“ހަސަދަވެރިކަމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ.”

ހަސަދަވެރިކަމަކީ އެއްއިންސާނަކު އަނެއް އިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންކުރަނިވި ނުރައްކާތެރި ޖަޒުބާތެވެ. މި ޖަޒުބާތުގެ ސަބަބުން އަނެކާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެ އަނެކާއަށް ކުރިމަތިވާ މުސީބާތްތަކުގެ ސަބަބުން ތިމާގެ ހިތައް އުފާވެރިކަމުގެ އިޙްސާސްވެރިކުރުވައެވެ. ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދުދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަސަދަވެރިކަން ސިފަކުރައްވާފައިވަނީ އެއަލިފާނަކަށްލެވޭ ދަރުތަށް އެކީ އަނދާހުސްކޮށްލާ މިސާލުގައެވެ. އެކަލޭގެފާނުގެ ހަދީޘްފުޅުގެ މާނައިގައިވެއެވެ. “ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ.” (އަބޫ ދާވޫދް)

ހަސަދަވެރިކަމަކީ ހިތުގެ ބައްޔެކެވެ. އޭގެސަބަބުން ތިމާގެ ހިތުގެ ސާފުކަން ކިލަނބުކޮށްލައެވެ. މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލުދެންނެވުނުހިނދު ހަދީސްފުޅުކުރެއްވިބަސްފުޅެއްގެ މާނައިގައިވަނީ “އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ.” އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވެވިއެވެ. “އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ ހިތެއްގެ ވެރިންނެވެ.”

އިޝްތިހާރު Below Header ad

ހަސަދަވެރިކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން އެކަމުން ސަލާމަތްވުމަށްއެދި ދެންނެވުމަށްޓަކައި ކީރިތި ޤުރުއާނުގައި އާޔަތްތަކެއް ބާއްވާލައްވާފައިވެއެވެ.

ހަސަދަވެރިކަމަކީ އެކަމުގެ ސަބަބުން އިންސާނާގެ އީމާންތެރިކަމާއި މުޅިން އެކަހެރިކޮށްލާ ކަމެކެވެ. އެހެނީ ހަސަދަވެރިކަމުގެ ސަބަބުން މާތްﷲ އެމީހަކަށް ރަޙުމްކުރުމުގައި ބޭއިންސާފުވެވޮޑިގެންފައިވާކަމުގެ އިޙްސާސްއެމީހަކަށް ކުރެވެންފަށައެވެ. އަދި މާތްﷲ އޭނާއަށް ދެވި ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދާންނެތޭގޮތް މެދުވެރިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީސްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. “އެބައިމީހުންނަކީ މާތްﷲ ދެއްވި ނިޢުމަތްތަކާމެދު ދެކޮޅުވެރިވެފައިވާބައެކެވެ.” އެބޭކަލުން ދެންނެވިއެވެ. “އެއީ ކޮންބައެއްތޯއެވެ؟” އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. “އެއީ ﷲ ގެ ރަޙްމަތުން އަނެކާއަށް ލިބިގެންވި ނިޢުމަތްތަކާއިމެދު ހަސަދަވެރިވާމީހުންނެވެ.” (އައްތަބަރާނީ)

މާތް ﷲ އެކަލާނގެ އިލްމުފުޅުގެ މަތިވެރިކަމަށް އެއްބަޔަކަށް އަނެއްބަޔަކަށްވުރެ މުދާވެރިކަމާއި، ޢިލްމާއި، ރީތިކަމާއި، ޖާހާއި، ދަރިން އިތުރުކޮށްދެއްވެވިއެވެ. އެހެންނަމަވެސް ޞާލިޙް އަޅުތަކުން ވާންޖެހެނީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާޙް އެބައިމީހުންނަށް މިންވަރުކުރެއްވި މިންވަރަށް ފުދިގެންވާބައެއްކަމުގައެވެ.

އިސްލާމްދީނުގައި ހަސަދަވެރިނުވުމަށް އެހާމެބޮޑަށް ބާރުއަޅުއްވާފައިވާއިރުވެސް އެކަމުގެ ސަބަބުން ތިމާއަށް ފައިދާކުރުވަނިވި ބައެއްކަންކަމުގައި އަނެކާއަށް ދެރައެއް ލިބުމަށް ނޭދޭހާލު ހަސަދަވެރިވުން ހުއްދަކުރައްވާފައިވެއެވެ. އެ ހަސަދަވެރިކަމަކީ ތިމާފިޔަވާ އެކަން ޙާޞިލްވެފައިވާ މީހުންގެ އަތުން އެކަން ނެތިދިއުމަށް ނޭދުމާއި އެކު އަދި އޭނާއަށް އެ ނިޢުމަތް ލިބިފައިވާކަމަށްޓަކައި ތިމާ އޭނާއަށް ނަފުރަތު ނުކުރާ ޙާލު ތިމާއަށްވެސް އެ ނިޢުމަތް ލިބުމަށް އެދުމެވެ.

