ޖޭޕީގެ ކައުންސިލު މެމްބަރ ޔުމްނާ ޕީޕީއެމް އާ ގުޅިއްޖެ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލު މެމްބަރ އައިމިނަތު ޔުމްނާ ޕީޕީއެމް އާ ގުޅިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގައި ޖޭޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ޔުމްނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ ޕީޕީއެމާއި ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޕީޕީއެމްގެ މެމްބަރޝިޕް ފޯމު ޔުމްނާ ހަވާލުކުރެއްވީ ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިންގ ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އަށެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ކައުންސިލަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޔުމްނާ ޕީޕީއެމަށް ސޮއިކުރެއްވުމުން ޕީޕީއެމް ގެ 13 ކައުންސިލަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވާނެ އެވެ. ދެން އެ ކައުންސިލުގައި ތިއްބަވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހަ ކައުންސިލަރުން ނެވެ.