ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް އުރީދޫ އިން ރޯލް އޯވަރގެ ޚިދުމަތް ތަޢާރަފްކޮށްފި
ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް އުރީދޫ އިން ރޯލް އޯވަރގެ ޚިދުމަތް ތަޢާރަފްކޮށްފި އެވެ.
އުރީދު އިން ބުނީ މި ޚިދުމަތް ތަޢާރަފް ކުރީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަރނެޓް ބޭނުންކުރާ މިންވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
މި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތްލިބިގެންދާނެ އެވެ.
ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ އެވެ.
ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެ އެވެ.
ޑޭޓާ ރޯލްއޯވަރގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސާއެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފަ އެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ އޮފަރއެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެ އެވެ.
އައު ޕްލޭންތައް | އަގު (ރުފިޔާ) | ކޮންމެ މަހަކަށް ލިބޭ އެލަވަންސް | 20% ބޯނަސް ޑޭޓާ | މުޅިއަކު ލިބޭ ޑޭޓާ |
ފަސޭހަ އެޗްބީބީ 60ޖީބީ | 799 | 60 | 12 | 72 |
ފަސޭހަ އެޗްބީބީ 500ޖީބީ | 3549 | 500 | 100 | 600 |
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ ކަމަށެވެ.
” ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަރނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން.” ނިޔާޒު ވިދާޅުވި އެވެ.