ޔޫރޯ 2020 ޓީމް ޕްރޮފައިލް: ސްޕެއިން
ޒަމާނީ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް ގެނައި ސްޕެއިން މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނުކުންނަނީ، ބޮޑެތި ބަދަލުތަކާ އެކު އެވެ. އެ ގައުމަށް ބޮޑެތި ކާމިޔުބީތައް ހޯދައިދިން “ރަން ޖީލު”ގެ ގިނަ ކުޅުންތެރިން މިހާރު ވަނީ ގައުމީ ޓީމާ ދުރަށް ޖެހިފަ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި ވެސް ސްޕެއިންގެ ޓީމު ވަރުގަދަވެފަ ތަފާތު ވާނެއެވެ.
އަބަދުވެސް މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008 ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެ ފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ “ރަންޖީީލު”ގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ އަންދުރެސް އިނިއެސްޓާ އާއި ޒަވީ ހޭނާންޑޭޒް އާއި ޑަވިޑް ވިޔާ އަދި ފެނާންޑޯ ޓޮރޭސް ފަދަ ކުޅުންތެރިންނާ އެކު ސްޕެއިން ވެގެންދިޔައީ ތަފާތު މޮޅު ޓީމަކަށެވެ.
އެކަމަކު 2014ގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ހައިރާންކުރެވުނު ގޮތަކަށެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގައި ސްޕެއިން ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. މި ފަހަރުގެ ޔޫރޯ އަށް ބަދަލުތަކާ އެކު ސްޕެއިން ނުކުންނަނީ، ރަނގަޅު ނަތީޖާއެއްގެ އުންމީދުގަ އެވެ.
ކޮލިފައިވި ގޮތް
ސްޕެއިން މިފަހަރުގެ ޔޫރޯ މުބާރާތުން ޖާގަ ހޯދީ ކޮލިފައިން ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ. އެއްވަރުވީ ދެ މެޗެކެވެ. 26 ޕޮއިންޓާއި އެކު ގުރޫޕްގެ އެއްވަނައިގައި ސްޕެއިން ކޮލިފައި ވިއިރު، ސްޕެއިންނާއި އެންމެ ގާތުން ވާދަކުރީ ސްވިޑެންއެވެ. ސްވިޑެން 21 ޕޮއިންޓާއި އެކު އޮތީ މި ގުރޫޕުގެ ދެވަނާގައެވެ. ކުޅުނު 10 މެޗުން ސްޕެއިން 31 ލަނޑު ޖެހިއިރު، ބައި ކޮޅަށް ވަނީ އެންމެ ފަސް ލަނޑެވެ.
ކޯޗު
ލުއިސް އެންރީކޭ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ގަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އެންރީކޭ 2014 އިން 2017 އަށް ސްޕެއިންގެ ބާސެލޯނާއަށް ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ “ބީ” ޓީމަށާއި އިޓަލީގެ ރޯމާގެ އިތުރުން ސްކޮޓްލެންޑްގެ ސެލްޓިކް އަށް ކޯޗުކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް އެންރީކޭ ހޯދި ކާމިޔާބީތައް ލިބިފައިވަނީ ސްޕެއިންގެ ކުލަބު ލެވެލްގައެވެ. އެގޮތުން ބާސެލޯނާއަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރު ޔޫއެފާ ސުޕަކަޕް އަދި ކުލަބު ވޯލްޑްކަޕެއްވެސް ހޯދައިދިނެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ފުރަތަމަ 11 މެޗުގެ ތެރެއިން 5 މެޗުން ވަނީ މޮޅުވެފަ އެވެ. ފަސް މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.
