އަންނަމަހުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ވަޒީފާތަކަށް ހުށައެޅޭނީ އޮންލައިންކޮށް
އަންނަ ޖޫން1 ވަނަ ދުވަހުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ވަޒީފާތަކަށް އެދި ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިގޮތަށް ހަމަޖެއްސީ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ވެސް ބުނެއެވެ.
އެގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ވަޒީފާއަށް އެދި ހުށައެޅޭ އިރު، އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މީގެ އިތުރުން ކޮވިޑް 19 ގެ މިހާލަތުގައި، ޚިދުމަތްތައް ހޯއްދެވުމުގައި އެކުންފުނީގެ އޮންލައިން ޕްލެޓްފޯރމްތައް ބޭނުންކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.