އިޔާޝާގެ ހުނަރުވެރި މަސައްކަތުގެ ރަން ‘ދޯދި’ – މަނަދޫ ތާރީޚު އުޖާލާކޮށްފި

އަންހެންކަނބަލުން ކޮށްއުޅުނު އަތްތެރި މަސައްކަތްތަކަށް ބަލައިލާއިރު، ހިރު ގެތުމާއި، ބޯވަޅުގައި ހިރުއަޅައި ބޯވަޅު އެޅުން ފަދަ މަސައްކަތްތަކާއި، މާޖެހުމުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. މިފަދަ މަސައްކަތްތައް ބޭނުންކޮށްގެން ލައިއުޅުނު ލިބާސްތައް ލައިއުޅުން މިވަނީ ނެތިދިއުމާއި ހަމައިގައެވެ. މިހާރު ޚާއްސަ ދުވަސްތަކުގެ ރަސްމިއްޔާތުތަކުގައި ކަސަބު ބޯވަޅުއެޅި ދިވެހި ލިބާހެއް މީހަކުލާފާނެއެވެ. ނަމަވެސް ޙަޤީޤީ އަތްތެރި މަސައްކަތުން ތައްޔާރުކޮށް ހިރު އަޅާލާފައިވާ ބޯވަޅެއް މިޒަމާނުގައި ފެންނާނީ ވަރަށް މަދުންނެވެ. މާޖެހުމުގެ މަސައްކަތްވެސް މިހާރު ފެންނަމުން ދަނީ މެޝިނަރީ ބޭނުންކޮށްގެން ކުރާތަނެވެ. އެހެންކަމުން އެފަދަ މަސައްކަތް ތަކުގެ ޒަމާނީ އުފެއްދުންތައް ނުނެރެވިއްޖެނަމަ، ދިވެހީންގެ ތެރެއިން އެފަދަ އަތްތެރި މަސައްކަތްތައް ނެތިދިއުމަކީ ހިނގުން އެންމެ ގާތްކަންތަކެވެ. ޒަމާން ބަދަލުވުމުން މިފަދަ މަސައްކަތްތަކުގެ އުފެއްދުންތައް ޒަމާނާއި އެއްގޮތަށް ބަދަލުކޮށްލުމަކީ އަދި މާތަފާތު ހުނަރެކެވެ. މިކަން ކުރެވޭނީ ހުނަރުވެރި، ވިސްނުންތެރި މީހުނަށެވެ. މަސައްކަތުގެ އަހުލުވެރީންނަށެވެ.

ނ. މަނަދޫއަށް އުފަން ފާޠިމަތު އިޔާޝާއަކީ، މާޖެހުމުގެ ޒަމާންވީ މަސައްކަތް، ވަރަށް ތަފާތު ޒަމާނީ ގޮތަކަށް ދިރުވާ، އެމަސައްކަތުގައި ކުރިއަރަމުން އަންނަ ވަރަށް ހުނަރުވެރި ޒުވާނެކެވެ. އިހުގައި މާޖަހައި އުޅުނީ، ފޮތިގަނޑުގަނޑުގައި ރޮދިން މާގަނޑު ނުވަތަ ވެޔޮގަނޑު ގޮތަށް ރޮދިޖަހައިގެނެވެ. ބާލީހު އުރަ ނުވަތަ ޚިތާނުކުރާ ފޮތިގަނޑުފަދަ ތަކެތީގައެވެ. ފަހަކަށް އައިސް، މާޖަހާ ގޮތަށް، ސުކޫލު ބެޖުގައި ރޮދި ޖަހާއުޅެއެވެ. އިނގިރޭސި ބަހުންނަމަ، މިދަންނަވަނީ އެމްބްރޮއިޑަރީގެ ވާހަކައެވެ. މާޖެހުމަށް ދިވެހިބަހުގައި މާޖެހުން ކިޔާފައި އޮންނަނީ، އޭރު މުޅީންވެސް، ރޮދި ބޭނުންކޮށްގެން ކުރަހާ ކުރެހުމަކީ މަލެއް ނުވަތަ، މާގަނޑެއް ނުވަތަ މާވެޔޮގަނޑެއް ފަދަ އެއްޗެހި ކަމުގައި ވާތީކަމުގައިވެސް ވެދާނެއެވެ.

އިޝްތިހާރު Below Header ad

11

މިމަސައްކަތް އޭރު ބޭނުންކުރި ގޮތާއި ޚިލާފަށް، އިޔާޝާ މިމަސައްކަތް ކުރަމުން އަންނަނީ، މިޒަމާނުގައި ޒުވާނުންގެ ތެރޭގައިވެސް، މާޖެހުމުގެ އުފެއްދުންތައް ބޭނުންކުރާހިތްވާފަދަ ގޮތަކަށެވެ. މާޖެހުމުގެ ރޮދިތަކުގެ ކުލަވަރުން ހިތްހަމަ ޖެހުން ގެނުވަނީ، ތަފާތު އެކި މަންޒަރުތައް ރޮދީން ދައްކުވާލައިގެންނެވެ. ބާލީހު އުރައާއި ސުކޫލު ބެޖު ނުވަތަ ޚިތާނީ ފޮތިގަނޑުގައި ޖަހާ މާގަނޑެއްގެ ބަދަލުގައި، ކޮޓަރީގެ ފާރު ޒީނަތްތެރި ކޮށެލެވޭނެ ފަދަ ގޮތަކަށެވެ. ނުވަތަ ރައްޓެއްސަކަށް، ރީތިކޮށް ތަނެއްގައި އެލުވާލާފައި ނުވަތަ ހަރުކޮށްލާފައި ބައިންދާލެވޭނެފަދަ ހަދިޔާއެއްގެ ގޮތުގައި ދެވޭނެ ގޮތަށެވެ. ކައިވެނީގެ ރަނުގެ ގޮތުގައި، ގިނަ ދުވަހަށް ފެންނާނެހެން ބަހައްޓާލެވޭނެ އެއްޗެއް، ނުވަތަ ރަނުގެ ރަމްޒެއްގެ ގޮތުގައި، ފެންނާން ހުންނާނެ ރީތި އެއްޗެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށެވެ. މިޒަމާނުގައި ފަހާފޮށި ބޭނުންކޮށްގެން މާޖެހުމުގެ މަސައްކަތްތައް (އެމްބްރޮއިޑަރީ) ކޮށްއުޅުނުކަމުގައި ވިޔަސް، އިޔާޝާ މިމަސައްކަތް ކުރަނީ، ފަހާފޮށިފަދަ އެއްވެސް މެޝިނެއް ބޭނުން ނުކޮށެވެ. އަތުން ފަހާ ތިނޯހަށް ރޮދިލައްވައިގެން، އަތުން ކުރާ އަތްތެރި މަސައްކަތެއްގެ ގޮތުގައެވެ.

ސައިންސްގެ ދާއިރާއިން  ބަޔޮލޮޖީއިން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ އިޔާޝާ މާޖެހުމުގެ މަސައްކަތަށް ޝައުޤު އުފެދުނު ގޮތާއި އޭނާގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ކިޔާލަދިނެވެ. އިޔާޝާ ބުނި ގޮތުގައި އޭނާ މިކަމަށް ޝައުގު އުފެދުނީ، ގޭގައި ހުރެގެން ކުރެވޭނެ މަސައްކަތެއް ބެލުމުގެ ތެރެއިން، ހޯދި ހޯދުންތަކުން ފެނުނުއިރު، މިމަސައްކަތް ބަލާލަން ކަމުގޮސްފައި، ކުޑަ ރައުސްމާލަކުން ފެށޭނެ ކަމަކަށްވާތީއެވެ. ” ޕިންޓަރެސްޓުން ބެލީ ގޭގަ ހުރެގެން ކުރެވޭނެ ކަންތައްތަކެއް. ދެން އޭރު ރާއްޖޭގަ އެގޮތައް ހޫޕްގަ މާ ޖަހާފަ ހުންނަކަން ނޭނގޭތިއްޔާ، ކުޑަ އިންވެސްޓަކުން ފެށޭ ކަމެއް ވީމަ ޓްރައި ކޮއްލީ. ދެން ބަލާލަން ވަރަށް ކަމުދާތީ.. “ އިޔާޝާ ބުންޏެވެ. މަސައްކަތަށް ޝައުގު އުފެދުމާއިއެކު، މަސައްކަތް ދަސްކުރަންފެށީ ޕިންޓަރެސްޓާޢި، ކަމާއި ގުޅޭ ވީޑިއޯތައް ބަލައިގެންނެވެ. އަދި އިޔާޝާގެ މަންމަގެ ފަރާތުންވެސް މިކަމުގެ ވަރަށް ގިނަ އުކުޅުތައް ދަސްވިކަމުގައި އިޔާޝާ ބުނެއެވެ. އަދި މީގެ އިތުރުން މިކަމުގައި އަމިއްލައަށް ހެދޭ ގޯސްތަކަށް ބަލައިގެންވެސް އިތުރަށް ދަސްކުރީއެވެ. މަސައްކަތް ވިޔަފާރީގެ ގޮތުގައި ފަށައިގަތުމުގެ ކުރީން ހައެއްކަ މަސްދުވަހު މަސައްކަތް ދަސްކުރުމުގައި އުޅެފައިވާނެކަމުގައި އިޔާޝާ ބުނެއެވެ. އަދި އޭނާ މިކަމަށް ޝައުޤު އުފެދި ދަސްކުރުމުގެ މަސައްކަތް ފެށީ އޭނާ ތަޢުލީމު ޙާސިލްކުރަން އުޅުނު ދުވަސްވަރުއެވެ.