މުހިންމު ކުޅުންތެރިން
ޑޭވިޑް ޑެހެއާ: މި އަހަރުގެ ޔޫރޯ މުބާރާތަކީ ޑެހެއާގެ ފުރަތަމަ ޔޫރޯ މުބާރާތެވެ. އުމުރުން 30 އަހަރުގެ ޑެހެއާ އަކީ ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ތަޖުރިބާކާރު އެއް ގޯލްކީޕަރެވެ. ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ މެންޗެސްޓާ ޔުނައިޓެޑުގައެވެ. އަދިވެސް އޭނާ ދަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ ތަފާތު ދެއްކޭ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. ޒުވާން ކުޅުންތެރިންތަކާ އެކު ސްޕެއިން މި ފަހަރު ޔޫރޯއަށް ނުކުންނައިރު، ޑެހެއާގެ ތަފާތު ފެންނާނެކަމަށް ބެލެވެއެވެ.
އައިމެރިކް ލަޕޯޓޭ: ލަޕޯޓޭ އަކީ ފްރާންސްއަށް އުފަން ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެދީފައެވެ. ނަމަވެސް ނޭޝަލިޓީ ބަދަުލުކޮށް އޭނާ މިހާރު ހުރީ ސްޕެއިންގެ ރައްޔިތެއްގެ ގޮތުގައެވެ. މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ޑިފެންޑަރ އަކީ މިހާރު ސްޕެއިން ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އުމުރުން 26 އަހަރުގެ ލަޕޯޓޭ ސްޕެއިންގެ ގައުމީ ޓީމަށް ކުޅޭ މީ ފުރަތަމަ ފަހަރެވެ. އަދި ސީނިއަރ ލެވެލްގައި އޭނާ ކުޅޭ ފުރަތަމަ ބޮޑު މުބާރާތްވެސް މެއެވެ. މިފަހަރުގެ މުބާރާތަށް ނެގި ސްޕެއިންގެ ސްކޮޑުން ލަޕޯޓޭއަށް ފުރުސަތު ދިނީ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ބާކީ ކުރުމަށް ފަހުގައެވެ.
ރޮޑްރިގޯ ހެނާންޑޭސް: އުމުރުން 24 އަހަރުގެ ޒުވާން ރޮޑްރީ އަކީ މިފަހަރުގެ ސްޕެއިން ޓީމުގެ ޑިފެންސް ލައިންގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މި ވަގުތު ސްޕެއިންގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރޮޑްރީ ވަނީ ސްޕެއިންގެ ގައުމީ ޓީމާ އެކު މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެންޗެސްޓާ ސިޓީގެ ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޑްރީ ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މިފަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ނެގުމުގެ އިތުރުން ސިޓީއާއި އެކު ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް ވަނީ ދަތުރުކޮށްފައެވެ.
ގުރޫޕްގައި އޮތް ފުރުސަތު
ސްވިޑެން އާއި ސްޕެއިން އަކީ ގުރޫޕް އީގެ ފޭވަރިޓުންނެވެ. މި ދެޓީމަކީ ކޮލިފައިންގައިވެސް އެއް ގުރޫޕެއްގައި ލައްވާލި ދެ ޓީމެވެ. މި ގުރޫޕްގައި ދެން އޮތީ ޕޯލަންޑް އާއި ސްލޮވާކިއާ އެވެ. ތަޖުރިބާ އާއި ކުޅުންތެރިންނަށް ބަލާއިރު ސްޕެއިން އަކީ މި ގުރޫޕްގެ އެންމެ ވަރުގަދަ ޓީމެވެ. އެހެންކަމުން މި ގުރޫޕުން ސްޕެއިން އަށް ދެވަނަ ބުރުގެ ޖާގައެއް ހޯދަން އުނދަގޫނުވާނެ ކަމަށް ގަބޫލްކުރެވެ އެވެ.
ސްޕެއިން ހިމެނޭ ގްރޫޕް “އީ” ގައި ހިމެނޭ ޓީމް ތައް:
ސްޕެއިން، ސްލޮވޭކިއާ، ޕޯލަންޑް، ސްވިޑެން
ގުރޫޕް ސްޓޭޖް މެޗުތައް
15 ޖޫން – ސްޕެއިން – ސްވިޑެން
20 ޖޫން – ސްޕެއިން – ޕޯލަންޑް
23 ޖޫން – ސްޕެއިން – ސްލޮވާކިއާ