އެކްޕްރެސް ޕާރލްއިން 17 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ: ލަންކާ
ލަންކާ ޕޯޓުގައި އަނދަމުންދާ އެކްސްޕްރެސް ޕާރލް އޮޕަރޭޓު ކުރާ ކުންފުނި އެކްސް-ޕްރެސް ފީޑަރސްއިން 17 މިލިއަން ޑޮލަރު ލަންކާ ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ބުނެފައިވާކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފި އެވެ.
މިއީ ލަންކާ ޕޯޓުގައި އަނދަމުންދާ ބޯޓުގެ ސަބަބުން ލިބޭ ގެއްލުމަށް ނަގާ ފައިސާ ކަމަށް ވެސް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ލަންކާގެ ޑެއިލީމިރާއިން ބުނެފައިވަނީ އެބޯޓުން ބޭރުވި ކުނި ނެގަމްބޯއާއި މޮރަޓުވާ ދޭތެރޭގެ ސަރަހައްދަކަށް ފެތުރިފައިވާ ކަމަށެވެ.
އެ ބޯޓުގައި ރޯވުމުގެ ސަބަބުން، ބޯޓާ ކައިރީ 80 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސްވެރިކަން ކުރުން ވެސް މިހާރުވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން ގެއްލުން ލިބޭ މަސްވެރިންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ލަންކާ ސަރުކާރުން ބުނެފައިވެއެވެ.
މި ބޯޓުގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގައި އެތައް ހާސް އަސްކަރީ އަދި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ އިރު، ގޮނޑުދޮށުން ކުނި ސާފު ކުރުމުގައި ވެސް އެތައް ބަޔަކު އަންނަނީ ހަރަކާތްތެރިވަމުން ނެވެ.
ކޮންޓެއިނަރ އުފުލާ މި ބޯޓުގެ ސަބަބުން އެގައުމުގެ ގޮނޑުދޮށަށް ޕްލާސްޓިކް ކުނި ލައްގާ، ތިމާވެއްޓަށް ގެއްލުންވަމުންދާ އިރު، މިއީ ފޫނުބެދޭވަރުގެ ގެއްލުމެއް ކަމަށް އޮފިޝަލުން އަންނަނީ ބުނަމުން ނެވެ.
ލަންކާގެ ކަނޑުގެ ސަރަހައްދުގައި އޮއްވާ މިމަހުގެ 20 ވަނަ ދުވަހު ރޯވި އެކްސް-ޕްރެސް ޕާލް ދަތުރު ކުރަމުން ދިޔައީ ކެމިކަލްތަކާއި ކޮސްމެޓިކް ސާމާނު ބަރުކޮށްގެން ނެވެ.
އެކްސް-ޕްރެސް ޕާލް އޮޕަރޭޓު ކުރާ ކުންފުނި އެކްސް-ޕްރެސް ފީޑަރސްއިން ބުނެފައިވަނީ އެ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ގާތްގަނޑަކަށް އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.