ހައްޖުވާން 24 ގަޑިއިރު ތެރޭ ހަތަރު ލައްކަ ފޯމު، އިސްކަން ދޭނީ މިދިޔަ ފަސް އަހަރު ހައްޖު ނުވާ މީހުންނަށް
ހައްޖަށް ދިނުމަށް ރެޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ 24 ގަޑިއިރު ތެރޭގައި 450،000 މީހުން ފޯމު ހުށަހަޅައިފި އެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން 60،000 މީހުންނަށެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނީ އަދިވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު ހައްޖުވުމުގެ ފުރުސަތު ދޭނީ މިދިޔަ ފަސް އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް އިސްކަން ދީގެން ކަމަށް ބުނެ އެވެ.
މިއަހަރު ހައްޖުވުމުގެ ފުރުސަތުދޭ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުންނެވެ. އަންހެނުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 40 ޕަސެންޓު ޖާގަ އެވެ.
ހައްޖު މިނިސްޓްރީން ބުނީ ފޯމް ބަލައިގަތުމާއިޖާގަ ލިބޭ ފަރާތްތަކަށް ހައްޖު ހުއްދަ ދޫކުރުމާއި ފީދެއްކުމުގެ ހުރިހާ ކަމެއް ކުރިޔަށް ދާނީ އޮންލައިންކޮށް ކަމަށެވެ. އަދި ޖާގަ ދިނުމުގައި އެއްވެސް މީހަކަށް ތަފާތު ނުކުރާނެ ކަމަށް ބުނެ އެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރަން ފޯމް ހުށަހަޅާ ފަރާތްތަކަކީ 18-65 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންނަށް ވާންޖެހެ އެވެ. އަދި އެމީހުންނަކީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެ، ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންދާ މީހަކަށް ވެގެންނެތް ނުވާނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ހައްޖު ވެވޭ މީހުންގެ އަދަދު މަދު ކުރަން ފެށީ މިދިޔަ އަހަރު އެވެ. އެގޮތުން މިދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ އެންމެ 1،000 މީހުންނަށެވެ.