ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ވެސް ފައިދާ ލިބޭނެ: ޓޫރިޒަމް މިނިސްޓަރ

ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ވެސް ފައިދާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންގިނަ، އާދަކާދަ ފިސާރި މެލޭސިއާ ފަދަ ގައުމުތަކުގައިވެސް “ހޯމްސްޓޭ” ފަތުރުވެރިކަން ކާމިޔާބު ކަމަށެވެ.

އިޝްތިހާރު Below Header ad

” ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެ. މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން.” ޑރ. މައުސޫމުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ މައުސޫމް މިފަދައިން ޓްވީޓު ކުރައްވާފައި މިވަނީ ކޮވިޑު-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައިމިވާ މި ދަނޑިވަޅަކީ ހޯމްސްޓޭ ޓުއަރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތު ތޯ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސުވާލު އުފައްދާފައިވާ ވަގުތެއްގަ އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމްސްޓޭ ޓޫރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއް ކަމަށާއި މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކުގެ ސަބަބުން، ހޯމް ސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ.

ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށްވާއިރު، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“މި މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލައި ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ، ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ.” ގޭމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ގެސްޓްހައުސްތަކަށް ހަމަ އަގެއް ނުލިބޭތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި ރާއްޖޭގެ ގެސްޓްހައުސްތައް މިހާތަނަށް ދުނިޔޭގައި އިޝްތިހާރު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުންވެސް ޓޫރިޒަމްގެ މި ސިނާއަތަށް ހަމަ އަގު ހޯދަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ގޭމް އިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހޯމްސްޓޭއަށް ހުއްދަ ދެވޭނީ ހަރުދަނާ ރެގިއުލޭޓްރީ ފްރޭމްވޯކްއެއް އެކުލަވާލުމަށްފަހު ކަމަށެވެ. އަދި ސީދާ ކައުންސިލްތަކުން ރެގިއުލޭޓްކޮށް، ސަލަމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ގޭމް ގެ ކަންބޮޑުވުމާ އެއްވަރަށް، ހޯމްސްޓޭ ލަސްވާތީ ރަށްފުށު ރައްޔިތުން ކަންބޮޑުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދާދިފަހުން ސަރުކާރުން ވަނީ ރާއްޖޭގައި ހޯމްސްޓޭ ޓުއަރިޒަމް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

ހޯމްސްޓޭ އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އަދި އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅޭ އުޅުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.