އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެތް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދު ﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތިމަންމެނަށް ކުރަންޤަޞްދުކުރާ ކޮންމެ ހެއުކަމެއް ކުރުމުގައި އިސްތިޚާރާ ކުރުމަށް ދަސްކޮށްދެއްވައެވެ. ތިމަންމެނަށް ޤުރްއާނުގެ އާޔަތް ދަސްކޮށްދެއްވާ ފަދައިންނެވެ.

އިޝްތިހާރު Below Header ad

އެކަލޭގެފާނު ޙަދީޘު ކުރައްވާފައި ވެއެވެ. ތިޔައިން މީހަކު ކަމެއް ކުރުމަށް (ޢަޒުމު ކަނޑައެޅުމަކާނުލައި) ޤަޞްދުކޮށްފިނަމަ ފަރުޟުނަމާދު ނޫން ދެރަކްޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު މިފަދައިން ދުޢާ ދަންނަވާށެވެ. ދުޢާގެ ފަހުން ތިމާ ކުރަން ޤަޞްދުކުޅަ ކަމެއްގެ ނަން ގަންނާށެވެ.

ދަންނަބޭކަލުންގެ ތެރެއިން އިމާމު ނަވަވީއާއި އިބްނު ޙަޖަރު ވިދާޅުވަނީ މިތާނގައި ކަމެއްގެ މުރާދަކީ ވާޖިބުކަންތަކާއި ސުއްނަތް ކަންތަކާއި ޙަރާމް ކަންތަކާއި މަކްރޫހަ ކަންތައް ފިޔަވައި ހުއްދަވެގެންވާ އެހެނިހެން ކަންތައްތަކުގެ ވާހަކައެވެ.

އެއީ މިބުނެވުނު ފަދަކަމެއް ކުރުމަށް ނުވަތަ ނުކުރުމަކަށް އިސްތިޚާރާ ކުރުން ހުއްދައެއް ނުވާނެއެވެ. އެއާ ޚިލާފަށް ދީނާއި ދުނިޔޭގެ ޢާއްމު ހުއްދަކަންތައް ކުރުމުގައި އިސްތިޚާރާ ކުރުން ރަނގަޅުވާނެއެވެ. އެދުޢާއަކީ:

اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ (އެކަމެއް ހިތަށް އަރުވާފައި) خَيْرٌ لِي فِي دِينِي وَمَعَاشِي  وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ  (އެކަމެއް ހިތަށް އަރުވާފައި) شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ، ثُمَّ ارْضِنِي بِه

މާނައީ: ” އޭ ﷲ ! އަޅު ތިޔައިލާހުގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި ތިޔައިލާހުގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. ތިޔައިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ އިލާހުއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ ތިޔައިލާހެވެ.

އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަތިޔައިލާހެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭ ﷲ ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި  އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ.

އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އޭ ﷲ ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި  އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް ތިޔައިލާހު ރުހިވޮޑިގަންނަވާނދޭވެ.”

މިދުޢާ ގިނަގިނައިން އެއްކަމަކާ ތަކުރާރުވެސް ކުރެވިދާނެއެވެ. އަދި ދުޢާ ކުރުމަށް ފަހު އެކަމަކާ ގުޅޭގޮތުން ކަންތައް މެދުވެރިވާ ގޮތަކީ އެންމެ ހެޔޮގޮތް ކަމަށް ޤަބޫލުކުރާށެވެ. ކަމެއް ނިންމުމުގެ ކުރިން މިދުޢާކޮށްފިމީހަކަށް ދެރަ ގޮތެއް މެދުވެރި ނުވާނެއެވެ.

މީގެ ފައިދާ އަކީ ތިމާ ކުރިމަތިލާން މިއުޅެ ކަމަކީ ރަގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމެވެ. ޣައިބު ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. އަހަރުމެން އެއްވެސް މީހަކަށް ޣައިބެއް ނޭނގެއެވެ. والله أعلم

ޖަވާބު ދެއްވީ: އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.