މުސްލިމުންނަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ މަދަދުގާރަކީ ﷲ: ޚުތުބާ
މުސްލިމުންނަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ މަދަދުގާރަކީ ގަދަކީރިތިވަންތަ ﷲ ތަޢާލާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ އޭނާއާމެދު ކިތަންމެ ރޭވުމެއް ރޭވިޔަސް، ދުނިޔެމަތީގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފި ނަމަ، އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށެވެ.
އަޅުގަނޑުމެންނަށް ވާޖިބުވެގެން ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ސަބަބުތަކުގައި ހިފައިގެން ﷲ ތަޢާލާއަށް ބަރޯސާވުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
“ވަކީލުކުރުން ހައްގު ގޮތުގައި ﷲއަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަކުންގެ މަތިވެރި މާތް ސިފައެއް. ޔަގީންކަމުގެ އެންމެމަތީ ދަރަޖަ. ކުއްތަންވެގެންވާ މީހުންގެ މަތިވެރި ޝަރަފް. ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި. ތައުހީދުގެ އެންމެ މަތީ ދަރަޖަ.” ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ އެއީ އަޅުކަމުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެއް ކަމަށާއި ދުންޔަވީ ޙަޔާތުގައި އޭގެ އަސަރު އެހާމެ ބޮޑު، އަދި ދީނުގެ މަތިވެރިވެގެންވާ ޝިޢާރެއް ކަަމަށެވެ. އަދި ގަދަރު އުފުލިގެންވާ ޢަމަލެއް ކަމަށާއި ﷲ ގެ ލޯބިވެވޮޑިގަތުން ހާސިލު ކުރެވޭނެ މަގެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.