ކޯވިޑްގެ ހާލަތުގައި ބޮލީވުޑްގައި ގެ ގަތުމުގެ ފޯރި، މިފަހަރު އަގުބޮޑު ގެއެއް ގަނެލީ އަޖޭ
ބޮލީވުޑްގެ ތަރިންނަކީ ކޮންމެ ކަމެއްގައިވެސް ވަރަށް ފޯރި ނަގާ ވާދަވެރި ބައެވެ.
ވަކި ކަމެއް ނޫންނެވެ. ފިލްމު ކުޅުމުން ފެށިގެން ދިރިއުޅުމާއި އާއިލީ ކަންކަމުގައިވެސް އެކަކު އަނެކަކަށް ވާދަވެރިކަން އޮވެ އެވެ. މިފަހަރު އެފަދަ ކަމެއްގައި ގިނަ ބަޔަކު ބޮލީވުޑް ތަރިންނަށް ފާޑު ކިޔަމުން ދަނީ ކޯވިޑް-19 ގެ ޕެންޑަމިކް ތެރޭގައި މުއްސަނދި ބޮލީވުޑް ތަރިން އަގުބޮޑެތި ގެ ގަންނާތީ އެވެ.
މި ފަހުން އަގު ބޮޑު ގެ އަދި އެޕާޓްމެންޓުތައް ގަތް ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި އަމީތާބް ބައްޗަން، ރިތިކް ރޯޝަން، އަރްޖުން ކްޕޫރު، ޖާންވީ ކަޕޫރު އަދި އާލިއާ ބަޓް ހިމެނެ އެވެ. އޭގެ ފަހުން މިފަހަރު އެ ލިސްޓަށް އެރީ އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދެމަފިރިންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަރަށް ފަހުން މަރުވި މީހެއްގެ އަގުބޮޑު ގެއެއް އަޖޭ ގަތީ 60 ކްރޯޑް އިންޑިއަން ރުޕީސް އަށެވެ. އެއީ 59 އޭކަރުގެ ގެއެއް ކަމަށްވެ އެވެ.
އެ ގެ ހުންނަނީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ޖޫހޫ ގައި އެވެ. އެ ގެ ރެޖިސްޓްރީ ކޮށްފައިވަނީ އަޖޭ އާއި އޭނާގެ މަންމަ ވީނާ ވިރެންދްރަ ދޭވްގަންގެ ނަމުގައި އެވެ. އަޖޭގެ މަންމަ މަރުވީ 2019 ވަނަ އަހަރު އެވެ.
އަލަށް ގަތް ގެއަކީ އަޖޭ ވަރަށް ހިތް ހަމަ ޖެހޭ ގެއެއް ކަމަށްވެ އެވެ. އެހެންވެ އާއިލާ ގެއަށް ބަދަލުވުމުގެ މަސައްކަތާއި އެ އަލުން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މިފަހުން އާންމުންގެ ފަރާތުން ބޮލީވުޑް ތަރިންނަށް އެންމެ ފާޑުކިޔުން އަމާޒުވި ކަންކަމުގެ ތެރޭގައި ކޯވިޑްގެ ހާލަތުގައި ގިނަ ތަރިންތަކެއް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައުން ހިމެނެ އެވެ. އެކަން ހުއްޓުނީ ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ އިންޑިއާ އިން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުންނެވެ.
މީގެ އިތުރުން ކޯވިޑްގެ ނާޒުކު ހާލަތުގައި ބޮލީވުޑް ތަރިން ދަނީ ހާލަތުން އިންޑިއާ އަރައިގަތުމަށްވެސް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން ބައެއް ތަރިން އޮކްސިޖަން ހަދިޔާ ކޮށްފައިވާއިރު އަނެއް ބައި ތަރިން ދަނީ ހޮސްޕިޓަލް އެނދާއި ބައެއް ސަރަހައްދުތަކުގައި ކޯވިޑަށް ފަރުވާދޭ މަރުކަޒުތައް އަމިއްލަ ހަރަދުގައި އަޅަމުންނެވެ.