އާދަކޮށް ޕީނަޓް ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް: ދިރާސާ
ގިނައިން ޕީނަޓް ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޝަންގްހައި ކެންސާ އިންސްޓިޓިއުޓްއިން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ގަވާއިދުން ޕީނަޓް ކާ މީހުން ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދިނުމުގެ އިތުރުން އުމުރު ދިގުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.
އަދި ޕީނަޓަކީ ވަރަށް ފަސޭހައިން އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނަ އެއްޗެއް ކަމަށް ވާއިރު، ހިތުގެ ބަލިތަކާ ސްޓްރޯކް ޖެހުމުން ސަލާމަތް ވުމަށް އާދަކޮށް ޕީނަޓް ކެއުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާ ކުރުމަށް އެކި ނަސްލުތަކުގެ މީހުން އެއްކޮށްލައިގެން ބޭނުންކޮށްފައިވާއިރު، ސައިންސްވެރިން ބުނެފައި ވަނީ ޕީނަޓްގެ ފައިދާ ހަށިގަނޑަށް ކުރާ ގޮތް ބެލުމަށް ކުރިން މިފަދަ ދިރާސާއެއްކޮށްފައި ނުވާ ކަމަށެވެ.
މި ދިރާސާ ހެދުމަށް އެމެރިކާ އިން ކަޅު ނަސްލާއި ދޮން ނަސްލުގެ 70،000 މީހުން ބައިވެރިކޮށްފައިވާއިރު ޝަންހައި އިން 130،000 މީހުން ބައިވެރިކޮށް މައުލޫމާތު ނަގާފައިވެ އެވެ.
މި މީހުން ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ގަވާއިދުން ޕީނަޓް ކާ މީހުންނަށް ކުރިމަތިވާ ހިތުގެ މައްސަލަތައް މަދުކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާ އިން ލިބިގެން ދިޔަ އެންމެ މުހިންމު މައުލޫމާތަކީ، ޕީނަޓްގެ ފައިދާ ހުރިހާ ނަސްލުތަކެއްގެ އެންމެނަށް ވެސް އެއްގޮތަކަށް ކުރުން ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.
ޕީނަޓް އަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި މިނެރަލްސް އަދި އެންޓިއޮކްސައިޑެންޓްސް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ.
ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކާއި އަލްޒެއިމާ އަދި ވައިރަލް/ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.