ބްރެޒިލްގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެ، ގިނަ ބަޔަކު ހާލުގައި ޖެހެނީ
ބްރެޒިލްގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެ، ގިނަ ޢާއިލާތައް ހާލުގައި ޖެހެމުންދާ ކަމަށް އެގައުމުގެ އިދާރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު ހުރީ 14.7 އިންސައްތައިގަ އެވެ. އަދި އޭގެތެރޭގައި ގިނައީ މެދު އަދި ދަށް ފަންތީގެ ވަޒީފާ އަދާކުރާ ފަރާތްތަކެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަ ކުންފުނިތަކުން ވަޒީފާތައް މަދުކުރުމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ އިރު، މިދިޔަ އަހަރުވެސް ވަޒީފާތައް އިތުރުކޮށްފައިވަނީ ހަމައެކަނި ދަނޑުވެރިކަމުގެ ސިނާއަތުގެ ވަޒީފާތައް އެކަންޏެވެ.
ވަޒީފާނެތް މީހުންގެ ނިސްބަތް އެގައުމުގައި ބަލަންފެށީ 2012 ވަނަ އަހަރުން ފެށިގެން ނެވެ.
ކޮވިޑްގެ ފުރަތަމަ ރާޅާއެކު މިދިޔަ އަހަރު ޖުލައި މަހުން ސެޕްޓެމްބަރަށް ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 14.6 އިންސައްތައިގަ އެވެ.
ލެޓިން އެމެރިކާގެ އެންމެ ބޮޑު އިޤްޠިޞާދު އޮތް ޤައުމުކަމަށްވާ ބްރެޒިލްއަކީ ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރުނު އެއް ޤައުމެވެ.
އެގޮތުން ކޮންމެ 100000 މީހުންގެ ތެރެއިން 215 މީހުން މަރުވެފައިވާ އިރު، މީގެ ސަބަބުން އެޤައުމުގެ އިޤްޠިޞާދު މިދިޔަ އަހަރުވަނީ 4.1 އިންސައްތައަށް ދަށްވެފަ އެވެ.
ބްރެޒިލްގައި ކޮވިޑްގެ ޙާލަތު ރަނގަޅުވާ ކަމުގެ ނިޝާންތައް މިހާރުއަންނަނީ ފެންނަމުން ނެވެ. އެކަމަކު ވެކްސިން ދިނުމުގައި ލަސްތަކެއް ހުރުމާއެކު ކޭސްތައް އިތުރުވެދާނެކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުން ނެވެ.
212 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލްގެ 21 އިންސައްތަ މީހުންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، 10 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ.