“އިޒްރާއީލްގެ މަޤްސަދު ޙާސިލް ވަންދެކަށް” ޣައްޒާއަށް ޙަމަލާ ދޭނަން: ނަތަންޔާހޫ
ޙަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން އެދުނު އެދުމާ ދެކޮޅު ހަދައި، ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ކުރިއަށް ގެންދާނެ ކަމަށް އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ދެފަރާތުން ދެމުންދާ ޙަމަލާތައް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިލެއްވުމުން ވެސް ޙަމަލާތައް ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނެ، މިއަދުވެސް ޣައްޒާއަށް އެތައް ޙަމަލާތަކެއް ވަނީ ދީފައެވެ.
މެދު ނުކެނޑި 11 ދުވަސްވަންދެން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 227 މީހުން ވަނީ ޝަހީދު ކޮށްލައި، އެތައް ހާސް ބަޔަކު ޒަޚަމްކޮށް، އެތައް އިމާރާތްތަކެއް ވަނީ ބިމާއި ހަމަކޮށްފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 64 ކުޑަކުދިންނާއި 38 އަންހެނުންވެސް ހިމެނެއެވެ.
ފަލަސްތީންގެ ގިނަ ބަޔަކު ޝަހީދުވެފައި ވާއިރު، ޙަމާސްއިން އިޒްރާއީލަށް ދިން ރޮކެޓު ޙަމަލާތަކުގައި މަރުވެފައި ވަނީ 12 މީހުންނެވެ.
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެކު ކުރިއަށް ގެންދިޔަ ފޯން ކޯލެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޣައްޒާގެ މަސްރަޙާއި މެދު މަޝްވަރާ ކޮށް، ދެފަރާތުން ސުލްޙަވެރި އެއްބަސްވުމަކަށް އައިސް ދާދި އަވަހަށް ޙަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފޯންކޯލަށް ފަހު ނަތަންޔާހޫ ބުނެފައި ވަނީ، އޭނާ ބޭނުން ވަނީ “އިޒްރާއީލްގެ މަޤްސަދު ޙާސިލް ވަންދެކަށް” ޣައްޒާއަށް ޙަމަލާ ދޭން ކަމަށެވެ.
އދ ގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުންތަކުގައި އިޒްރާއީލާއި ފަލަސްތީން މައްސަލައިގައި ޙަމާސްގެ ވެރިންނާ ދެމެދު ސުލްޙަވެރި އެއްބަސްވުމަކަށް ގެނެސް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަކަށް ގެނައުމަށް މިހާތަަނަށް އެ ކައުންސިލުން ނިންމި ނިންމުނަތައް އެމެރިކާއިން ވީޓޯ ކުރުމުގެ ސަބަބުން، މި މައްސަލައަށް ޙައްލެއް ގެނައުމަށް އެ ކައުންސިލުން ވަނީ ނާކާމިޔާބު ވެފައެވެ. އިޒްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށުމުން މިހާތަނަށް ސަލާމަތީ ކައުންސިލްގެ 3 ބައްދަލުވުމެއް ބާއްވައި، ޙަމަލާ ހުއްޓާލުމަށް އިޒްރާއީލަށް ގޮވާލަން އެ ކައުންސިލުން ވަނީ 3 ފަހަރަށް ނިންމާފައެވެ. ނަމަވެސް 3 ފަހަރުވެސް އެމެރިކާއިން ވަނީ މި ނިންމުން ވީޓޯކޮށް، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލުމަށް ހުރަސް އަޅާފައެވެ.
މީގެ އިތުރުން އެމެރިކާއިން ދާދިފަހުން ވަނީ އިޒްރާއީލަން އަމިއްލައަށް ދިފާއު ވުމުގެ ޙައްޤު އޮންނާނެ ކަމަށް ބުނެ 735 މިލިއަން ޑޮލަރުގެ ހަތިޔާރުވެސް ވިއްކާފައެވެ. ޙަމަލާތައް ހުއްޓާލުމަށް ބައިޑަން އެދިފައި ވަނީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި އަދި އަމިއްލަ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރު ތަކުގެ ސަބަބުންނެވެ.