8

ނަމަވެސް އޭރު މިކަން އޭނާ ފެށީ މިމަސައްކަތަށް ހުސްވެގެން ހުރުމަކަށް ނޫނެވެ. ނަމަވެސް މިހާރު މިމަސައްކަތުގައި އުޅުން އޭނާއަށް މާކަމުދެއެވެ. “ކިޔެވި އިރު ކުރަންފެށި ކަމެއް މީ. އޭރު ފެށީ ހުސް މިމަސައްކަތައް ހުސްވެގެން ހުންނާކަށް ނޫން. މިހާރު މި ގޮތް މާ ކޮންވީނިއެންޓްއީ.” :އިޔާޝާ.

އިޔާޝާއަށް ފެންނަން ފެށިފަހުން ޢާއިލާތެރޭގައި އަތުން މާޖަހާތީ ނުފެނުނު ނަމަވެސް، މެޝިން އެމްބްރޮއިޑަރީގެ މަސައްކަތް ކުރާތީ ފެނުނު ކަމުގައި އިޔާޝާ ބުނެއެވެ. ނަމަވެސް މިފަދަ މަސައްކަތެއް ޑެކަރޭޝަނަށް ބޭނުން ކުރެވޭނެ ކަމުގެ ޚިޔާލު އޭރަކު ނާދެއެވެ. ވިޔަފާރީއެއްގެ ގޮތުގައި މިކަން ކުރުމަށް އިޔާޝާ ނިންމީ، މިކަމަށް ޝައުގު އުފެދި، މިއީ ވަރަށް ‘ޔުނިކް’ މަސައްކަތެއްގެ ގޮތުގައި ފެނި، ކުޑަ ޚަރަދަކުން ފެށޭނެ ކަމެއް ކަމުގައި ފެނިގެނެވެ. އަދި މިކަމުގައި ބެލީ ވީހާވެސް މީހުނަށް ކަމުދާނެކަހަލަ، ގޭގައި ހުރެގެން މަސައްކަތް ކޮށްގެން ޢާމްދަނީވެސް ހޯދޭނެ ގޮތެކެވެ. އިޔާޝާގެ މިވިސްނުމާއި އެކު، ވަރަށް އުންމީދުގައި ފެށި މިމަސައްކަތަށް މިހާރު އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން ކަމުގައި އޭނާ ބުންޏެވެ. “ކުޑަ އިންވެސްޓަކުން ކުރެވޭ ޔުނިކް ކަމަކަށް ވީމަ! ދަސްކުރަން ފެށިއިރު ރާއްޖޭގަ މިކަން ކުރާ ކަމެއް ނޭނގެ. ދެން ބިޒްނަސްއެއް ގޮތަށް ނުފަށަނިސް 2 ޕޭޖެ ވަރު ފެނުން.” -އިޔާޝާ- މަސައްކަތް ދަސްކުރުމުގެ ގޮތުން ތައްޔާރުކުރާ ތަކެތީގެ ފޮޓޯ އިޔާޝާ އައީ އޭނާގެ ޕާރސަނަލް އިންސްޓަގްރަމް އެކައުންޓަށް ލަމުންނެވެ. އަދި މިގޮތުން ހިއްސާ ކުރާ މަސައްކަތްތައް ފެނި މީހުނަށް އެމަސައްކަތް ވަނީ ކަމުގޮސްފައެވެ. މިގޮތުން އެންމެ ފުރަތަމަ ދެ އޯޑަރެއް ޢާއިލާ ތެރެއިން ލިބުނެވެ. އަދި މާޖަހައިގެން ކުރި މަސައްކަތް އެކުލަވާލާއިގެން ތައްޔާރުކޮށްފައިވާ ބުރެއްގެ ފޮޓޯ އޭނާގެ ފޭސްބުކުގައި ހިއްސާ ކުރިއެވެ. އަދި އެޕޯސްޓް ޕްރޮމޯޓްކޮށްގެން އޭނާގެ ވިޔަފާރީގެ ފުރަތަމަ ކަސްޓަމަރު ލިބިގެން ފެށި ވިޔަފާރި މިހާރު ވަނީ ފުޅާވެފައެވެ. މިހާރު ދޮޅުމަހެއްހާ ދުވަހަށް އަބަދުވެސް އޮންނަނީ ބުކްވެ ނިމިފައިކަމުގައި އިޔާޝާ ބުނެއެވެ.

