ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
އެމް.ޑަބްލިޔު.އެސް.ސީއިން އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބަހައްޓާ ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއސްސީ އިން ބުންޏެވެ.
ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ އަގަކީ ޖުމްލަ 21,651,878.00 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.
ADh. Hangnaameedhoo Water Project:
We have commenced physical works of water network pipe laying & RO facility building construction.#MWSCAsaasee #TeamMWSC pic.twitter.com/UAuOWQN2sv— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) May 27, 2021