ޑޮކްޓަރީ ބޭހަށް މަލާމާތް ކުރުމުން ޔޯގާ މާސްޓަރ ހޫނުފެނަށް

އިންޑިޔާގެ މަޝްހޫރު ޔޯގާ ގުރޫ އަދި ވިޔަފާރިވެރިއެއް ކަމަށްވާ ރާމް ކިޝަން ޔާދާވް (ބާބާ ރާމްދޭވް) ޑޮކްޓަރުންނާއި ޑޮކްޓަރީ ބޭހާށް މަލާމާތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އިންޑިޔާގެ ޑޯކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރުޅިގަދަވެ، އޭނާއާއި ދެކޮޅަށް އަބުރުގެ ދަޢުވާކޮށް، 15 ދުވަސް ތެރޭގައި އޭނާ ދައްކާފައިވާ ވާހަކަތަކަށް މީޑީއާގެ ކުރިމަތީގައި މާފަށް އެދުމަށް ގޮވާލައިފިއެވެ.

ފާއިތުވި ހަފްތާގައި ބާބާ ރާމްދޭވްއަށް ތަބާވާ މީހުންނާއި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ “އަލޯޕަތީ (ޑޮކްޓަރީ ބޭސް) އަކީ ކޫސަނި އަދި ބަނގުރޫޓު ވެފައިވާ ސައިންސްގެ ވިޔަފާރިއެއް” ކަމަށެވެ. ކޮރޯނާއިން ރައްކާތެރި ވުމަށް ތައްޔާރުކޮށް އެހެންނަމަވެސް ނާކާމިޔާބު ވެފައިވާ ވެކްސިންތަކަށް އިޝާރާތްކޮށް އޭނާ ބުނެފައި ވަނީ، އެންމެ ފުރަތަމަ ކްލޮރޮކްއިން ފެއިލްވީ ކަމަށާއި ދެން ރެމްޑެސިވިރް ފެއިލްވީ ކަމަށެވެ. އަދި އެއަށް ފަހު އެންޓިބަޔޯޓިކްސް ވެސް ފެއިލް ވެފައިވާ ކަމަށާއި ތަދު ކަނޑުވާ ބޭސްވެސް ފެއިލްވެ މިހާރު ޕްލާސްމާ ތެރަޕީ ހެދުންވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޑޮކްޓަރުން ފެބިފްލޫ ދޭން ފަށާފައިވާއިރު އެވެސް ފެއިލް ވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޮކްސިޖަން ނުލިބިގެންނާއި ކޮރޯނާ ޖެހިގެން މަރުވި މީހުންނަށް ވުރެ ޑޮކްޓަރީ ބޭސް ބޭނުން ކުރުމުގެ ސަބަބުން މަރުވި މީހުން މާ ގިނަ ކަމަށްވެސް ރާމްދޭވް ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ބާބާ ރާމްދޭވްގެ މިވާހަކަ ތަކުގެ ސަބަބުން ސިއްޙީ މަސައްކަތްތެރިން ރުޅިގަދަވެ، އޭނާއާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ދަނީ ގޮވާލަމުންނެވެ. ރާމްދޭވްގެ މިވާހަކަތަކަށް ރައްދުދީ އިންޑިޔާގެ ޑޮކްޓަރުން ތަމްސީލުކުރާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ) އިން ހޮނިހިރު ދުވަހު ބުނެފައި ވަނީ، ރާމްދޭވްގެ މި ވާހަކަތަކުގެ ސަބަބުން، އިންޑިޔާއަށް ކުރިމަތިވެފައިވާ މިޕެންޑެމިކްގައި އިންސާނިއްޔަތައް ޚިދުމަތް ކުރުމުގެ ތެރޭގައި ފުރާނަ ގޮސްފައިވާ 1200 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ޤުރުބާނީގެ ވެސް އަގު ވެއްޓިފައިވާ ކަމަށެވެ.

ރާމްދޭވް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އައި.އެމް.އޭއިން ވަނީ އޭނާއާއި ދެކޮޅަށް އަބުރުގެ ދަޢުވާކޮށްފައެވެ. އެގޮތުން 15 ދުވަސް ތެރޭގައި އޭނާ ދެއްކި ވާހަކަތަކަށް މާފަށް އެދި، އަދި ބަދަލެއްގެ ގޮތުގައި 137 މިލިއަން ޑޮލަރު ދިނުމަށް ވެސް އެ ދަޢުވާގައި އެދިފައި ވެއެވެ. އަދި ރާމްދޭވްއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ރާމްދޭވްގެ ކޮމްޕެނީއިން ބުނެފައި ވަނީ، ރާމްދޭވްއާއި ބެހޭގޮތުން ދެކެވެނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ރާމްދޭވްއަށް އިންޑިޔާގެ ފެޑެރަލް ހެލްތު މިނިސްޓަރ ޑރ. ހަރްށް ވަރްދަން ލިޔުނު ސިޓީއެއްގައި، އޭނާ ދެއްކި ވާހަކަތައް އަނބުރާ ގެންދިއުމަށާއި، އެއީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައި ވެއެވެ. އަދި ދުނިޔޭގައި ފެތުރިފައިވާ ފާނަބަސަންދު، ޕޯލިއޯ، އެބޯލާ އަދި ސާރސް ފަދަ ބޮޑެތި ބަލިތައް ޑޮކްޓަރީ ބޭހުން ރަނގަޅު ކޮށްފައިވާ ކަމަށާއި، ބޮޑެތި ބަލިތައް ފެތުރުމުން އޭގެން ސަލާމަތް ވުމަށް ވެކްސިން ވެސް އުފައްދާފައި ވަނީ ޑޮކްޓަރީ ބޭހުންކަން ނޭންގެނީތޯ ސުވާލު ކޮށްފައިވެއެވެ.

މިސިޓީއަށް ޖަވާބު ދެމުން ރާމްދޭވް ވަނީ އޭނާ ދެއްކި ވާހަކަތަކަކީ އެއްވެސް ގޯސް ނިޔަތެއްގައި ދެއްކި ވާހަކަތަކެއް ނޫންކަމަށް ބުނެ މާފަށް އެދިފައެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު އޭނާ ވަނީ، ޑޮކްޓަރީ ބޭހަކީ އެހާ ފުރަހަމަ އެއްޗަކަށް ވާއިރު ޑޮކްޓަރުން ބަލިވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި ޑޮކްޓަރީ ބޭހުން ވަރަށް ނުލަފާ މީހަކު މަޑުމައިތިރި ރަނގަޅު މީހަކަށް ބަދަލު ކުރުމުގެ ބާރު ހުންނާނެތޯ ވެސް ވަނީ ސުވާލު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.