square-collage1
square-collage-2
އިޔާޝާގެ މާޖެހުމުގެ މިހިތްގައިމު އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ހިތްގައިމު އެއްކަމަކީ ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ފުރުސަތުތަކެއް އޯޑަރު ކުރުމުގައި ލިބިފައި ވުމެވެ. މިގޮތުން ކަސްޓަމަރ، މިފަދަ އެއްޗެއް ބޭނުންވެއްޖެ ނަމަ، ފޭސްބުކް ނުވަތަ އިންސްޓަގްރާމްގެ ‘dhoadhi.mv’ ޕޭޖަށް،

Dhoadhi logo with social icons

 މެސެޖުކޮށް، އެމީހަކު ރަމްޒުކުރަން ބޭނުންވާ ކަމެއް، ނުވަތަ އުފެއްދުން ބޭނުން ކުރަން ބޭނުންވާ ކަންތައް ބުނެލުމުން، ތަފާތު ޑިޒައިންތަކެއް އިޔާޝާ ތައްޔާރުކޮށްލައެވެ. އަދި އޭގެތެރެއިން ކަސްޓަމަރ އެންމެ ހިތްހަމަ ޖެހޭ ޑިޒައިނަކަށް މާޖަހައި، ބުރު (ހޫޕް) ތައްޔާރުކޮށްލަދެއެވެ. އެއީ ކަސްޓަމަރ އެއުފެއްދުމެއް ބޭނުންވާ ދުވަހަށް ބުކް ކުރެވެން އޮތްނަމަ، އެދުވަހަކަށް ބުކް ކުރުމުން ކަސްޓަމަރ އެޑްވާސް ފައިސާ ދެއްކުމުންނެވެ. މީގެ އިތުރުން ކަސްޓަމަރ ދޭ ޑިޒައިންތަކަށްވެސް އިޔާޝާ މާ ޖަހައިދެއެވެ. އެހެންކަމުން، ކައިވެނީގެ ރަނެއް، ނުވަތަ ދެމަފިރިއެއްގެ ލޯބި ރަމްޒުކޮށްލަން ބޭނުންވާ މީހުނަށް މި ހިތްގައިމު އަތްތެރި މަސައްކަތުގެ އުފެއްދުންތައް ވަރަށްވެސް އެކަށީގެން ވެއެވެ. 15 އިޔާޝާ ބުނި ގޮތުގައި މިފަދަ އުފެއްދުންތަކުގެ އޯޑަރު ގިނައިން ލިބެނީ މީހުނަށް ހަދިޔާއަށް ދިނުމުގެ ގޮތުންނެވެ. އަދި ކައިވެނީގެ ރަނުގެ ގޮތުގައި ނުވަތަ ރަނުގެ ރަމްޒެއްގެ ގޮތުގައި، އަދި ފާރުތައް ޒީނަތްތެރިކޮށްލަން ފާރުގައި ހަރުކޮށްލުމަށް ބޭނުންކުރުމަށްވެސް މިފަދަ އުފެއްދުންތަކަށް އޯޑަރު ލިބެއެވެ. ހޫޕްގައި މާޖެހުމުގެ އިތުރުން ތުއްތު ކުދިންގެ ހެދުންކޮޅު ފަދަ ތަކެތީގައިވެސް މިގޮތަށް އަތުން މާޖަހައިގެން، ކުރެހުންތަކާއި ލިޔުންކޮޅުތަކުން ޖަރީކޮށްލުމުގެ ހުނަރު އިޔާޝާ އަންނަނީ ބޭނުންކުރަމުންނެވެ. ” ހަމަ ޑީ.އެމް ކޮށްލީމަ މިކޮޅުން ބުނެލަދޭނަން އެ ބޭނުންވާ ޑޭޓް އެވައިލެބްލްތޯ ނޫންތޯ. އެވައިލެބްލް އިއްޔާ ކަސްޓަމާރ އެޑްވާނސް ޕޭ ކޮށްލީމަ ހަމަ އެ ޑޭޓް އެއް އެ ކަސްޓަމަރ އަކަށް ބުކް ކޮށްލަދެނީ.” ”  އާއްމުކޮށް ގިފްޓަށް ދޭން ހަދުވަނީ. ކައިވެނީގެ ރަންވެސް ނޫނީ ހަމަ ވޯލް ޑެކަރ އަށް ބޭނުން ކުރަންވެސް ހަދުވަ.” -އިޔާޝާ-