ﷲ ގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވެއެވެ. ދެހާލަތެއްގައި ހަސަދަވެރިވުން ހުއްދައެވެ. އެއްހާލަތަކީ މާތްﷲ އެކަލާނގެ އަޅަކަށް ކީރިތި ޤުރުއާނުގެ ޢިލްމު ދެއްވާ މުޅި ރޭގަނޑު ޤުރުއާން ކިޔެވުމުގައި ހޭދަކުރާމީހާގެ މައްޗަށް ތިމާއަށްވެސް އެނިޢުމަތް ލިބި އެގޮތުގައި ޢަމަލުކުރުމަށް އެދި ހަސަދަވެރިވުމެވެ. އަދި އެމީހަކަށް މާތްﷲ މުދާވެރިކަމާއި ތަނަވަސްކަންދެއްވާ އެމުދާވެރިކަމާއި ތަނަވަސްކަން މާތްﷲ ގެ މަގުގައި ރެއާއިދުވާލު ހޭދަކުރާމީހާގެ މައްޗަށް ތިމާއަށްވެސް އެތަނަވަސްކަމާއި ނިޢުމަތް ލިބުމަށްއެދި އަދި އެގޮތުގައި ހޭދަކުރުމަށް އެދި ހަސަދަވެރިވުމެވެ.” އަދިވެސް އިތުރު އެކަލޭގެފާނު އިތުރަށް ހަދީޘްފުޅުކުރައްވާފައިވެއެވެ. “ތިމަންނާއަށް އޭނާއަށް އެލިބުނު ނިޢުމަތްލިބި އޭނާ ޢަމަލުކުރިފަދައިން ޢަމަލުކުރުމަށް ލިބޭނެނަމައެވެ” (ޞަހީހް ބުޚާރީއާއި މުސްލިމް)

މާތް ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައިވެއެވެ. މިއުންމަތުގެ މީހުގެ މިސާލު ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ މާތްﷲ އެމީހަކަށް މުދާވެރިކަމާއި ހިކުމަތް ދެއްވި މީހުންނެވެ، އެގޮތުން އޭނާ އޭނާގެ މުދާ ހިކުމަތްތެރިކަމާއިއެކު ހޭދަކުރެއެވެ. އަބަޔަކަށް ހިކުމަތް ދެއްވާ އެކަމަކު މުދާވެރިކަން ނުދެއްވާ މީހުންނެވެ. އޭނާ ބުނާނެއެވެ، ތިމަންނާއަށް މާތްﷲ މުދާވެރިކަން ދެއްވިނަމަ އެވެނި މީހަކު ހޭދަކުރި ފަދައިން ހޭދަކުރާހުށީމެވެ. އެދެބައިމީހުންނަށްވެސް މާތްﷲ އެއްފަދައަކުން ޖަޒާދެއްވާނެތެވެ. އެހެނީ އޭނާ މުދާވެރިއާއަށް ލިބިފައިވާ ތަނަވަސްކަން އޭނާގެ އަތުން ބީވުމަކަށް ނޭދެއެވެ. އެކަމަކު އެފަދަ މުދާވެރިކަމެއް ލިބި އޭނާފަދައިން ހޭދަކުރުމަށް އެދެއެވެ. އަނެއްބަޔަކީ އެބަޔަކަށް މާތްﷲ މުދާވެރިކަން ދެއްވާ އެހެންނަމަވެސް ޢިލްމައި ހިކުމަތް ނުދެއްވާ މީހުންނެވެ. އޭނާ އޭނާގެ މުދާ ހޭދަކުރަނީ އޭނާ ހިތުހުރިގޮތުގައެވެ. އަދި އެންމެ ފަހު ބާވަތަކީ އެބަޔަކަށް މުދާވެރިކަންވެސް އަދި ޢިލްމުވެރިކަންވެސް ނުދެއްވާ މީހުންނެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންނާއަށް އޭނާފަދައިން މުދާވެރިކަން ލިބުނުނަމަ އޭނާ އެމުދާ ހޭދަކުރާފަދައިން ހޭދަކުރާ ހުށީމެވެ. މާތްﷲ އެދެބާވަތުގެ މީހުންނަށްޓަކައިވެސް އެކަމުގެ ނުބައިކަން ލިއުއްވާހުއްޓެވެ. (އައް ތިރްމިޒީ އަދި އިބްނު މާޖާ)

