އިންވެސްޓަރުން ހޯދާ، އިތުރުކުރުމަށް ވެބިނަރތަކެއް ކުރިއަށް ގެންދަނީ
ރާއްޖެއަށް އިންވެސްޓަރުން ހޯދާ، އިތުރުކުރުމަށް ވެބިނަރތަކެއް ބާއްވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ އެމްބަސީތަކާއި ގުޅިގެންބާއްވާ ވެބިނަރތަކެއް ކަމަށެވެ. އަދި ކޮވިޑަށްފަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މި މަސައްކަތްތައް ކުރަމުން އަންނަނީ އެ މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފޮރިން މިނިސްޓްރީއާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކާއި ގުޅިގެން އެ ޤައުމުތަކުގައި އިންވެސްޓްމަންޓް ވެބިނަރތަކެއް ކުރިއަށްގެންދަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މި ވެބިނަރތައް މިހާރުވަނީ ޖަރުމަން، ދުބާއީ، ޖަޕާނުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓޫެރިޒަމް މިނިސްޓްރީން ބުނީ މި ވެބިނަރތަކުގައި ޓޫރިޒަމް ރިކަވަރީ މަސައްކަތްތައް ބޭރުގެ ޓުއަރ އޮޕަރޭޓާރސް ޓުރެވެލް އެޖެންޓްސްއާއި ހިއްސާކުރެވި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ދީފައިވާނޭ ކަމަށެވެ.
މި ޖޫން މަހު ވެސް ސިންގަޕޫރާއި ބެލްޖިއަމް ގައި 2 ވެބިނަރ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ 16 ބިމަކާއި ރަށެއް، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފަ އެވެ.