ޔޫރޯ 2020: (ގުރޫޕް ބީ) ބެލްޖިއަމް – ފިންލެންޑް
ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި މިރޭ ފިންލެންޑާއި ބެލްޖިއަމް ބައްދަލުކުރާއިރު، ބެލްޖިއަމް ވަނީ ކުޅުނު ދެމެޗުން ވެސް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުން ބެލްޖިއަމް މޮޅުވެއްޖެ ނަމަ އެތީމަށް ގުރޫޕުގެ އެއްވަނަ ލިބޭނެއެވެ. މިރޭ ބެލްޖިއަމްއާއި ދެކޮޅަށް ކުޅޭ މެޗު ފިންލެންޑަށް ވަރަށް މުހިންމެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ފިންލެންޑަށްވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެއެވެ.
މި ގްރޫޕަށް ބަލާލާއިރު ކުޅުނު ދެ މެޗު ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ އެއްވަނައިގައި އޮތީ ބެލްޖިއަމްއެވެ. ގުރޫޕުގެ ދެވަނައިގައި އޮތް ރަޝިއާ އާއި ތިންވަނައިގައި އޮތް ފިންލެންޑަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ޑެންމާކަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށެވެ.
ބެލްޖިއަމް އަދި ފިންލެންޑްގެ ތާރީޚީ ބައްދަލުކުރުންތައް
ބެލްޖިއަމް އަދި ފިންލެންޑް މީގެ ކުރިން 11 ފަހަރު ބައްދަލުކޮށްފައިވެއެވެ.
އޭގެ ތެރެއިން ބެލްޖިއަމް ހަތަރު ފަހަރު މޮޅުވެފައިވާއިރު، ފިންލެންޑް މޮޅުވެފައިވަނީ 3 ފަހަރުއެވެ. މީގެތެރެއިން ހަތަރުމެޗު ވަނީ އެއްވަރުވެފައެވެ.