ކުޑަ ކުއްޖާގެ ހާއްސަ މެސެޖްތައް އެތައް ބައެއްގެ ހިތް އަތުލައިފި
ކޮވިޑް19 ޖެހިފައިވާ ބަލި މީހުންނަށް މަންމައަކު ތައްޔާރުކޮށްދިން ޕާރުސަލް ތަށިތަކުގައި އޭނާގެ ދަރިފުޅު ލިޔުނު ހާއްސަ މެސެޖުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ރުހުމާއި ލޯބި އެކުއްޖާއަށް ލިބިއްޖެއެވެ.
ބަލިމީހުންނަށް ބެހުމަށް ތައްޔާރުކޮށްފައިވާ ކާނާ އަޅާފައިވާ ޕާރުސަލް ތަށިތަކުގައި ކުޑަ ކުއްޖާ ހިނދީ ބަހުން “ޚުޝް ރަހިޔޭ” (އުފަލުގައި ހުންނާށެވެ) ލިޔާތަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެ، އެކުއްޖާ ފޯރުކޮށްދޭ އުފާވެރި މެސެޖަށް އެތައް ބައެއްގެ ތަޢުރީފް އޮހެންފަށާފައި ވެއެވެ.
އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅެއް ފެތުރި، މުޅި ސޯޝަލް މީޑީއާގައި ހިތްދަތި ކަމާއި ހިތާމައިން ފުރިގެންވާ ޚަބަރުތަކާއި ފޮޓޯތައް ފެތުރެމުންދާ ވަގުތެއްގައި، މިފަދަ އުފާވެރި މަންޒަރެއް ފެނުމަކީ ލިބުނު އުފާވެރި އަލިކަމެއް ކަމަށާއި، މިއީ ތޫފާނެއްގެ ތެރެއިން އިރުގެ އަލިކަމެއް ފެނުން ފަދަ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ފޭސްބުކް، ރެޑިޓް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި މީގެ ދެދުވަސް ކުރިން މިފޮޓޯ ދައުރުވާން ފެށުމުން އެތައް ހާސް ބަޔަކު އެފޮޓޯ ޝެއާކޮށް، ތަޢުރީފްގެ އެތައް ހާސް ކޮމެންޓެއް ވެސް ކޮށްފައި ވެއެވެ.