ޔޫރޯ 2020: (ގުރޫޕް ބީ) ރަޝިއާ – ބެލްޖިއަމް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ބެލްޖިއަމާއި ރަޝިއާއެވެ. މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ކުޅޭ މި މެޗު ކުޅެން ހަމަޖެހިފައިވަނީ ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައެވެ.
މިރޭގެ މެޗަށް ދެޓީމުންވެސް ވާންޖެޖޭ އެންމެ ފަހުގެ ތައްޔާރިތައް ވެފައިވާއިރު، މިރޭގެ މެޗު ބެލުމަށް 40،000 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.
މިރޭގެ މި މެޗުގައި ބައްދަލުކުރާ ދެ ޓީމަށް ބަލާލާއިރު،
ބެލްޖިއަމް
ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއި އެކު މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ބެލްޖިއަމް އަކީ ޔޫރަޕް ފުޓްބޯޅައިގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ގައުމެއް ނޫނެވެ. މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް މާ ރަނގަޅު ނަތީޖާތަކެއް ނުރެވޭ ޓީމެއް ނޫނެވެ. ބެލްޖިއަމް އަކީ ގަވައިދުން ޔޫރޯއަށް ކޮކިފައިވާ ގައުމެއް ވެސް ނޫނެވެ. އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1972 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގައި އެގައުމުން ސެމީއާއި ހަމައަށް ދަތުރުކޮށްފައިވެއެވެ. އޭގެ ފަހުން 1980 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތުގައި އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. ނަމަވެސް ތައްޓާއި ހަމައަށް ފޯރާވަރެއް ނުވިއެވެ. ދެން ވާދަކުރި ދެ މުބާރާތުގައިވެސް ބެލްޖިއަމް ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި ކުއާޓާއަށް ދަތުރުކުރިއެވެ.
މިފަހަރުވެ މުބާރާތައް ކޮލިފައިވީ ގޮތް
ބެލްޖިއަމް މިފަހަރުގެ ޔޫރޯ މުބާރާތައް ކޮލިފައިވީ އެ ޓީމު ހިމެނޭ ކޮލިފައިން ގުރޫޕު އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ބެލްޖިއަމް އާއި އެންމެ ގާތުން ވާދަކުރީ ރަޝިއާއެވެ. ރަޝިއާ ގުރޫޕުގެ ދެވަނާގައި އޮތީ 24 ޕޮއިންޓާއި އެކުގައެވެ.
ރަޝިއާ
ރަޝިއާ އަކީ އެންމެ ފުރަތަމަ ބޭއްވުނު ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމެވެ. މީގެ ކުރިން ރަޝިއާ ވަނީ 11 ފަހަރު ޔޫރޯގައި ވާދަކޮށްފަ އެވެ. ކުރިން ސޯވިއެޓް ޔޫނިއެންގެ ގޮތުގައި އޮތް ރަޝިއާ އިން އެންމެ ފުރަތަމަ ޔޫރޯގައި ކުޅުނީ 1960 ވަނަ އަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގައެވެ. އެ ފަހަރު އެ މުބާރާތުގެ ތަށި ނެގީ ރަޝިއާއިން ނެވެ. މިއީ ޔޫރޯގައި މިހާތަނަށް އެގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
އޭގެ ފަހުން ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އޮތްއިރު 1964 ވަނަ އަހަރާއި 1972 ވަނަ އަހަރާއި، އަދި 1988 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އެގައުމު ދަތުރުކުރިއެވެ.
ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ގައުމު ޔޫރޯގައި ފުރަތަމަ ވާދަކުރީ ސްވިޑަންގައި 1992 ގައި އޮތް މުބާރާތުގަ އެވެ. އޭގެ ފަހުން 1996، 2004، 2008، 2012 އަދި 2016 ގެ ޔޫރޯގައި ވެސް ކުޅުނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ މުބާރާތް ފިޔަވައި ދެން ވާދަކުރި ހުރިހާ މުބާރާތެއްގެވެސް ގުރޫޕް ސްޓޭޖުން ރަޝިއާ ވަނީ ކަޓާފައެވެ.
މިފަހަރުގެ މުބާރާތަށް ކޮލިފައިވި ގޮތް
މި ފަހަރުގެ ޔޫރޯގައި ރަޝިއާ ވާދަކުރީ ކޮލިފައިން ގުރޫޕް އައިގައެވެ. ކޮކިފައިންގައި ބެލްޖިއަމްއާއި އެއް ގުރޫޕެއްގައި ހިމެނުނު ރަޝިއާ މިފަހަރުގެ މުބާރާތައް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ 24 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ރަޝިއާ އަދި ބެލްޖިއަމްގެ ތާރީޚީ ކުރިމަތިލުންތައް
ރަޝިއާ އަދި ބެލްޖިއަމް މީގެ ކުރިން 7 ފަހަރު ބައްދަލުކޮށްފައިވެއެވެ. އެއީ ވާދަވެރި ހަތަރު މެޗަކާއި އެކުވެރިކަމުގެ ތިން މެޗެއްގައެވެ. މީގެ ތެރެއިން އެއްވެސް މެޗަކުން ރަޝިއާ މޮޅުވެފައި ނުވާއިރު، އެއްވަރުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ބެލްޖިއަމް އާއި ރަޝިއާ އެންމެ ފަހުން ބައްދަލުކޮށްފަައިވަނީ 2019 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފައިން މެޗުތަކުގައެވެ. އެ ފަހަރު ފުރަތަމަ ލެގުގައި ބެލްހިއަމްގައި ކުޅުނު މެޗުން 1-3 އިން ބެލްޖިއަމް މޮޅުވިއިރު، ރަޝިއާގައި ކުޅުނު ދެވަނަ ލެގުގެ އެމެޗު ވެސް 0-4 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ބެލްޖިއަމުންނެވެ.
ދެ ޓީމުގެ އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް
ބެލްޖިއަމް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން ވަނީ މޮޅުވެފައެވެ. ދެމެޗުން ވަނީ އެއްވަރުވެފައެވެ.
ރަޝިއާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވިއިރު، އެއްމެޗު އެއްވަރުވެ އެއްމެޗުން ވަނީ ބަލިވެފައެވެ.
ދެ ޓީމުން އެންމެ ފަހުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ދެ ޓީމު ވެސް ދާދި ހަމަހަމައެވެ. އެހެން ކަމުން މިރޭ މި ދެޓީމް ބައްދަލުކުރާ މެޗަކީ ވާދަވެރިކަން ބޮޑު މެޗަކަށް ވެގެންދާނެއެވެ.
ރަޝިއާ އަދި ބެލަޖިއަމް ވާދަކުރާ މެޗު ފަށާނީ މިރޭ ރައްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.