މާލެ ނޫން އަތޮޅުތެރޭގެ ރަށެއްގައި ހުރިކަމުގައިވީނަމަވެސް، ތަފާތު ހުނަރުވެރި މަސައްކަތެއްކޮށްގެން ގޭގައި އިނދެ ޢާމްދަނީ ހޯދައި، އަންހެން ކަނބަލުންނަށްވެސް ކުރިއެރިދާނެކަން އިޔާޝާ އަންނަނީ ސާބިތުކޮށްދެމުންނެވެ. އޭނާގެ އުފެއްދުންތައް ނ އަތޮޅުގެ ރަށްތަކަށްވެސް ޑެލިވަރ ކޮށްދޭއިރު، ގްރޭޓަރ މާލޭގެ ސަރަޙައްދު ތަކަށްވެސް ޑެލިވަރ ކޮށްދެއެވެ. މާޖެހުމުގެ މި ކަވި މަސައްކަތް އިޔާޝާ ކުރަމުން އަންނަނީ އޭނާގެ ލޯބިލޯބި ކުޑަ ދަރިފުޅުވެސް ބަލަމުންނެވެ.

24

ހީވާގި ކަމާއިއެކު މި ހުރިހާކަމެއް ކުރަމުން އަންނނީ އޭނާގެ ލޯބިވާ ފިރިމީހާގެ އެހީތެރިކަމާއެކު، ދެމީހުންވެސް ދެމީހުންގެ މަސައްކަތަށް ވަގުތު ދީގެން ކަމުގައި އިޔާޝާ ބުނެއެވެ.

އެންމެ ފުރަތަމަ މިމަސައްކަތް ފަށައިގަތް އިރު އިޔާޝާއަށް އެންމެ އުނދަގޫވީ އެއްކަމަކީ، އޭރު އެހާ ރަނގަޅަށް މަސައްތް ނޭނގޭތީ، އެކަމަށްދާ ވަގުތު ގިނަވެފައި، ކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ގަންނަން ނުލިބޭތީއެވެ.

 އަދި މިހާރުވެސް އޮތް އެންމެ ބޮޑު ދައްޗަކީ މިކަމަށް ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވާ ދަތިތަކެވެ. ރަށުން މިތަކެތި ނުލިބޭއިރު، ރާއްޖެއިންވެސް ފަސޭހައިން ހެޔޮ އަގުގައި ސާމާނު ލިބެން ނުހުރުމެވެ.