އިންސާނުން ހަސަދަވެރިވުމަށް ކުރިމަތިވާ ބައެއް ސަބަބުތައް
ރުޅިވެރިކަމާއި ނަފުރަތު: މީހެއްގެ ފަރާތުން ކޮންމެވެސް ސަބަބަކާއިހުރެ ގެއްލުމެއްލިބިފައިވާމީހާ އޭނާއަށް އެގެއްލުމެއް ދިން މީހަކުދެކެ ރުޅިއާދެއެވެ. އަދި މިރުޅިވެރިކަމުގެ ސަބަބުން އޭނާގެ ހިތުގައި އަނެކާއިމެދު ނަފުރަތު އުފެދެއެވެ. އަދި އޭނާގެ ފަރާތުން ބަދަލުހިފުމަށް ބޭނުންވެއެވެ. އެގޮތުން އޭނާއަށް އަނިޔާކުޅަ މީހާއަށް ދެރައެއް ލިބުމުން އޭނާ އެކަމާ އުފާކުރެއެވެ. އަދި އޭމީހާއަށް އެލިބުނު ދެރައަކީ އޭނާއަށް އޭނާ ކުރި އަނިޔާގެ ބަދަލުގައި މާތްﷲ އޭނާއަށް ދެއްވާ އަޒާބެއްކަމުގައި އެނޭ ދެކެއެވެ.

ހަމަ އެފަދައިން އެމީހަކަށް އުފަލެއް ލިބިއްޖެނަމަ އޭނާ އެކަމާ ހިތާމަކުރެއެވެ. އެއީ ހަސަދައެވެ. އެހެނީ އޭގެ ސަބަބުން އޭނާއަށް ދެރަ ލިބުނު މީހާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެ ހަސަދަވެރިވާ މީހާގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯވެ އޭނާގެ އަމިއްލަ ނަފުސަށް އެތަކެއް ނޭދެވޭ އަސަރުތަކެއް އެކަމުން ކުރުވައެވެ.

އިސްވެދެންނެވެނު ހަސަދައިގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި އިސްލާމްދީނުގައި ވަނީ އަނެކާއަށް މަޢާފުކޮށް އެމީހެއްގެ ރުޅި ކޮންޓްރޯލްކުރުމަށް އިރުޝާދުދެއްވާފައެވެ.

ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެ ތަޢުބާވުން
ހަސަދަވެރިކަމުގެ ނުބައިކަމުން ސަލާމަތްވެ ތަޢުބާވުމަށް ކުރަންޖެހޭ ފުރަތަމަކަމަކީ އެކަމުގައި ތިމާ އިޙްލާޞްތެރިވުމެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “މުއުމިނެއްގެ ހިތުގައި އެކަންތައްތަކެއް ވުމަށް ނުރުހުންތެރިވެގެން ނުވާނޭ ތިންކަމެއް ވެއެވެ. އެއީ ޢަމަލުގައި އިޙްލާޞްތެރިވުމާއި، ވެރިންނަށް ނަޞީހަތްތެރިވުމާއި، މުސްލިމުންގެ ޖަމާއަތް ދޫކޮށްނުލުމެވެ. އެހެނީ އެބައިމީހުންގެ ދުޢާގައި އެބައިމީހުންނާއި އެކު ވާ އެންމެން ޝާމިލްވެގެންވެއެވެ.”
ދެވަނަ ކަމަކީ ހަސަދަވެރިވުމަށް މަގުފަހިކޮށްދޭ އެންމެހާ ކަންކަމުން ދުރުވެގަތުމެވެ. އެގޮތުން ރުޅިވެރިކަމާއި އަނެކާއަށް ނުރުހުންތެރިވުމާއި، ދުނިޔޭގެ ޒީނަތްތެރިކަމަށް ލޯބިކުރުމުންނާއި ޝަހުވަތަށް ލޯބިކުރުމުން ތިމާ ދުރުވާންޖެހޭނެއެވެ. ހަމަ އެހެންމެ ހިތްނުތަނަވަސްވެ މާޔޫސްވުމުންވެސް ތިމާ ދުރުވާންޖެހޭނެއެވެ.

އިންސާނާ ހިތްނުތަނަވަސްވެ މާޔޫސްވުން އިތުރުކުރުވަނީ އިންސާނާ އޭނާ ހެއްދެވި ވެރި އިލާހާއިމެދު ޣާފުލްވުން އިތުރުވިމިންވަރަކަށެވެ. އިންސާނާ އޭނާ ހެއްދެވި އިލާހު އެ އިލާހުގެ މަތިވެރި ސިފަފުޅުތަކާއި އެކަށީގެންވާގޮތުގައި އެއިލާހަށް އީމާންވާނަމަ އޭނާގެ ހިތްނުތަނަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. އެހެނީ އެ އިލާހަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވެރި އަދި އެންމެ އިންސާފުރި އިލާހުކަން އޭނާ ޔަޤީންކުރާނަމަ އެއިލާހުގެ މިންވަރުފުޅާއިމެދު އޭނާ މާޔޫސްވަގެން ނުދާނެއެވެ. އަދި އޭނާގެ ހިތުގައި އެމާޔޫސްކަމާއި ހިތްނުތަނަވަސްކަން ނުވާނަމަ އަނެކާގެ މައްޗަށް އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ނޯންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.