އޭ އަޚާ އެވެ! އެހެން މީހުން ބަދުނާމު ކޮށް ދޮގުވާހަކަ ނުފަތުރާށެވެ.

އެއްވެސް އަޞްލެއް އަސާސެއް ނެތް ވާހަކަތައް ދައްކައި އަމިއްލަ އެދުން ކުރިޔަށް ނެރެގެން، މީހުން ބަދުނާމުކުރުމަކީ އުފަލެއްކަމުގައި ދެކޭ ބައެއް މީހުން ކުރާ ކަމެކެވެ. އެފަދަ މީހުން ދެކޭގޮތުގައި ތިމާ ހިއްހަމަ ނުޖެހޭ ނުވަތަ ތިމާ ނަފްރަތު ކުރާ އަޚާ ފަޟީހަތް ކޮށް އަގުވައްޓާލުމަށް ހަޤީޤަތެއް ނެއް ދޮގުވާހަކަތައް ފަތުރާ ހެދުމަކީ ތިބާއަށް ލިބޭ ބޮޑު ކާމިޔާބެކެވެ. ލިބޭ ހިއްހަމަ ޖެހުމެކެވެ. ނަމަވެސް އެކަމުގައި ހުރި ނުރައްކާތެރިކަމުގެ ބޮޑުކަމާއެވެ. ލޮބުވެތި އަޚުނަނާއި އުޚުތުންނެވެ.  އެއީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ. މާޓް ﷲ ނަހީކުރައްވާފައިވާ ކަމެކެވެ.

އެހެންކަމުން ތިބާއަށް އެހެން މީހުންގެ ކިބައިން ލިބޭ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްކަން ކަށަވަރު ކޮށް ޔަގީން ކުރުމަށް އިސްލާމް ދީނުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.  މިހެން ދީނުގައި އަންގަވާފައިވަނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ނުބައިކަމުގެ ބޮޑުކަމުންނެވެ.

އިޝްތިހާރު Below Header ad

ތުންތުންމަތީން އިވޭ ވާހަކަތަކާއި ހީގެ މައްޗަށް ބިނާކޮށް މީހުންދައްކާ ވާހަކަތަކާއި މީހުންގެ ޝަޚުޞިއްޔަތު ބަދުނާމުކުރުމަށް އުފައްދާ ވާހަކަތައް ފަތުރައި ލުމަކީ މަޢުލޫމާތުގެ މި ޒަމާނުގައި ދާދި ފަސޭހަކަމެކެވެ. އަދި ގަސްތުގައި މިފަދަ ވާހަކަތައް އުފައްދައިގެން އަބަދު އެ ވާހަކައެއް ދައްކައިގެން އެއީ ތެދުކަމުގައި މީހުންނަށް ގަބޫލުކުރެވޭވަރު ވެސް ބައެއް މީހުން ކުރެއެވެ. މި އީ ކޮންފަދަ ބޮޑު ކަމެއްކަން އިޙުސާސްކުރެވުމެއް ނެތިއެވެ.

މުސްލިމުންކުރެ އެއްބަޔަކު އަނެއް ބަޔަކަށް ޣީބަބުނުމަކީ މީހަކު އޭނާގެ އަޚާގެ މުޅަ މަސް ކެއުމާ އެއް ފަދަކުރައްވައިފައިވާ ކަމެކެވެ. އެހެންވީ އިރު އަދި ހަދަހަދައިގެން މީހުން ބަދުނާމުކުރުމުގެ ނުބައިކަމާމެދު އޮތީ ހީކޮށްލުން ނޫންތޯ އެވެ.

މިދެންނެވި ކަންކަމަކީ އެކަންކަން ނުކުރުމަށް މާތް ﷲ ވަރަށް ވަރުގަދައަށް އަމުރުކުރައްވައިފައިވާކަންކަމެވެ. ސޫރަތުލްޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ياأيها الذين آمنوا لا يسخر قوم من قوم عسى أن يكونوا خيرا منهم ولا نساء من نساء عسى أن يكن خيرا منهن( (“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުވެދާނެތެވެ. އަދި އަންހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުވެދާނެތެވެ.”)