މިމަސައްކަތް ފެށި އިރާއި އަޅާބަލާއިރު، މަސައްކަތުގެ އަވަސްމިނާއި، ފެންވަރަށް ބަލާއިރުވެސް މިހާރު ވަރަށް ބޮޑުތަން ރަނގަޅުކުރެވިއްޖެ ކަމުގައި އިޔާޝާ ޤަބޫލުކުރެއެވެ. ނަމަވެސް އިޔާޝާ ޤަބޫލުކުރާ ގޮތުގައި އަދިވެސް އޭނާ އަންނަނީ މިކަން އިތުރަށް ދަސްކޮށް، މަސައްކަތް އިތުރަށް ފައްކާ ކުރުމަށް މަސައްކަތް ކުރަމުން ކަމުގައިވާތީ، އެހެން މީހުނަށް މިމަސައްކަތް ދަސްކޮށްދިނުމަށް ކޯސްތައް ބޭއްވުން ފަދަ ކަންކަން ކުރެވޭ ހިސާބަށް އަދި ފޯރާފައެއް ނުވެއެވެ. ނަމަވެސް މީހަކު ސުވާލުކޮށްފިނަމަ، މިހާރުވެސް އޭނާއަށް އެނގޭ މިންވަރުން، ވަރަށް ހާމަކޮށް އެއެއްޗެއް އެމީހަކަށް ބުނެދޭ ކަމުގައި އިޔާޝާ ބުނެއެވެ.

އިޔާޝާ ނެރުނު އެންމެ ފުރަތަމަ މަސައްކަތް
އިޔާޝާ ނެރުނު އެންމެ ފުރަތަމަ މަސައްކަތް

އިޔާޝާގެ މި ހުނަރުވެރި މަސައްކަތާއި ކުރިއެރުން ފެނުމުން، މާ ޖެހުމުގެ މަސައްކަތަކީ މަނަދޫގައި ކިހާ މިންވަރަކަށް އޮތް ކަމެއްތޯ އިތުރަށް ބަލައިލީމެވެ. މިގޮތުން އެނގިގެން ދިޔަ ގޮތުގައި، ކުރީގައި މަނަދޫ ރަށު އޮފީހުގެ ފަރާތުން ދެމީހަކު ވަނީ މާޖެހުން ދަސްކުރުމަށް މާލެއަށް ފޮނުވާފައެވެ. ރަށު އޮފީހުގެ ފަރާތުން ފޮނުވާފައިވަނީ އެރަށު އަނބުގަސްދޮށުގޭ މޫމިނާ ޢަބްދުއްރަޙްމާނާއި، އެއްގަމުގޭ ހާޖަރާ މުޙައްމަދު ކަމުގައި މަޢުލޫމާތު ލިބެއެވެ. އޭރު އެކަމަށްޓަކައި ފޮނުވާފައިވަނީ، މާލޭ، ލައިނޫފަރުމާގެއިން އެކަން ދަސްކުރުމަށް މަހަކު 50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެން ކަމުގައި މަޢުލޫމާތު ލިބުނެވެ. އަދި މިދެމީހުންގެ ފަރާތުން މިމަސައްކަތް ރަށުގައި އާލާކުރުމަށްވެސް ރަށުއޮފީހުން އޭރު މަސައްކަތް ކޮށްފައި ވެއެވެ. މިގޮތުން އަވަށުގެ މީހުނަށް މިކަން ދަސްކޮށްދިނުމަށް  ރަށުފެންވަރުގެ ކޯހެއް ހިންގުމަށް އަންގައި، މިކަމުގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މުޅި ކޯހަށް ލިބުނު ވަގުތުގެ ދަތިކަމާއި ހުރެ އޭރު އެހާ އެދެވޭ ގޮތުގައި އެކަން ނުދިޔަނަމަވެސް މިކޯހުންވެސް ބަޔަކު ވަނީ މިކަން ދަސްކޮށްފައެވެ.

މަނަދޫގައި މާޖެހުމުގައި މަޝްހޫރުކޮށް އުޅުނު މީހުނަށް ބަލައިލާއިރު، ބޮޑުކުރިގޭ ޚަދީޖާ، އިތާހާ ޒުލޭޚާ، ބަނަފްސާގެ ހައްވާ މުޙައްމަދު، ހިޔާ ނަފީސާ ޢަބްދުﷲ ހިމެނެއެވެ. މަނަދޫ ހަނީ ސީޒަން ފާތުމަތު އަބޫބަކުރު (ކިޔަވާ ދައްތަ) މިއީ މާލެއިން އަތުން މާޖަހަން ދަސްކޮށް އެމަސައްކަތް އެންމެ ފުރަތަމަ މަނަދޫގައި ކުރި ފަރާތްކަމުގައި އެނގިފައިވެއެވެ.  އަދި މަނަދޫގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން މާޖެހުމުގެ މަސައްކަތް ކުރިކަމަށް އެނގިފައިވާ، ހައްވާ ޒަކަރިއްޔާ މާޖަހަން ދަސްކުރީ “ކިޔަވާ ދައްތަ” މާޖަހާތަން ފެނި، އެކަމަށް ޝައުގުވެރިކަން އުފެދިގެން ، އަމިއްލައަށް އެކަން ކުރަން މަސައްކަތް ކޮށްގެންކަމުގައި ވެއެވެ. ނަމަވެސް ފަހުން މާލެ ގޮސް ފަހާފޮށިން މާޖަހަން ދަސްކޮށްގެން އައެވެ. އެއަށްފަހު ރަށު ސުކޫލުގެ ގިނަ ބެޖުތަކެއް ޖަހާފައިވެއެވެ. އަދި މިއީ މަނަދޫގައި ކުރިން، ކުލައިގެ ތައްގަނޑުން ބެޖު ޖެހުމުގެ ތާރީޚު ބަދަލުކޮށްލި ކަމެކެވެ. ފަހުގެ ތާރީޚަށް ބަލާއިރު ވައިޓްރޯސް ޝިޔާމާ ޢަބްދުލް ޣަފޫރު އަކީ މަނަދޫގައި މާޖަހައިގެން ބާލީހު އުރަ، ބެޖު އަދި ހެދުން ފަދަތަކެތި، އަތުންނާއި ފަހާ ފޮށިން ޖަހައި ވިއްކާ އުޅުނު ފަރާތެކެވެ.

4

ޝިޔާމާއަކީ ހައްވާ ޒަކަރިއްޔާގެ ދަރިއެކެވެ. ހައްވާ ޒަކަރިއްޔާ އަކީ އިޔާޝާގެ ބައްޕަ ފަރާތު ބޮޑު ދައިތައެވެ. ނަމަވެސް މިހާތަނަށް މަނަދޫގައި، އިޔާޝާ މިމަސައްކަތް މިކުރާފަދަ އުފެއްދުންތެރި ޒަމާނީ ގޮތަށް މިމަސައްކަތް ކޮށްފައެއް ނެތެވެ. އެހެންކަމުން މަނަދޫގައި އޮތް މާޖެހުމުގެ ތާރީޚަށް އިޔާޝާ މިއިތުރުކޮށްލީ ތަފާތު އިތުރު ބޮޅެކެވެ. ތާރީޚީ އިތުރު ހަރުފަތެކެވެ.

މިމަސައްކަތުގައި މިހާރަށްވުރެ ބޮޑު ތަރުޙީބެއް ލިބި، އިތުރު ކުރިއެރުންތައް ހޯދުމުގެ އުއްމީދުގައި، ހީވާގިކަމާއިއެކު މަސައްކަތް ކުރަމުން އަންނަ އިޔާޝާ މިހާރު މަސައްކަތް ކުރަމުން ދަނީ މިމަސައްކަތުގެ މުޅީން އާ، އިތުރު އުފެއްދުމެއް ނެރުމަށެވެ. މިއުފެއްދުމަކީ މިކަން ދަސްކުރަން ބޭނުންވާ މީހުނަށްވެސް ވަރަށް މުހިއްމު އުފެއްދުމަކަށް ވާނެކަމުގައި އިޔާޝާ ޤަބޫލުކުރެއެވެ. މިފަދަ ތަފާތު ހުނަރުވެރި މަސައްކަތްތައް ކޮށް ކުރިއަރަން ބޭނުންނަމަ، ކޮންމެ މީހަކަށްވެސް އެކަން ކުރެވިދާނެކަމުގައި އިޔާޝާ ޤަބޫލުކުރެއެވެ. މިގޮތުން މިފަދަ ޚިޔާލުތަކާއި އުއްމީދުތައް ކުރާ ފަރާތްތަކަށް އިޔާޝާގެ ޚިޔާލާއި ނަސޭޙަތް ހިއްސާކޮށްލިއެވެ ” ފުރަތަމަ އެމީހެއްގެ އިންޓަރެސްޓް ހުރި ކަމެއް ދެނެގަންނަން ރިސާރޗް ކޮށްލަން ޖެހޭނެ. ދެން މަސައްކަތެއް ފަށާއިރު އެޔަށް މާބޮޑު ތަރުހީބެއް ނުލިބިދާނެ. އެކަމު ކޮންސިސްޓެންސީ ހިފަހައްޓަންވާނެ. ދެން ވީހާވެސް ބޮޑަށް ކޮޕީ ނުކޮށް އަމިއްލަ އެއްޗެއް އުފެއްދޭތޯ ވަރަށް ބަލަން ވާނެ.” -އިޔާޝާ-

