އިރުމަތީ ޣޫތާއަށް ގެންދިޔަ އެހީގެ ބައެއްތަކެތި ސީރިޔާ ސަރުކާރުން ހިފަހައްޓައިފި

ސީރިޔާގެ އަސްކަރިއްޔާއިން އިރުމަތީ ޣޫތާއަށް ޙަމަލާ ދޭން ފެށިތާ އެއް މަސް ވުމާއި ގާތްވެފައި ވަނިކޮށް އިންސާނީ އެހީ ހިފައިގެން ދިޔަ ފުރަތަމަ ވަފުދު ޣޫތާއަށް ހިނގައްޖެއެވެ.

ސީރިޔާގެ ސެކިއުރިޓީ ޗެކް ޕޮއިންޓަކުން އިންސާނީ އެހީއާއި ބޭސް ހިފައިގެން ދިޔަ 46 ޓްރަކް ޣޫތާއަށް އެތެރެ ވުމަށް ސީރިޔާ އަސްކަރިއްޔާއިން ހުއްދަ ދިން ނަމަވެސް، އެހީގެ ތަކެތީގެ ތެރޭގައި ހުރި ބައެއް މުޙިއްމު ބޭސްތަކެއް އަސްކަރިއްޔާއިން ވަނީ ޣޫތާއަށް އެތެރެ ކުރުން މަނާކޮށް އެ ތަކެތި ހިފަހައްޓާފައެވެ.

ރެޑް ކްރޮސްގެ މެދުއިތުމަތީ އޭޝިޔާގެ އޮޕަރޭޝަންސްތަކާ ބެހޭ އެންމެ އިސް ވެރިޔާ ރޮބަޓް މާޑިނީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޣޫތާގައި ޙާލުގައި ޖެހިފައިވާ އާންމުންނަށް ބޭނުންވާ އެހީގެ ތަކެތި ހިފައިގެން ވަފުދެއް ވަރަށް އަވަހަށް އިރުމަތީ ޣޫތާއަށް ފޯރާނެ ކަމަށެވެ.

ރެޑް ކްރޮސްއިން ފޮނުވި އެހީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ބޭހާއި ސާރޖަރީއަށް ބޭނުންވާ ސާމާނުގެ އިތުރުން 27،500 މީހުންނަށް ބޭނުންވާ ވަރަށް 5500 ގޯނި ކާނާއާއި ފުށުގެ ބާވަތްތަކެވެ.


ވީޑިއޯ: އަލްޖަޒީރާ

އެހީގެ ތަކެއްޗާއެކު ދިޔަ ވަފުދުގައި ހިމެނޭ އދ ގެ ސީނިއަރ އޮފިޝަލެއް ކަމަށްވާ ޢަލީ އައް ޒަތާރީ ރޮއިޓާރސްއަށް މަޢުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެހީގެ މި ތަކެތި ޓްރަކްތަކުން ބޭލުމަށް ވަރަށް ގިނަ ވަގުތު ނަގާނެ. އަދި ޣޫތާއިން ނިކުމެވޭ ވަރު ވާނީ ރޭގަނޑު ދަންވާ ފަހުން ކަމަށް ދެކެލައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހީގެ ވަފުދާއެކު އިރުމަތީ ޣޫތާއަށް ދިޔަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެހީގެ  ތަކެއްޗާއެކު ގެންދިޔަ ބޭސް ފަރުވާގެ ތަކެތީގެ 70 އިން ސައްތަ ސީރިޔާގެ އަސްކަރިއްޔާއިން ވަނީ ޣޫތާއަށް އެތެރެ ކުރިޔަނުދީ ހިފަހައްޓާފައެވެ. ހިފެހެއްޓި ތަކެތީގެ ތެރޭގައި ހިމެނެނީ ކުއްލި ޙާލަތުގައި ބޭނުންކުރާ ބޭސްފަރުވާގެ ސާމާނާއި، ސާރޖަރީއަށް ބޭނުންވާ ސާމާނާއި އިންސުލިން އަދި އެނޫންވެސް އަގުހުރި ބޭނުންތެރި ތަކެތި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ރެޑް ކްރޮސް އިން ވެސް ވަނީ ސީރިޔާގެ ސަރުކާރުން އެ ތަކެތި ހިފެހެއްޓިކަން ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެ ޖަމާއަތުން ދީފައެއް ނުވެއެވެ. 

