މީސްތަކުންނަށް އުނގަންނައި ދިނުމާއި ހެޔޮކަންތައްތަކަށް ގޮވާލުމުގެ މާތްކަން

މީސްތަކުންނަށް އެބައިމީހުންގެ ދީނުގެ ކަންތައްތައް އުނގަންނައިދީ އެބައިމީހުންނަށް ހެޔޮކަންތައްތަކަށް ދަޢުވަތު ދިނުމަކީ ނަބީބޭކަލުންގެ ވަޒީފާއެވެ. ފަހެ، ހަމަކަށަވަރުން އެއީ އެންމެ މަތިވެރި އަދި އެންމެ މާތް ވަޒީފާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަޒީފާ އަދާކުރުމަށްޓަކައި ޢިޚްތިޔާރުކުރެއްވީ އެންމެ މާތް އަޅުތަކުންނެވެ.

އެހެންކަމުން ﷲ ތަޢާލާ އެމީހަކަށް އެބޭކަލުންގެ މަގުން ހިނގައި، މީސްތަކުންނަށް ދީނުގެ ކަންތައްތައް އޮޅުންފިލުވައިދީ ހެޔޮކަންތައްތަކަށް އިރުޝާދުދީ އެކަންކަންކުރުމަށް މަގުފަހިކުރައްވައި ތައުފީޤުދެއްވައިފިނަމަ ހަމަކަށަވަރުން އެމީހަކު އެޙާޞިލްކުރީ ގިނަވެގެންވާ ހެޔޮކަންތައްތަކެކެވެ. އެހެޔޮކަމަކީ ބިންމަތީގައި ޢިލްމު ފެތުރި ހެޔޮކަންތައްތަކަށް ގޮވާލެވި ނުބައި ކަންތައްތައް މަނާކުރެވުމެވެ. އޭގަ ސަބަބުން ﷲ ތަޢާލާގެ ޙުއްޖަތް ބިންމަތީގައި ޤާއިމްކުރެވެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.{  هُوَ الَّذِي بَعَثَ فِي الأمِّيِّينَ رَسُولا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ} { الجمعة 2} މާނައީ:“އެއީ އުއްމީންގެ ތެރެއަށް (އެބަހީ ލިޔަންކިޔަން ނުދަންނަމީހުންގެ ތެރެއަށް) އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ކަލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރުކުރައްވަތެވެ. އަދި ފޮތާއި ޙިކުމަތް އެއުރެންނަށް އުނގެންނަވައިދެއްވަތެވެ ”.

އަދިވެސް ވަޙީކުރައްވާފައިވެއެވެ.{  كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ}{ آل عمران 110}. ”މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރެއެވެ. އަދި، ނުބައިކަންތައްތައް ނަހީކުރަމެވެ“.

ހެޔޮކަންތައްތަކަށް މަގުފަހިކޮށްދޭ މީހާއަށް އެހެޔޮކަންކުރާ މީހުންނަށް ލިބޭ އަޖުރުލިބެއެވެ. ފަހެ، އެއީ އެހެޔޮކަންކުރާމީހުންގެ އުޖޫރައިން އެއްވެސް އެއްޗެއް އުނިނުވާ ޙާލުގައެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ مَنْ دَعَا إِلَى هُدًى كَانَ لَهُ مِنْ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا}{ مسلم}. މާނައީ:“  ”.ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް (އެހެޔޮކަމެއް ކުރުމުގައި) އޭނާއާ ތަބާވާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހުންގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.“

ހަމަކަށަވަރުން މީސްތަކުންނަށް އުނގަންނައިދޭ މީހާއަށް އަކީ މަތިވެރި ދަރަޖަލިބިގެންވާ މީހެކެވެ. އަދި އެހެނިހެން މަޚްލޫޤުންތައްވެސް އޭނާއަށްޓަކައި ދުޢާކޮށް ފާފަފުއްސެވުން އެދި ދަންނަވަތެވެ. { إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِى جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ } {الترمذى: حسن صحيح}. މާނައީ: ”ހަމަކަށަވަރުން މީސްތަކުންނަށް ހެޔޮކަންތައް އުނގަންނައިދޭ މީހާއަށް ﷲ ތަޢާލާ ޞަލަވާތް ލައްވައެވެ. އަދި އެއިލާހުގެ މަލާއިކަތުންނާއި، ހޮރުގައިވާ ހިންޏާއި ކަނޑުގައިވާ ބޮޑުމަހަށް ދާންދެން، އުޑުތަކާއި ބިމުގެ އަހުލުވެރިން، އޭނާއަށް ފާފަފުއްސަވައި ދެއްވުން އެދި ދުޢާކުރެއެވެ.“

މި އާޓިކަލް އަކީ 2009 ވަނަ އަހަރު އައިމަން ޞާލިޙް ނަމަކަކަށް ކިޔުއްވާ ބޭފުޅަކު ނޫރުލް އިސްލާމް ވެބްސައިޓަށް ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރު ކުރެވިފައިވާ އާޓިކަލްއެކެވެ.

-ޚިޔާލު ފާޅުކުރައްވާ!- "މީސްތަކުންނަށް އުނގަންނައި ދިނުމާއި ހެޔޮކަންތައްތަކަށް ގޮވާލުމުގެ މާތްކަން"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*