ފެން ބިލް އަދި ކަރަންޓު ބިލުން މި މަހު ޑިސްކައުންޓު ލިބޭނެ: އެމްޑަބްލިއުއެސްސީ
ސަރުކާރުން ނިންމާފައިވާގޮތަށް ފެން ބިލާއި ކަރަންޓު ބިލުން މި މަހު ޑިސްކައުންޓު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނެފައި މިވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓު ބިލާއި ފެން ބިލުން މި މެއި މަހު ޑިސްކައުންޓު ދެއްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި، ރ. ދުވާފަރު، ކ. މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ންމާފައިވާ އިރު، އެރަށުގެ ކޮންމެ ގޭބީސީއެއްގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.
ފަރުދީ ޒިންމާ އަދާކުރައްވައި މިބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރުމަށާއި އަތް ދޮވުމުގަޔާއި އެހެނިހެން ކަންކަމުގައިވެސް ފެން ބޭނުންކުރެއްވުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރެއްވުމަށް ހަނދާންނައްތައި ނުލުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.