އަޅުގަނޑުމެން އެދެނީ އިޔާޝާގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ނުބައި ލޯތަކުން ސަލާމަތް ކުރެއްވުމެވެ. އަދި އިޔާޝާ އުއްމީދުކުރާފަދަ، އަދި އެއަށްވުރެވެސް އިތުރު ކުރިއެރުންތަކާއި ކާމިޔާބީތައް މިންވަރުކުރެއްވުމެވެ. އަދި މިފަދަ ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ޒުވާން އަންހެން ކަނބަލުން ގިނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ގޭގައި ތިބެގެން ކުރާ މިފަދަ ތަފާތު ހުނަރުވެރި މަސައްކަތްތަކަކީ، އެކަމުގައި ހުރިހާ ގޮތަކުންވެސް ނުހަނު ފައިދާ ހުރި ކަންތައްތަކެއް ކަމުގައި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އިޔާޝާ ޤަބޫލުކުރާ ގޮތުގައި މިއީ ގޭގައި އިނދެ، ކުދަ ޑަރިފުޅު ބަލަމުން ކުރާއިރުވެސް، ރަނގަޅު ޢާމްދަނީއެއް ލިބޭ ހިތްގައިމު މަސައްކަތެކެވެ.

އިޔާޝާގެ މިހިތްގައިމު ހުނަރުވެރި މަސައްކަތުގެ ތަކެތީން ކޮޓަރީގެ ފާރު ޒީނަތްތެރި ކޮށްލަމާތޯއެވެ. ނުވަތަ ކައިވެނީގެ ރަން މިފަދަ ތަފާތު ގޮތަކަށް ރަމްޒު ކޮށްލުންވެސް ވަރަށް ހިތްގައިމުތާއެވެ. ނުވަތަ ދަރިފުޅުގެ ހެދުމެއް މުޅީން ‘ޔުނިކް، ވަންޕީސް’ ހެދުމެއްގެ ގޮތުގައި އިޔާޝާގެ މިމަސައްކަތުން ހަދާލަމާތޯއެވެ. ރަށްޓެއްސަކަށް ހަދިޔާއެއްގެ ގޮތުން ދޭންވެސް މިއީ ކިހާ ހިތްގައިމު އުފެއްދުންތަކެއް ދެއްތޯއެވެ؟! އިޔާޝާގެ ‘ދޯދި’ ޕޭޖުގައި ދޯދިތަކުން ޖަރީކޮށްފައިވާ ތަކެތީގެ ހިތްގައިމު މަންޒަރުތައް ފެނުމުން، އިޔާޝާގެ ހުނަރުވެރިކަމާއި ހީވާގިކަން ހާމަވެއެވެ.

ގެލެރީ

21
20
19
18
17
16
15
14
13
12
11
10
9
8
7
6
24
4
3
2
އިޔާޝާ ނެރުނު އެންމެ ފުރަތަމަ މަސައްކަތް
21 20 19 18 17 16 15 14 13 12 11 10 9 8 7 6 24 4 3 2 އިޔާޝާ ނެރުނު އެންމެ ފުރަތަމަ މަސައްކަތް

 

ދޯދި ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް:

instagrammmmmmm

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 3 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިޔާޝާގެ ތިޔަ މަސއްކަތަށް އިތުރު ކުރިއެރުން ދެއްވާށި. އާމީން. ވަރަށް ރީތި ހުނަރުވެރި މަސައްކަތްތަކެއް މާޝާ ﷲ. މަނަދޫއަށް ފަޚުރެއް.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.