ޔޫރޯ 2020: ނެދަލެންޑްސްއިން ފަހު ވަގުތު ޔޫކްރޭން އަށް ބޮނޑިދީފި
ޔޫރޯ 2020 ގެ ގްރޫޕް ސީ ގައި ރޭ ޔޫކްރޭން އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗުން ނެދަލެންޑްސް މޮޅުވެއްޖެއެވެ.
އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުން ނެދަލެންޑްސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ ފުރަތަމަ ހާފުނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ފަހު ހާފު ފެނިގެން ދިޔައީ ވަރަށް ފޯރި ގަދަކޮށެވެ. މި ހާފުގައި ޖުމްލަ ފަސް ލަނޑު ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ވައިނަލްޑަމް ނެދަލެންޑްސްއަށް ލީޑު ނަގައިދިންއިރު، އޭގެ ހަ މިނެޓު ފަހުން ވައުޓް ވެހޯސްޓް ވަނީ އިތުރު ލަނޑެއްޖަހާ ނެދަލެންޑްސް އަށް ލީޑު ފުޅާކޮށްދީފައެވެ.
ޔޫކްރޭންއިން ފުރަތަމަ ލަނޑުޖަހާ ފަރަގު ކުޑަކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ ޔާމޮލެންކޯއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ޔޫކްރޭނަށް ނަތީޖާ އެއްވަރުކޮށްދިނީ ރޯމަން ޔަރެމްޗަކެވެ. މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ.