ބަރަކާތްތެރި ރަމަޟާން މަސް ހެޔޮގޮތުގައި ލިބިގަތުމަށްޓަކައި ؟

ބަރަކާތްތެރި މައްސަރެއް އަނެއްކާވެސް އަޅުގަނޑުމެންނާއި ކުރިމަތި ވަނީއެވެ.  އެމަހަކަށް އިންތިޒާރުކުރަމުން ގެންދާ ބަރަކާތްތެރި ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ އަރާ ހަމަކުރާއިރު، ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ފާފަތަކުން ތައުބާވުމަށެވެ. މިއީ މާތް ﷲ އިރާދަކުރެއްވި އަޅަކަށް ފާފަތަކުން ތައުބާވެ ސަލާމަތްވާން ލިބޭ ރަނުގެ ފުރުޞަތެކެވެ.

ޢުމުރުގައި މިވީ ތަނަށް ތިބާ ކިތައް ރޯދަ މަސް ލިބިއްޖެތޯއެވެ؟ މި އަހަރުގެ ރޯދަމަސް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ހެއްޔެވެ.؟  ވޭތުވެދިޔަ ރޯދަ މަސްތަކުގައި، ކަލޭގެ އަޅުކަން ކުރުން ހުރީ ކިހިނެއްހެއްޔެވެ؟ އީމާންތެރިކަން އިތުރުވި ހެއްޔެވެ.؟  ރޯދަ ހިފުމުގެ މައިގަނޑު މަޤްޞަދުކަމުގައިވާ ”އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.” ޙާޞިލު ކުރެވުނުހެއްޔެވެ؟

އިޝްތިހާރު Below Header ad

އެންމެ ފުރަތަމަ، މި ރޯދަ މަހުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ނަސީބު އަހަރެމެންގެ ޢުމުރުގައި، ﷲ ލެއްވުން އެދި ދުޢާކުރަމާ ހިނގާށެވެ. ރަޖަބް މަސް ފެއްޓުމުން ރަސޫލު -ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރައްވާ ދުޢާއަކީ ”ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ރަޖަބްމަހާއި ޝަޢްބާން މަހުގައި، އަހަރެމެންނަށް ބަރަކާތް ލައްވާފާނދޭވެ! އަދި ރޯދަ މަހާއި ހަމައަށް އަހަރެމެން ވާޞިލުކުރައްވާފާނދޭވެ!” (ރަވާހު އައްޠަބަރާނީ)

މި އަހަރު އަޅުގަނޑުމެންނާއި ކުރިމަތި ވަމުން މިއަންނަ ބަރަކާތްތެރި ރަމަޟާން މަސް ހެޔޮގޮތުގައި ލިބިގަތުމަށްޓަކައި، ކުރެވިދާނެ ބައެއް ކަންތައް ބަޔާން ކޮށްދެވޭތޯ ބަލާނަމެވެ.

އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ ނަސޫޚް ތައުބާއަކުން ތައުބާ އާކުރާށެވެ. ތެދުވެރި، މޮޅިވެރި ހިތަކާއެކު ﷲ ޙަޟްރަތުގައި މުނާޖާ ދަންނަވާށެވެ. ފާފައަށް އިޢްތިރާފުވެ، ކުށަށް އިޤްރާރުވާށެވެ. އަދި އެފަދަ ކަމެއް ދެން މުޅި ޙަޔާތުގައި ވެސް ނުކުރަން ޢަޒުމު ކަނޑައަޅާށެވެ. ފާފައިގެ މައްޗަށް ހިތާމަކޮށް ކަރުނަ އޮހޮރާށެވެ. މީހަކަށް އަނިޔާވެރިވެވިފައި ވާނަމަ، ޙައްޤު ކަނޑުވައި ޙައްޤު ރައްދުކުރާށެވެ. މީހަކާ ރުޅިވެރިވެގެން އުޅޭނަމަ، ޞުލްޙަވެރިވެ ޙަސަދައާއި ކެހިވެރިކަން ހިތުން ނެރެ ސާފުކޮށްލާށެވެ. މި ރޯދައަށް ފަހު ޙަޔާތުގެ އާ ޞަފުޙާއެއް ހުޅުވާށެވެ.

އޭގެ ފަހުން މި ރަމަޟާން މަހަކީ، ޙަޔާތުގެ މުހިއްމު މަގު ނިޝާނަކަށް ހަދަން ޢަޒުމު ކަނޑައަޅާށެވެ. އަދި މި ކަން ފުރިހަމަކޮށްދެއްވުން އެދި ދޫނުކޮށް، ކެނޑިނޭޅި ﷲ އަށް ދުޢާ ކުރާށެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަށެވެ.

ދެވަނަ ކަމަކީ ގިނައިން ޤުރުއާން ކިޔުމެވެ. މުޅި އަހަރު ތެރޭ ދުވަހަކު ވެސް ޤުރުއާން ނުކިޔަވާ ހުރީމާ، ފުރަތަމަ ފައްޓައިގަންނަ އިރު ކުޑަ އުނދަގޫ ކަމެއް ހުރެދާނެއެވެ. އެއީ ނުކިޔަވާ ނުކިޔަވާ ދުލުގައި ދަބަރު ޖެހުމުން ވާ ގޮތެކެވެ. ނަމަވެސް ކުޑަކޮށް ކެތް ކޮށްލާފައި، ކުރިއަށް ގެންދިޔައިމާ، ޤުރުއާނުގެ ފޮނިކަން ހިތަށް އިޙްސާސްވާނެއެވެ. ޢަރަބި ބަސް ނޭނގެއްޏާ ޤުރުއާނުގެ މާނައިގެ ތަރުޖަމާއެއް ހޯދާށެވެ.

މިހާރުއްސުރެ ވެސް، މިއަންނަ ރޯދަ މަހު ޤުރުއާން ކިޔަވާނެ ގޮތެއް ރާވާށެވެ. ކޮންމެ ދުވަހަކު ވެސް ކިޔަވާނެ ޚާއްޞަ ވިރުދެއް އެކަށައަޅާށެވެ. އަދި އެކަމުގައި އިލްތިޒާމުވާށެވެ. މުޞްޙަފުގައި ހުންނަނީ ގާތްގަނޑަކަށް 600 ޞަފުޙާ ކަމަށް ބަލަމާ ހިނގާށެވެ. ދެން މި ރޯދަ މަހު ތިރީސް ދުވަސް ހުރެއްޖެނަމަ، ސަތޭކަ ފަންސާސް ފަރުޟު ނަމާދު ކުރެވޭނެވެ. ވީމާ ކޮންމެ ނަމާދެއްގެ ކުރިން 4 ޞަފުޙާ ޤުރުއާނުން ކިޔަވައިފިނަމަ، ޚަތިމެއް ކުރެވޭނެއެވެ. މިއަށް ވުރެ ވެސް އަދި ޘަވާބު އިތުރުކޮށްލަން ބޭނުމިއްޔާ، ނަމާދުގެ ފަހުން ވެސް 4 ޞަފުޙާ ކިޔަވާށެވެ. މީކީ މާކަ ގިނަ ވަގުތެއް ދާނެ ކަމެއް ވެސް ނޫނެވެ. މުދިމު ބަންގިދީފައި ނަމަދު ކުރުމާ ދެމެދު އެ އޮންނަ ވަގުތުކޮޅު ތެރޭ ވެސް މިކަން ކުރެވިދާނެއެވެ.

ވިސްނާލަ ބަލާށެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އެފަދަ މާތް އެއްޗެއް ކިޔަވަން، ފުރުސަތު ލިބުމަކީ ކިހާ މަތިވެރި ނަސީބެއް ހެއްޔެވެ؟ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތް ކިޔައި، އެ ކަލާނގެ އަމުރުތަކާއި ނަހީތައް ބަލައި، އިރުޝާދާއި ވާހަކަ ތަކުން ޢިބްރަތް ލިބިގަތުމަށް ވުރެ މަތިވެރި ޝަރަފެއް ކޮބައި ހެއްޔެވެ؟ ޤުރުއާން ކިޔެވުމުން ހިތަށް ލިބޭ ފޮނިކަން އިޙްސާސްވާނީ ހަމަ އެ ކިޔަވާ މީހަކަށެވެ.

