ކޮޕަ އެމެރިކާ: ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ ގްރޫޕްގެ އެއްވަނައަށް
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ރޭ ފަތިހު ޕެރަގުއޭއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އާޖެންޓީނާއިން ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭ ފަތިހު ޕެރަގުއޭއާއި ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-1 ނަތީޖާއިންނެވެ.
ރޭ ފަތިހު ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ޕެރަގުއޭ ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗްގެ 10 ވަނަ މިނެޓްގައި އެންހަލް ޑި މަރިއާ ދިން ބޯޅައަކުން ސެވިއްޔާ އަށް ކުޅެމުން އަންނަ އަލެޖަންޑްރޯ ގޯމޭޒް އެވެ.
ރޭ ދަންވަރު ވެސް މި މުބާރާތުގެ މެޗެއް ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލުކުރީ ޗިލީއާއި އުރުގުއޭ އެވެ. މިއީ ވެސް ގުރޫޕް ބީގެ މެޗެކެވެ. މި މެޗު ކުޅެފައިވަނީ އާޖެންޓީނާ އާއި ޕެރަގުއޭ ބައްދަލުކުރުމުގެ ކުރިންނެވެ. ޗިލީއާއި އުރުގުއޭ ބައްދަލުކުރި މި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ ނަތީޖާތަކަށްފަހު ގުރޫޕް އޭގެ އެއްވަނަގައި ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއި އެކު އޮތީ އާޖެންޓީނާއެވެ. ގުރޫޕްގެ ދެވަނާގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު އޮތީ ޗިލީއެވެ. މި ދެޓީމަށްވުރެ އެއް މެޗް މަދުން ކުޅެގެން ތިން ޕޮއިންޓް ހޯދައިފައިވާ ޕެރަގުއޭ ތިން ވަނައިގައި އޮތް އިރު ހަތަރުވަނައިގައި އެންމެ ޕޮއިންޓަކާ އެކު އޮތީ އުރުގުއޭ އެވެ. ފަސް ޓީމް ހިމެނޭ ގްރޫޕްގެ އެންމެ ފުލުގައި އޮތީ ދެ މެޗް ކުޅެގެން ޕޮއިންޓެއް ނުލިބި އޮތް ބޮލީވިއާ އެވެ.