ފެބްރުއަރީ 18އިން ފެށިގެން ދެމުންދިޔަ މި ޙަމަލާތަކުގައި 700 އަށް ވުރެ ގިނަ އާންމު ރައްޔިތުން މިހާތަނަށް ވަނީ ޝަހީދު ވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ، އާންމުންގެ ތެރެއިން އަންހެނުންނާ ކުޑަކުދިން ވަނީ ޒަޚަމް ވެފައެވެ.

ބަޝާރު އަސަދުގެ ސަރުކާރު ޤަބޫލު ނުކުރާ އިދިކޮޅު ފަރާތްތަކުން 2013ގައި އިރުމަތީ ޣޫތާގައި އަތްގަދަ ކުރި ފަހުން ސީރިޔާ ސަރުކާރުން ވަނީ އިރުމަތީ ޣޫތާ ވަށައިގެން ބަންދުކޮށް، އެ ސަރަހައްދު ހިފަން ކެނޑިނޭޅި މަސައްކަތް ކޮށްފއެވެ. އެ ސަރަހައްދަކީ މިހާރު 400،000 މީހުންގެ އާބާދީއެއް ހިމެނޭ ސަރަހައްދެކެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ސީރިއަން އޮބްސަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން މަޢުލޫމާތުދޭ ގޮތުގައި، ސީރިޔާ  ސަރުކާރުން މިހާރު ފަށާފައިވާ ޙަމަލާތަކުގައި ހޯމަ ދުވަހު ދިން ޙަމަލާތަކުގައިވެސް 45 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރެއިން 19 މީހުން ޝަހީދުވެފައި ވަނީ ހަމޫރިއްޔާ އަވަށުގައި ކަމަށް ވެސް އެ ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ. އަދި ސީރިޔާ އަސްކަރިއްޔާއިން ވަނީ އެ އަވަށަށް ބެރެލް ބޮން އަޅާފައި ކަމަށް ވެސް ބުނެއެވެ.

އެ ޖަމާޢަތުން އިތުރަށް ބުނެފައި ވަނީ، ފުނޑު ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަމުންދާ ވަރަކަށް، ޝަހީދުވި މީހުންގެ ޢަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.


އދގެ އޮފިޝަލް ޒަތާރީ ބުނެފައި ވަނީ، ޙަމަލާދިނުން ހުއްޓާލައި އެހީގެ ތަކެތި އެތެރެ ކުރުމަށް މަގުފަހި ކުރުމަށް ޤަރާރެއް ފާސްކޮށް އަދި އެއްބަސްވުމެއް އެކުލަވާލާފައި ވަނިކޮށްވެސް، ސީރިޔާ ސަރުކާރުން ހުއްޓާނުލާ އިރުމަތީ ޣޫތާއަށް ޙަމަލާ ދެމުން ދާތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެހީގެ ތަކެތި ރަނގަޅު ޙާލަތުގައި އާންމު ރައްޔިތުންނަށް ފޯރާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ވެސް ޒަތާރީ ބުނެފައިވެއެވެ. 

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އދ ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ޤައުމުގެ އިއްތިފާޤުން ފާސްކުރި 30 ދުވަހަށް ޙަމަލާ ދިނުން ހުއްޓާލުމާ ބެހޭ ޤަރާރު ވަނީ ނާކާމިޔާބު ވެފަ. އެ ޤަރާރު ފާސްކުރުމަށް ފަހުވެސް، ރަޝިޔާގެ މަދަދާއެކު ސީރިޔާ ސަރުކާރުން ދަނީ އިރުމަތީ ޣޫތާއަށް ޙަމަލާ ދެމުންނެވެ.

އެ ޤަރާރު ފާސް ކުރުމަށް ތާޢީދުކޮށް ރަޝިޔާއިން ވެސް ވޯޓު ދީފައިވެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.