ތިންވަނަ ކަމަކީ ކުރިން ނަމާދުގެ ރަވާތިބު ސުންނަތްތައް ނުކުރާ ކަމަށް ވަންޏާ، މި މަހަކީ މިކަން ކުރާނެ މަހަކަށް ހަދާށެވެ. ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތް، މެންދުރު ނަމާދު ކުރީގައި ދެ ރަކްޢަތް (ނުވަތަ ހަތަރު ރަކްޢަތް) އަދި ފަހުގައި ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުގައި ދެ ރަކްޢަތް، އަދި ޢިޝާ ނަމާދުގެ ފަހުގައި ވެސް ދެ ރަކްޢަތް ކުރުމުން، ރާތިބު ސުންނަތް ކުރެވުނީއެވެ. އަދި މިކަމުގެ ޘަވާބަކީ ސުވަރުގޭގެ އިތުރު ގަނޑުވަރެކެވެ. މިއީ ޞައްޙަ ޙަދީޘެއްގައި ވާ ވާހަކައެކެވެ. އަދި ޟުޙާ ނަމާދު ކޮށްލެވުނިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ހަމަ އެހެންމެ، ވާރިދުވެފައިވާ ޞައްޙަ ދުޢާތަކެއް ވެސް ކިޔޭތޯ ބަލާށެވެ. އަދި އެންމެ މަދުވެގެން ވެސް ތިން ރަކްޢަތުގެ ދަމުނަމާދެއް ކުރެވޭތޯ ބަލާށެވެ.

ރޯދަމާއި ގުޅޭ މައުލޫމާތު ގިނައިން އުނގެނޭށެވެ. ގިނައިން އުނގެނުނު ވަރަކަށް އީމާންކަން އިތުރަށް ގަދަވެއެވެ. ދީނުގެ  ޢިލްމަކީ، ސީދާ މަގުން މީހާ ކައްސައިލިޔަސް، މަގު ސީދާކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ. ވީމާ ޢިލްމު އުނގެނޭށެވެ. ދީނީ ފޮތްތައް ކިޔައި ބަލާށެވެ. ޤުރުއާނުގެ މާނަ ދަސްކުރާށެވެ. ހިތަށް އަރާ ސުވާލެއް އޮތިއްޔާ، އެނގޭ މީހަކާ އެ ސުވާލު ކޮށް އޮޅުން ފިލުވާށެވެ.

ރަމަޟާން މަހަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ދީލަތިވެވަޑައިގަންނަވާ މައްސަރެވެ. ވީމާ އަހަރެމެން ވެސް އެހެން މަސްމަހަށް ވުރެ، މި މަހުގައި ދީލަތިވަމާ ހިނގާށެވެ. ރޯދަ މަސް ނިމިގެން ދާއިރު، އެންމެ ރުފިޔާއެއް ވެސް ޞަދަޤާތް ނުކުރާ މީހުން އުޅެއެވެ. ގިނަ މީހުން އެކަން ނުކުރަނީ ހަނދާނަށް އެކަން ނާންނާތީއެވެ. ވީމާ، މިފަހަރު ހަނދާން ނުނެތޭނެ ފަދައަކުން ލިޔެގެން ނަމަވެސް މިކަން ކުރަމާ ހިނގާށެވެ.

ގާތް ތިމާގެ މީހަކާއި މައްސަލައެއް ޖެހިފައި އޮތްނަމަ މި މަސް އައުމުގެ ކުރިން، އެ މައްސަލަ ހައްލުކުރާށެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވާނަމަ، އެކަން ހުއްޓާލާށެވެ. ދަރިންނަށް ނުބައިކޮށް ހިތައި، ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ އެކަންވެސް ރަނގަޅު މަގަށް އަޅުވާށެވެ. އަނބިމީހާއަށް ނުބައިކޮށް ހިތައި، އޭނާއަށް އަހުވަ ދައްކާނަމަ، އެކަމުން ތައުބާވެ އަދި އޭނާގެ ކިބައިން މާފަށް އެދި، ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރާށެވެ.

ނެތި މޮށުމާއި ދެބައޮޑުވުން ފަދަ އަމަލްތަށް ހުއްޓާލާށެވެ. އެއްވެސް ކުނި ބުންޏެއް ނެތް، ސާފު ރޯދައެއް ހިފުމަށްޓަކައި މި ދެކަންތަކުން ދުރުހެލިވާންޖެހެއެވެ. މުސްލިމުންގެ މަސް ކެއުން އެއީ މީރު ރަހަ ދޭނެ ކަމެއް ނޫނެވެ. އެއްޗެއް ބުނަންޏާ ހެޔޮ ބަހެއް، ތެދުވާހަކައެއް، ނަސޭހަތެއް، ބުނާށެވެ. ދޮގުވާހަކަ، ނެތިމޮށުން، ޙަޤީޤަތް އޮޅުވާލުން، މުޖްތަމަޢުގައި ހިނގާ ނުބައި ކަންތައްތައް ފާޅުކޮށް އެކަން ފެތުރުން ހުއްޓާލާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.