މެލޭޝިއާ އަނެއްކާ ވެސް ލޮކްޑައުން ކުރަނީ
މެލޭޝިއާ އަނެއްކާ ވެސް ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފި އެވެ.
އެގޮތުން އަންނަ މަހުގެ 1 އިން 14 އަށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.
އެގައުމު ލޮކްޑައުންއަކަށް ދާން ނިންމާފައި މިވަނީ ކޮވިޑްގެ ހާލަތު ގޯސްވެ، ޕޮޒިޓިވް ވާ ނިސްބަތް މައްޗަށް ދާން ފެށުމުން ނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލޮކްޑައުންގެ މުއްދަތުގައި ތަފާތު އެކި ޚިދުމަތްތައް ދޭ ދާއިރާތަކަށާއި އިގުތިސޯދީ މަސައްކަތްތަކަށް ޚާއްސަ ހުއްދައެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެލެޝީއާގައި ކޮވިޑު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 70،000 އިން މައްޗަށް އަރާފައެވެ. އަދި މިބަލީގައި 2552 މީހަކު ވަނީ މަރުވެފަ އެވެ.
އެ ގައުމުން ކޮވިޑް ފެނުނު ފަހުން 549,514 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮވިޑު ބަލި ފެތުރޭތީ މެލޭޝިއާ މީގެ ކުރިންވެސް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި އޭރު އެއް ސިޓީން އަނެއް ސިޓީއަށް ދިއުން މަނާކޮށް، ޓެކްސީގައި 2 މީހުންނަށް ވުރެ އިތުރަށް އުފުލާ ފަރާތްތަކާއި މާސްކް ނާޅާ އުޅޭ ފަރާތްތައް 1000 ރިންގެޓުން ޖޫރިމަނާ ކުރުންފަދަ ފިޔަވަޅުތައް ވެސް ވަނީ ތަންފީޒު ކޮށްފަ އެވެ.
މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި ވަޒީފާވެސް އަދާ ކުރަމުން އަންނަ ގައުމެކެވެ.