މާރެސް އަތޮޅު ވޮލީ ބޯޅަ މުބާރާތް އަންނަ މަހު ފަށަނީ

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަތޮޅު ވޮލީ ބޯޅަ މުބާރާތް އަންނަ އޭޕްރީލް މަހު ފެށުމަށް ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މިއީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމާއެކު އެކުވެރިކަން އާލާ ކުރުމުގެ މަގްޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަންވެސް ހިމެނޭގޮތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ އިރު، ފައިބެއަހަރު މި މުބާރާތުގައި އެ އަތޮޅުގެ 5 ރަށަކުން ވަނީ ބައިވެރިވެފައެވެ. އަދި ފައިނަލުގައި މާޅޮސް ބަލިކޮށް ޗެމްޕިއަން ހޯދީ ގޮއިދޫ ޓީމެވެ.

2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް އެޖަމިއްޔާއިން އަންހެން ޑިވިޝަންގެ 2 މުބާރާތެއް ބާއްވާފައިވާ އިރު، ވޭތުވެދިޔަ އަހަރުތަކުގައި ރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއް ވަނީ ބާއްވާފައެވެ. އަދި މިމުބާރާތްތަކުގައި ޤައުމީޓީމުގެ ގިނަ ކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިންވެސް ވާދަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި މާރެސް ޖަމިއްޔާ އިން މިހާތަނަށް 2 ކޯޗިންގ ކޭމްޕެއް ވަނީ މާޅޮހުގައި ބާއްވާފައެވެ. މި ކޭމްޕްތަކުގައި އިރުޝާދު ދީފައިވަނީ ރާއްޖޭންބޭރުގެ ކޯޗުންނެވެ.

-ޚިޔާލު ފާޅުކުރައްވާ!- "މާރެސް އަތޮޅު ވޮލީ ބޯޅަ މުބާރާތް އަންނަ މަހު ފަށަނީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*