ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހާލަތާމެދު އެޗްއާރްސީއެމްގެ ބޮޑު ކަންބޮޑުވުންތަކެއް

ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގެ ހާލަތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބޮޑު ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއިގުޅިގެން އެ ކޮމިޝަނުގެ ޓީމެއް މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ޒިޔާރަތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވް ވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާއިރު، ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުކަން ފާހަގަކުރެވުނު ކަމަށް ބުނެފައި ވެއެވެ.

މީގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު، ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު، އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ވެސް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.” އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްއާރްސީއެމް އިން ބުނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމަށާއި ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރާ ކަމަށެވެ. ނަމަވެސް މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

“މި ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަންވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.” އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.

ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭ ކަމަށާއި އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ އެކޮމިޝަނުން ބާރު އަޅާ ކަމެއް ކަމަށް ވެސް ވަނީ ބުނެ ފައެވެ.

މީގެ އިތުރުން ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާއި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން މި ޒިޔާރަތުގައި އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާކަމަށް ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން ދަނީ ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުން ކަމަށާއި އާންމުންނާ ގުޅުންހުރި މިފަދަ މަޢުލޫމާތުތައް ހޯދާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަންގެ އަމާޒެއް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.