އިތުރު ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯ އިން ދީފި
އިތުރު ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ދީފި އެވެ.
ޑަބްލިއުއެޗްއޯ އިން މިފަހަރު ވެސް ހުއްދަ ދީފައިވަނީ ޗައިނާގެ ސިނޮވެކް ކުންފުނިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިނަށެވެ.
މިއީ، ޑަބްލިޔޫއެޗްއޯ އިން ހުއްދަދިން ޗައިނާގެ ދެވަނަ ވެކްސިނެވެ. މީގެކުރިން މިދިޔަ މެއި މަހު ޑަބްލިޔޫއެޗްއޯއިން ހުއްދަ ދީފައިވަނީ ޗައިނާގެ ސިނޮފާރމް ވެކްސިނަށެވެ.
“ސިނޮވެކް-ކޮރޯނާވެކް” ގެ ނަން ދީފައިވާ މި ވެކްސިނަކީ ވެސް ދެ ޑޯޒު ދޭން ޖެހޭ ވެކްސިނެކެވެ.
ސިނޮވެކް ވެކްސިން ރިވިއު ކޮށް، ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕަރޓްސް އޮން އިމިއުނައިޒޭޝަންގެ ރެކޮމެންޑޭޝަން މިހާރުވަނީ ޢާންމުކޮށްފަ އެވެ.
އެގޮތުން ސިނޮވެކް ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށާއި އެއްޑޯޒް ދޭތާ ދެހަފްތާ ނުވަތަ ހަތަރު ހަފްތާފަހުން ދެވަނަ ޑޯޒް ދިނުމަށްވެސް ވަނީ ރެކޮމެންޑް ކޮށްފަ އެވެ.
މި ވެކްސިންޖަހާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުން 51 އިންސައްތަ ދުރުކޮށްދޭ ކަމަށާއި ބަލީގެ ހާލަތު ގޯސްވުމާ ދުރުކޮށްދޭ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ދިރާސާކުރެވުނު މީހުންގެ 100 އިންސައްތަ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތަށް ނުދާކަމަށްވެސް ވަނީ ބުނެފަ އެވެ.
މިވެކްސިން ޗިލީ، ބްރެޒިލް، އިންޑޮނޭޝިޔާ، މެކްސިކޯ، ތައިލެންޑް އަދި ތުރުކީފަދަ ގައުމުތަކުގައި މިހާރުވެސް އަންނަނީ ބޭނުން ކުރަމުން ނެވެ.
ކޮވިޑްބަލިން ސަލާމަތްވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންގެ ތެރެއިން ޑަބްލިޔޫއެޗްއޯއިން މިހާތަނަށް ހުއްދަދީ، އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމާފައިވަނީ، ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިން، މޮޑަނާގެ ވެކްސިން، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން، އިންޑިއާ، ދެކުނު ކޮރެއާ އަދި އީޔޫގައި އުފައްދަމުން ގެންދާ އެސްޓްރަޒެނެކާގެ ވެކްސިންތަކެވެ. މިއީ، ވަކިވަކި ހުއްދަތަކެވެ.
ޗައިނާގެ ސިނޮވެކް ވެކްސިނަކީވެސް ޑަބްލިޔޫއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގައި ބައިވެރިވާ ވެކްސިނެކެވެ. އެހެންކަމުން، ކޮވެކްސް ފެސިލިޓީގެ ތެރެއިން މި ވެކްސިން ދުނިޔޭގެ އެތައް ގައުމަކަށް ވަރަށް އަވަހަށް ފޮނުވަން ފަށާނެ ކަމަށް ބެލެވެއެވެ.
ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް މިހާރު ފޮނުވަން ގެންދަނީ އެސްޓްރަޒެނެކާ އާއި ފައިޒަރގެ ވެކްސިނެވެ.