ ހުއްޓައެއް ނުލާނަމެވެ. އިބިލީސް ބުންޏެވެ.  “ތިޔަކަމަށް ވުރެ ފައިދާހުރި ކަމެއް ކޮށްދެން ހެއްޔެވެ؟ މިގަސް ނުކަނޑާށެވެ. ކޮންމެ ދުވަހަކު ހެނދުނު ނިދިން ތެދުވާއިރު ކަލޭގެ ބާލީސް ދަށުގައި ދެ ދީނާރު އޮންނާނެ ގޮތް ހަމަޖައްސާދޭނަމެވެ.”

އޭނާ ބުންޏެވެ. “މިކަމުގައި ޖާމިނުވާނީ ކާކުހެއްޔެވެ.” އިބިލީސް ބުންޏެވެ. “އަހަރެންނެވެ.”

މިހެން ބުނުމުން އޭނާ އެގަސް ނުކަނޑާ ގެއަށް އެނބުރި ހިނގައްޖެއެވެ.

ފުރަތަމަ ދުވަހު ތެދުވިއިރު ބާލިސް ދަށުގައި ދެދީނާރު އޮތެވެ. ނަމަވެސް ދެވަނަ ދުވަހު ތެދުވިއިރު ދެދީނާރެއް ނެތެވެ. އެހިނދު އެކަމާ ރުޅިއައިސްގެން ފުރޯ ހިފައިގެން އެގަސް ކަނޑާލަން ދިޔައެވެ. އެގަސްދޮށުން އިބިލީސް އޭނާއާއި ބައްދަލު ކޮށް ސުވާލު ކުރިއެވެ. “ތިޔައުޅެނީ ކީއްކުރަން ހެއްޔެވެ؟”

އޭނާ ބުންޏެވެ. “މިއުޅެނީ މާތް ﷲ ފިޔަވައި މީސްތަކުން މިގަހަށް އަޅުކަން ކުރާތީ މިގަސް ކަނޑާލާށެވެ.”

އިބިލީސް ބުންޏެވެ. “ތިޔަ ހެދީ ދޮގެކެވެ. ކަލެއަށް ތިކަމެއް ނުކުރެވޭނެއެވެ.”

އޭނާ މިގަސްކަނޑަން ފުރޯއިން ހަމަ ޖަހާއިރަށް އިބިލީސް އޭނާގެ ގައިގައި ބައްދާ ބިމަށް ޖަހައިފިއެވެ. އަދި ކަރުގައި ހިފައި ނޭވާ ނުލެވޭވަރު ކޮށްފިއެވެ. އިބިލީސް ބުންޏެވެ. “އަހަންނަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އަހަންނަކީ ޝައިތާނާއެވެ. ފުރަތަމަ ފަހަރު ކަލޭ ގަސް ކަނޑަން އައީ މާތް ﷲ ގެ ވަޖްހަފުޅަށް ޓަކައެވެ. އެހެންވެ އަހަންނަށް ކަމެއް ނުކުރެވުނީއެވެ. ދެދީނާރުގެ ދަޅައިގައި ކަލޭ ހައްލާލަން ޖެހުނީ އެހެންވެއެވެ. އެކަމަކު މިއަދު ތިއައީ ދެދީނާރުގެ ދަހިވެތިކަމުގައެވެ. ކަލޭގެ މައްޗަށް އަހަންނަށް ގަދަވެވުނީ އެހެންވެއެވެ.”

ދުނިޔޭގެ އަރާމާއި ދަޅަތަކުން ޝައިތާނާ އިންސާނުން ހެއްލުންތެރި ކުރުވަނީ މިފަދަ ގޮތަކަށެވެ. އޭގެ ސަބަބުން ދުނިޔެ ބާއްޖަވެރި ވާނެ ކަމުގެ ދަލުގައި ޖައްސުވައެވެ. ނަމަވެސް ރަސޫލުﷲ (ސައްލަﷲ އަލައިހި ވަސައްލަމް) ހަދީޘް ކުރައްވަނީ “ދީނާރާއި ދިރުހަމްގެ އަޅާ އަބާއްޖަވެރި ވެއްޖެއެވެ.”

އިސްވެދިޔަ ވާހަކައިން އެނގޭ ގޮތުގައި ޝައިތާނާއަށް އަޅުގަނޑުމެންގެ މައްޗަށް ވެރިވެގަނެވެނީ އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން ނެތިވެ ދިޔުމުންނެވެ.

ރަސޫލުﷲ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ އަރިހުން ސާލިމް މައުލާ ޙުޒައިފާ ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ޤިޔާމަތް ދުވަހު ބަޔަކުމީހުން ހިސާބު ބެލުމަށް ގެނެވޭނެއެވެ. އެމީހުންގެ ހެޔޮ ކަންތައް ތުހާމާ ފަރުބަދަ ފަދައެވެ. އެކަމަކު މާތް ﷲ އެމީހުންގެ މިއަމަލުތައް ވަޔަށް ބުރުއްސާލައްވާ، އެމީހުން ނަރަކައަށް އެއްލާލުމަށް އަމުރު ކުރައްވާނެއެވެ.” އެހިނދު ސާލިމް ދެންނެވިއެވެ. “އެއީ ކޮންބައެއްތޯއެވެ؟ އެފަދަ މީހަކަށް ވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ.” އެކަލޭގެފާނު ހަދީޡް ކުރެއްވިއެވެ. “އެމީހުންނަކީ ދެއްކުމަށް ޓަކައި ނަމާދުކޮށް ރޯދަހިފައި އުޅުނު ބައެކެވެ.”

އެހެން ހަދީޡް ފުޅެއްގައި ވެއެވެ. “އެމީހުންނަކީ ރޭގަނޑު ދަންވެރުގައި ވެސް މާތް ﷲ އަށް އަޅުކަން ކުރުމުގައި ބުރަ އުފުއްލި ބައެކެވެ. އެކަމަކު ހަރާމް ކަމެއް ހުށައެޅިއްޖެ ނަމަ އެކަމެއްގެ މައްޗަށް އެމީހުން ފުންމައިގަނެއެވެ. އެހެންވެ އަރަހުށި މާތް ﷲ އެމީހުންގެ އަމަލުތައް ބާތިލް ކުރެއްވީއެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.