މިހެން އެންގެވުމާއެކު އާޔަތުގައި ދެން އަންގަވަނީ ކީކޭ ކަމަށްތޯއެވެ؟ އަންގަވަނީ ” ولا تلمزوا أنفسكم ولا تنابزوا بالألقاب” (“އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް (އެބަހީ: އެކަކު އަނެކަކަށް) ޢައިބު ނުކިޔާށެވެ! އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ފަދަ ލަޤަބުތަކުން ނުގޮވާށެވެ!”) މިފަދައިންނެވެ. މިފަދަ ގަދަފަދަ އަމުރުން އަމުރުކުރެއްވުމަށްފަހު، ހަމަ އެ އާޔަތުގައި އެކަމުގެ ނުރައްކާތެރިކަމަށް ވެސް ވަނީ އިޝާރާތްކުރައްވައިފައެވެ. ވަޙީކުރައްވަނީ ” بئس الاسم الفسوق بعد الإيمان ومن لم يتب فأولئك هم الظالمون” (“އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރީންނެވެ!”)

މީހުންނަށް ފުރައްސާރަކޮށް މީހުންނަށް ނުބައި ނަންތަކުން މުޚާޠަބުކުރުމަކީ ފާސިޤުން ކަމަށް މިއާޔަތުގައި މިވަނީ އިޝާރާތްކުރައްވައިފައެވެ. އަދި (ތެދުވެރި ތައުބާއަކުން) އެފަދަ މީހަކު ތައުބާނުވެއްޖެނެ ނަމަ، އެފަދަ މީހުންނަކީ އަނިޔާޥެރީން ކަމުގައިވެސް މާތް ﷲ މިވަނީ ކަނޑައަޅުއްވައިފައެވެ.

އަނިޔާވެރިއެއްކަމުގައި ﷲ ކަނޑައަޅުއްވައިފި މީހަކަށް ހުރި ނުރައްކާތެރިކަމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތެވެ. އެ މީހަކު ވާހުށީ އެ ކަލާނގެ ރަޙުމަތުން ބޭރުކުރެވިގެންނެވެ. ޤިޔާމަތްދުވަހުން އޭނާވާހުށީ ޖަހަންނަމައިގެ އެންމެ އަޑީގައެވެ.

އެހެންވީމާ، އަޅުގަނޑުމެން މުސްލިމުން މިފަދަ ނުރައްކާތެރި ކަންތައްތަކުންސަލާމަތްވެގެން ތިބުމަށްޓަކައި ދޮގު މަޢުލޫމާތު ތަކަށް ބިނާކޮށް ކަންކަން ނުނިންމާށެވެ.  އެހެން މީޙުން ބަދުނާމުކޮށް ނަހަދާށެވެ.  ތިމާގެ އަމިއްލަ އެދުން އިސްކޮށް ތިމާގެ އަޚާގެ ބޮލުގައި ދޮގު ތުހުމަތުތަށް އަޅުވާ އަގުވައްޓާލަން މަސައްކަތް ނުކުރާށެވެ.  ތިބާގެ އަޚާގެ އަގުވައްޓާލަން ފަތުރާ ހަޤީޤަތާއި ޚިލާފު ވާހަކަތަކުން ތިބާއަށް ލިބޭނެ އެއްވެސް ފައިދާއެއް މަންފާއެއް ލިބޭނެ ކަމަށް ހީނުކުރާށެވެ. އޮތީ ގެއްލުމާއި ހަލާކެވެ. އަވަހަށް ތައުބާވެ މާތް ﷲ ގެ މަގަށް ރުޖޫޢަވާށެވެ .

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.