14 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި އައްމަޓީ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

14 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލާފައިވަނީ ގެ މިއަދު އޮތް އޭނާގެ ޝަރީޢަތުގެ އަޑު އެހުމުގަ އެވެ.

އިޝްތިހާރު Below Header ad

މިއަދުގެ ޝަރީއަތުގައި ވެސް އައްމަޓީގެ ބުނީ އޭނާގެ މައިބަދައިގެ ދެ ބަދައެއް ފިތި މައި ނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފިލައިގެން ވެސް ނުދާނެ ކަމަށް ވެސް ބުންޏެވެ.

ބަންދަށް ލުޔެއް ދިނުމަށް އައްމަޓީ އެދުނުނަމަވެސް  އެކަމަށް އިއުތިރާޒު ކުރީ އައްމަޓީއަކީ މީގެ ކުރީން ވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށްވެފައި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރިކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ގާޒީ ވިދާޅުވީ ބަންދުގައި ބަހައްޓައިގެން މި މައްސަލައިގައި ކުރިއަށް ގެންދަން ޖެހޭ ހާލަތު އޮތް ކަމަށް ޝަރީއަތަށް ނުފެންނާތީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަނީ ކަމަށެވެ.

އެގޮތުން ޝަރީއަތުން ކުރި ޝަރުތަކީ މާލެ އިން ފުރައިގެން ނުދިޔުމެވެ. އަދި އައްމަޓީ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާނެ ކަން ކޯޓުން ކަށަވަރު ކުރާނެ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

“މި ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ،” ނިންމަވައިލައްވަމުން ގާޒީ ވިދާޅުވި އެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުމެއް މި ޖޫން މަހު 10 ވަނަ ދުވަހަށް ވެސް ތާވަލުކޮށް، ވަނީ ހުއްޓާލާފަ އެވެ. އެއީ އައްމަޓީއަށް ވަކީލެއް އައްޔަނު ކޮށްފައި ނެތުމުން ނެވެ.

އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި އެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް އައްމަޓީ ހާޒިރުކޮށްފައިވީނަމަވެސް އޭނާގެ ވަކީލުން އެދުވަހު ހާޒިރުވެފައެއް ނުވެ އެވެ.

ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލަކާއެކުތޯ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އެދުވަހު ސުވާލު ކުރެއްވުމުން ޖަވާބުގައި އައްމަޓީ ބުނެފައިވަނީ، އޭނާގެ ވަކީލެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އަޑުއެހުމުގެ ތަފްސީލު ލިބިފައި ނުވާތީ އެ އަޑުއެހުމަށް ވަކީލު ހަމަޖެއްސިފައި ނުވާ ކަމަށެވެ. އަދި ވަކީލަކު އައްޔަނު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

އެހެންނަމަވެސް ގާޒީ، ހަސަން ސައީދު ފަސް ދުވަސް ދެއްވުމަށް ފަހު، އެ މުއްދަތުގައި ވަކީލަކު އައްޔަނުކޮށް ކްރިމިނަލް ކޯޓަށް އެކަން އެންގުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގަ އެވެ.

އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަރޕޯލްގެ ރެޑް ނޯޓިސްވެސް ވަނީ ނެރެފަ އެެވެ. ނަމަވެސް އޭނާ ރާއްޖެ ގެނައީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަރޕޯލްއާ ގުޅިގެން ނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.